“ދަރިފުޅާ ސްކޫލަށް ދަމުން އެ މައިލޯ ޕެކެޓް ބޯލައިގެން ދާތި.” މިއީ ހެނދުނު ގަޑީގައި ރާއްޖޭގެ ކޮންމެ ގެޔަކުން ވެސް އިވޭނެ ޖުމްލައެކެވެ. މައިލޯއަކީ މިއަދު އަހަރެމެން ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެފައިވާ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މައިލޯއޭ ބުނުމުން އެއީ ދިވެހި ބަހެއްހެން ހީވާ ފަހަރުވެސް ހިނގައިދާނެ އެވެ. މިލިޔުމުގައި މިބަލާލަނީ މައިލޯ އުފައްދާ ކުންފުނި “ނެސްލޭ” އަށެވެ.
މައިލޯ އަކީ ނެސްލޭ އިން އުފައްދާ އެތައްބައިވަރު އުފެއްދުންތަކެއްގެ ތެރެއިން ހަމަ އެންމެ ވައްތަރެކެވެ. ނެސްލޭ އަކީ ސުވިޒަލެންޑްގެ ކުންފުންޏެކެވެ. އެކި ބާވަތުގެ ކާނާއާއި ބުއިންތައް އަދި ތަފާތު ވައްތަރުގެ ނިއުޓްރިޝަނަލް އުފެއްފުން އުފެއްދުމުގައި ނެސްލޭއަކީ ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.
ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ވެސް ނެސްލޭގެ ޕްރޮޑަކްޓްތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ނެސްކެފޭ، މެގީ، ސެރެލެކް، ކިޓްކެޓް ފަދަ ބްރޭންޑްތައް ހިމެނެއެވެ.
ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ އުފެއްފުންތަކަކީ މީރު ރަހަދޭ އަދި ނިއުޓްރިޝަނުން ފުރިފައިވާ އުފެއްދުމަކަށް ހެދުމަކީ ނެސްލޭ ކުންފުނީގެ އެއް ޕޮލިސީ އެވެ. މީގެ އިތުރުން ނެސްލޭ އިން ހަރަކާތްތެރިވާ ކޮންމެ ތަނެއްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވެދިނުމަކީ ނެސްލޭގެ “ކްރިއޭޓިން ޝެއަރޑް ވެލިއު” ޕޮލިސީގެ ދަށުން އިސްކަންދޭ ކަންތައްތަކެވެ.
86 ގައުމެއްގައި ނެސްލޭގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު، އެގައުމުތަކުގެ އިގްތިސޯދުގައި ނެސްލޭގެ ދައުރު ބޮޑެެވެ. އެތައް ބައިވަރު ސީދާ ވަޒީފާތައް ނެސްލޭއިން އުފައްދާއިރު ނުސީދާގޮތުން ނެސްލޭގެ ސަބަބުން އެތައްބަޔަކަށް ފައިދާ ކުރެއެވެ. މިސާލެއް ނަގާނަމަ ސްރީލަންކާގައި ގެރީގެ ކިރުފެލައިގެން ނެސްލޭ ކުންފުންޏަށް ސަޕްލައި ކުރާ 23000 މީހުން އުޅެއެވެ. މި ފަރމްތަކުގައި މަސައްކަތް ކުރާ މިމީހުންނާއި އެމީހުންގެ އާއިލާތަކަކީ ނެސްލޭގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް ފުއްދޭ މީހުންނެވެ.
ނެސްލޭގެ އޮޕަރޭޝަންތައް 86 ގައުމެއްގައި ހިންގާއިރު، ޖުމްލަ 447 ފެކްޓަރީ ހިންގައެވެ. އެކުންފުނީގައި 333000 މީހުން ވަޒީފާ އަދާކުރާއިރު، 196 ގައުމެއްގައި ނެސްލޭގެ އުފެއްދުންތައް ވިއްކައެވެ. ނެސްލޭ ކުންފުނީގެ ޕޯޓްފޯލިއޯގައި 2000 ވުރެގިނަ ބްރޭންޑްތައް ހިމެނެއެވެ.
ނެސްލޭ ރާއްޖޭގައި ހަރަކާތްތެރިވާން ފެށީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. ނެސްލޭ އިން ރާއްޖޭގައި ހިންގާ ހަރަކާތްތަކަށް ދެން ލިޔުމެއްގައި ބަލައިލާނަމެވެ.