twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފާހާނާ ފްލަޝްކޮށްލާ ކޮންމެ ފަހަރަކު ދަތްއުނގުޅާ ބުރުހަށް ޖަރާސީމުގެ އަސަރު ކުރޭ

Oct 2, 2014

ދަތް އުނގުޅާ ބުރުހަކީ ތިމާ އެންމެ ގިނައިން ބޭނުންކުރާ އެކައްޗަށްވެފައި އެއާ މެދު ފަރުވާތެރިވެވެނީ ކިހާ މިންވަރަކަށް ކަމާމެދު ވިސްނާލިންތޯއެވެ؟ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓަރއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހާމައަށް އޮންނަ ދަތް އުނގުޅާ ބުރުހެއްގައި 100 މިލިއަނަށްވުރެ ގިނަ ޖަރާސީމު ނުވަތަ ބެކްޓީރީއާ އަށަގަނެފައި ހުރެއެވެ. މީގެ ތެރޭގައި ޑައިރިއާ އަދި ހަމުގެ ބަލިތައް ޖައްސާ އީ ކޮލީ ބެކްޓީރީއާ އާއި ސްޓެފް ބެކްޓީރިއާފަދަ ނުރައްކާތެރި ބެކްޓީރިއާތައްވެސް ހިމެނެ އެވެ.

ހަޤީޤަތުގައި އަޅުގަނޑުމެންގެ އަތާއި އަނގައަކީ އެންމެ ގިނަ ޖަރާސީމު އަށަގަންނަ ދެ ގުނަވަނެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިފާއީ ނިޒާމުގެ ފުރިހަމަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން ތަފާތު ގިނަ ބަލިތައް ޖެހުމުގެ ކުރިން އެކަމުން ސަލާމަތްކޮށްދެ އެވެ. އެހެނަސް ވިސްނާލަން ޖެހޭ ނުކުތާއަކީ ވަކި ވަރަކަށްވުރެ މައްޗަށް ނުވަތަ އިންބެލެންސް އެއް އުފެދޭ ހިސާބަކީ މައްސަލަތައް ފެށޭ ހިސާބަށްވުމެވެ. އެގޮތުން އެހެން މީހުންގެ ބުރުސް ބޭނުންކުރުމާއި އެހެން މީހުންގެ ބުރުހާއެކު ތިމާގެ ބުރުސް ބެހެއްޓުންފަދަ ކަންތައްތަކުގެ ސަބަބުން މައްސަލަތައް ފެށެން މެދުވެރިވެ އެވެ.

އާންމުކޮށް ގޭތެރޭގައި ބޭނުންކުރާ ފާހާނާތައް ހަދާފައި ހުންނަނީ ވަރަށް ކުޑަ ގޮޅިއެއްގަ އެވެ. އަދި ދަތް އުނގުޅާ ބުރުސްވެސް ބަހައްޓަނީ ބުރުސް ހޯލްޑަރއެއްގައި އެ ކުޑަކުޑަ ފާހާނާ ތެރޭގަ އެވެ. ފާހާނާ ފުލަޝް ކޮށްލާ ކޮންމެ ފަހަރަކު ޖަހާލާ ސްޕްރޭއެއް ފަދައިން ޖަރާސީމްތައް ފެނުގެ ސިފައިގައި ވައިގެ ތެރޭގައި ފެތުރި ގަނެއެވެ. އަދި ދަތްއުނގުޅާ ބުރުހަކީ ޖަރާސީމުތައް ގޮސް ހާލިހަދާ އެންމެ އާންމު އެއް ތަނެވެ. އަޅުގަނޑުމެން ކާން ބޭނުންކުރާ ތަށިތައް ފާހަނާގައި ބަހައްޓަން ބޭނުން ނުވާ ފަދައިން އަޅުގަނޑުމެންގެ ދަތް އުނގުޅަން ބޭނުން ކުރާ ބުރުސްވެސް ފާހަނައިން ބޭރުގައި ބެހެއްޓުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ދަތް އުނގުޅާ ބުރުސް ބަހައްޓާ ހޯލްޑަރ ނުވަތަ ތަށިގަނޑަކީ ގޭގައި ހުންނަ ތަކެތީގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ޖަރާސީމު ހުންނަ އެތި ކަމަށް އެން.އެސް.އެފް އިންޓަނޭޝަނަލް އިން ކުރި ދިރާސާއަކުން ދައްކަ އެވެ. މީގެ ސަބަބުން ދަތްފަނިކެއުމާއި ތަފާތު ވައްތަރުގެ ހިރުގަނޑުގެ ބަލިތަކާއި އަނގައިގެ ބަލިތައް ޖެހުމަށް މެދުވެރިވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ގިނަ މީހުނަށް ތަކުލީފު އުފުލަން ޖެހިފައިވާ އެއް ބައްޔަކީ ދަތްފަނި ކެއުމެވެ.

ދަތް އުނގުޅާ ބުރުސް ސާފުތާހިރުކޮށް ބެހެއްޓުމަށާއި އޭގެން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ދަތް އުނގުޅަން ފެށުމުގެ ކުރިން ފެނުން ބުރުސް ދޮވުމާއި، ދަތް އުނގުޅުމަށްފަހު ބުރުސް ބޭއްވުމުގެ ބަދަލުގައި ސާފުކުރުމަށްފަހު ކޮޅަށް ބުރުސް ބެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން ކިތަންމެ ގާތް މީހެއް ނަމަވެސް އެހެން މީހެއްގެ ބުރުސް ބޭނުން ނުކުރުމާއި އެހެން މީހުންގެ ބުރުސް ހޯލްޑަރގައި ނުބެހެއްޓުން ހިމެނެ އެވެ. އެގޮތަށް ބުރުސް ބަހައްޓާނަމަ އެއް ބުރުހުން އަނެއް ބުރުހަށް ޖަރާސީމު ދަތުރުކުރުން އިތުރުވެގެންދެ އެވެ.

ދަތް އުނގުޅުމަށްފަހު ބުރުސް ހިކޭނޭހެން ބެހެއްޓުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބުރުސް ނުހިއްކާ ކަވަރެއް އެޅުވުމަކީ ވަރަށް ނުރަނގަޅު އާދައެކެވެ. ސަބަބަކީ ތެތްކޮށް ހުންނަ ތަކެތީގައި ޖަރާސީމު އަށަގަތުމުގެ ޗާންސް ބޮޑުވީމަ އެވެ. އަދި ބައްޔެއް ވެއްޖެނަމަ އެ ދުވަސްވަރު ގެންގުޅުނު ބުރުސް ބަލި ފަސޭހަ ވުމަށް ފަހު ނުގެންގުޅުމާއި ޤަވައިދުން ތިން މަހުން ނުވަތަ ހަތަރު މަހުން އެއްފަހަރު ބުރުސް ބަދަލުކުރަން އާދަކުރަން ޖެހެއެވެ.

ތެދަށް ބުނަންޏާ ނިސްބަތުން އަޅުގަނޑުމެންގެ ތެރޭގައި ބަލިތައް ފެތުރޭ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނޭ ބުނާ ފަދައިން ބަލިތައް ޖެހުމުގެ ކުރިން އަޅުގަނޑުމެން ދުރާލާ ފިޔަވަޅު އަޅަން އެބަ ޖެހެއެވެ. އަޅުގަނޑުމެން ދަތް އުނގުޅަން ކަންނެތްވާ ކޮންމެ ފަހަރަކު ދަތް ނުއުގުޅާ ހުރުމުން އެކަމުގެ ސަބަބުން އިތުރުވެގެންދާނެ ޖަރާސީމުތަކާމެދު ވިސްނާ ޤަވައިދުން ދަތް އުނގުޅަން އާދަކުރަން ޖެހެއެވެ. އަދި އާއިލާގެ މެންބަރުންނަށް މިކަމުގެ މެސެޖްތައް ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355