ރިތިކް ރޯޝަން އާއި ކެޓްރީނާ ކައިފް ހަރަކާތްތެރިވާ “ބޭންގް ބޭންގް” ރިލީޒްވިތާ ފަސް ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
އެގޮތުން ރިލީޒްވިތާ ތިން ދުވަހުގެ ތެރޭގައި މި ފިލްމަށް ވަނީ 125 ކުރޯޑް ރުޕީސް ލިބިފަ އެވެ. އަދި މި ފިލްމް ރިލީޒްވިތާ ފަސް ދުވަސް ވެފައިވާއިރު މި ފިލްމް މިހާރު ވަނީ 175 ކުރޯޑްއަށް ވުރެ ގިނަ ރުޕީސް ހޯދާފަ އެވެ.
ޓޮމް ކުރޫސްގެ “ނައިޓް އެންޑް ޑޭ” އަސްލަކަށް ބަލައިގެން ހަދާފައިވާ މި ފިލްމަކީ މިހާތަނަށް ރިތިކްގެ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލްމެވެ. އަދި މިއީ ކެޓްރީނާގެ ޖެހިޖެހިގެން ރިލީޒްވި 3 ވަނަ “ބްލޮކް ބާސްޓާ” ފިލްމެވެ.
ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު “ބޭންގް ބޭންގް”ގެ ޓްރެއިލާއަށް ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭ 2.33 މިލިއަނަށްވުރެ ގިނަ “ވިއުވާސް” ލިބިފައިވެ އެވެ. އަދި މި ފިލްމްގެ ފުރަތަމަ ލަވަ “ތު މެރީ” އަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.
މި ފިލްމް ބިނާކޮށްފައިވަނީ ރިތިކް ދުނިޔޭގެ އެންމެ ބޮޑު ޖަވާހިރުކަމަށްވާ ކޮހިނޫރު ވަގަށް ނަގާ ހާދިސާގެ މައްޗަށެވެ. އެއަށްފަހު ދެން ފެނިގެންދާނީ ސިފައިންނާއި ފުލުހުން އޭނާ އަތުލުމަށް ކުރާ މަސައްކަތާއި އޭނާ އެ ޖަވާހިރު ވަގަށް ނެގި ސަބަބެވެ. އަދި ރާޖްވީރުގެ ރޯލުން ފެނިގެންދާ ރިތިކް ކޮހިނޫރު ވަގަށް ނަގާ މޮޅު ގޮތްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމާ އެއްދުވަހު ރިލީޒްވި ޝާހިދު ކަޕޫރާއި ޝަރުދާ ކަޕޫރްގެ “ހައިދަރް” އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިގެން ނުދިޔަ ނަމަވެސް އެ ފިލްމް ވަނީ “ކްރިޓިކްސް”އިން ބަލައިގަނެފަ އެވެ.