ޝާހުރުކް ހާންގެ ހަގު ދަރީގެ ފޮޓޯއެއް ޓްވިޓާގައި ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
ޝާހުރުކްގެ ސަޕޯޓަރުންނަށް އީދުގެ ތަހުނިޔާ ކިޔުމަށް ކުރި ޓްވީޓާއެކު ޝާހްރުކް ވަނީ އޭނާގެ ހަގު ފިރިހެން ދަރިފުޅު ކަމަށްވާ އަބްރާމްގެ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.
މިއީ އަބްރާމްގެ ފޮޓޯއެއް އާންމުވި ފުރަތަމަ ފަހަރެވެ. އަދި މީޑިޔާތަކަށްވެސް ފޮރުވައިގެން ގެންގުޅޭ އަބްރާމްގެ ފޮޓޯއެއް އެއްވެސް މީޑިޔާއަކަށްވެސް މީގެ ކުރިން ނެގިފައެއް ނުވެ އެވެ. މި ފޮޓޯ ފެނިގެންދިއުންވީ ޝާހުރުކްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.
އަބްރާމަކީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށް ޝާހުރުކް އާއި އޭނާގެ އަންހެނުން ގޯރީ ހާން ހޯދާފައިވާ ދަރިއެކެވެ. ސަރޮގޭޓް މަންމައިންނަކީ ދަރިން ހޯދުމަށް ބޭނުން ކުރާ މެދުވެރިއެކެވެ. މިކަން ކުރުމަށް އެހެން ދެމީހެއްގެ ދަރިމައިކުރާ ބިސް ޓެކްނޮލޮޖީގެ އެހީގައި ސަރޮގޭޓް މަންމަގެ ރަހިމުގައި ގަރުބަގަންނަ ގޮތް ހަދައެވެ. އަދި ދަރިފުޅު އުފަންވުމާހަމައަށް އެމަންމަގެ ބަނޑުގައި އެކުއްޖާ ބަލަހައްޓައި ދަރިފުޅު އުފަންވުމާއެކު އެދަރިފުޅުގެ އަސްލު މައިންބަފައިންނަށް ރައްދުކޮށްދޭނެ އެވެ. އާއްމުކޮށް މިކަން ކުރަނީ ދެމަފިރިންނަށް ދަރިން ހޯދުމުގައި ދަތިތަކެއް ދިމާވާތީ އެވެ.
ލަންޑަނުގައި އެ ދަރިފުޅު އެގޮތަށް ހޯދާފައިވާތީ ޝާހުރުކް ހާންއަށް އިންޑިޔާއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.