ދުނިޔޭގެ އެންމެ އަގު ބޮޑު ބްރޭންޑުތަކުގެ ލިސްޓުގެ އެއްވަނަ އެޕަލް ހޯދައިފި އެވެ.
އެޕަލް މިލިސްޓްގެ އެއް ވަނަ ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ ގޫގުލް އެވެ. މިމަހު ޝާއިއު ކުރި މިއަހަރުގެ “ބެސްޓް ގުލޯބަލް ބްރޭންޑް” ރިޕޯޓު ބުނާ ގޮތުގައި މި ދެ ބްރޭންޑްގެ އަގު އުޅެނީ 100 ބިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. މިއީ ޖެހިޖެހިގެން މިމަގާމް އެޕަލްއަށް ލިބުނު ދެވަނަ އަހަރެވެ. މިދިޔަ އަހަރު އެޕަލް އިން މިމަގާމު ހޯދީ ކޮކާކޯލާ ވައްޓާލުމަށްފަހު އެވެ. މިއަހަރު ތިންވަނަ ލިބިފައިވަނީ ކޮކާކޯލާއަށެވެ.
އެޕަލް ބްރޭންޑުގެ އަގު މިހާރު 118.9 ބިލިއަނަށް އަރާފައިވާއިރު މިއީ 21 އިންސައްތައިގެ ކުރިއެރުމެކެވެ. ގޫގުލްގެ ބްރޭންޑް ވެލިއު 107 ބިލިޔަން ޔޫއެސް ޑޮލަރަށް އަރާއިރު، އެކުންފުނިން ވަނީ 15 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ އެވެ.
ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މައިކްރޯސޮފްޓް ހިމެނެނީ މިލިސްޓުގެ 5 ވަނައިގަ އެވެ. އަދި ސެމްސަންގް ހިމެނިފައިވަނީ މިލިސްޓުގެ 8 ވަނައިގަ އެވެ.
ދުނިޔޭގެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު ސޯޝަލް މީޑިއާ ކަމަށްވާ ފޭސްބުކް އުޅެނީ މިލިސްޓުގެ 29 ގަ އެވެ. މިދިޔަ އަހަރު ފޭސްބުކު ހިމެނުނީ މިލިސްޓުގެ 33 ވަނައިގަ އެވެ. ބްރޭންޑް ވެލިއު ނިސްބަތުން އެންމެ މައްޗަށް ދިޔައީ ވެސް ފޭސްބުކް ގެއެވެ. މަސް ދުވަހުގެ ތެރޭގައި ފޭސްބުކް ބޭނުންކުރާ އެކްޓިވް ޔޫސަރސްގެ އަދަދު ވަނީ %14 އިތުރުވެ 1.2 ބިލިޔަން އަށް އަރާފަ އެވެ.
މިއަހަރު ފުރަތަމަ ފަހަރަށް ޗައިނާގެ ކުންފުންޏެއް ވަނީ މިލިސްޓުން ޖާގަ ހޯދާފަ އެވެ. އެޕަލް އާއި ސެމްސަންގ ނެގުމަށްފަހު އެންމެ ގިނައިން ސްމާޓްފޯން އުފައްދާ ޗައިނާގެ ހުއާވޭ ވަނީ ލިސްޓުގެ 94 ވަނަ ހޯދާފައެވެ.
100 ބްރޭންޑްގެ މި ލިސްޓުގައި މަޝްހޫރު ކާރު ބްރޭންޑްތައް ކަމުގައިވާ ބީއެމްޑަބްލިޔު، މާސިޑީޒް ބެންޒް، ޓޮޔޯޓާ އަދި ވޮކްސްވޮގަން ވެސް ހިމެނެއެވެ.