twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އާމިރު ހާންގެ “ޕީކޭ”ގެ ބައެއް ސިއްރުތައް

Nov 9, 2014

މިހާރު ބޮލީވުޑްގައި ހުރި ކުޅަދާނަ އަދި އެންމެ މަޝްހޫރު ތަރި އާމިރު ހާންގެ އަންނަން އޮތް ފިލްމް “ޕީކޭ” މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް އެ ފިލްމްގެ މައުލޫމާތު ހޯދަން ބޭނުންވެފަ އެވެ. މިއީ މިހާރު އެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އާމިރު އަކީ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށް ކުރާ ތަރިއެކެވެ. މި ސަބަބަށްޓަކާ އާމިރުއަށް ބޮލީވުޑްގައި “ޕާފެކްޝަނިސްޓް” ކިޔާ އުޅެވެ. “ޕީކޭ” ގައި އާމިރުގެ ރޯލް ތަފާތު ވާނެ ކަމަށް ފިލްމްގެ ޓްރެއިލާއިން އެނގިގެންދެ އެވެ. އާމިރު ދަނީ ފިލްމްގައި އޭނާގެ ރޯލް ސިއްރެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިޔާގެ ބޯޖުޕޫރީ މީހެއްގެ ގޮތަށް ޓްރެއިލާގައި އާމިރު ވާހަކަ ދައްކާތަން ފެންނައިރު ގިނަ ބަޔަކު ވަނީ އާމިރު މިސްޓަރ ބީން ކޮޕީ ކޮށްފައިވާ ކަމަށް ބުނެފަ އެވެ. މި ފިލްމްގައި އާމިރުގެ ނަމަކީ ޕީކޭ އެވެ.

ބޮލީވުޑްގެ ގިނަ ރިޕޯޓްތަކެއް “ޕީކޭ”އާ ބެހޭގޮތުން މީހުންނަށް ނޭނގި އޮތް ކަންތައްތައް އާންމުކުރުމަށް މަސައްކަތް ކުރަމުންދާއިރު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމުން އާމިރު ތަފާތު 9 ގޮތަކަށް ފެނިގެންދާނެ އެވެ.

އާމިރު މި ފިލްމްގެ ޝޫޓިންކުރި ދުވަސްވަރު ދުވާލަކު 100 ފަހަރު ދުފާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ކޮންމެ ސީނެއްގެ ކުރިން 10 ނުވަތަ 15 ފަހަރު ދުފާ ކަމަށާއި އެއީ އާމިރުގެ އަނގަ އާއި ތުންފަތުގައި ދުފުމުގެ ކުލަ ޖެއްސުމަށް ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.

“ޕީކޭ”ގެ ފުރަތަމަ ޕޯސްޓަރުގައި އާމިރު އެއްވެސް ހެދުމެއް ނުލައި ހުރުމުން އެ މައްސަލަ ކޯޓަށް ގޮސްފައިވާއިރު އެ ޕޯސްޓަރަށް އާމިރު ފޮޓޯ ނަގާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ އެ ފޮޓޯގައި އޭނާގެ ހަށިގަނޑު ރީއްޗަށް ބަހައްޓަން އާމިރު ބޭނުންވާތީ އެވެ. އާމިރު މި ފޮޓޯ ނަގާފައިވަނީ “ދޫމް 3″އަށް އޭނާގެ ހަށިގަނޑު ރީތިކޮށްފައި ހުއްޓަ އެވެ. މި ޕޯސްޓަރުގައި އާމިރު ހެދުމެއް ނުލައި ހުރުމުގެ ބޭނުމަކީ މީހުންގެ ސަމާލުކަން އެ ފިލްމަށް ހޯދުމެވެ. އެކަން އޭނާ ވަނީ ވަރަށް ފުރިހަމައަށް ކޮށްފަ އެވެ. އަދި އެ ޕޯސްޓަރަކީ ހޮލީވުޑް ފިލްމެއްގެ ޕޯސްޓަރެއްގެ ކޮޕީއެއް ކަމަށްވެސް އަޑު ވަނީ ފެތުރިފަ އެވެ.

އާމިރު ވަނީ ދެ އަހަރު ވަންދެން ބޯޖުޕޫރީ ބަސް ދަސްކޮށްފަ އެވެ. އޭނާއަށް ބޯޖުޕޫރީ ބަސް ދަސްކޮށްދީފައިވަނީ ޓީވީ ރައިޓަރެއް ކަމަށްވާ ޝާންތީ ބޫޝަން އެވެ. އާމިރު ބެފައިވާ ގޮތުން އެ ބަހަކީ އޭނާ ވަރަށް ލޯބިކުރާ ބަހެއް ކަމަށާއި “ޓުކުރު ޓުކުރު” އެއީ އޭނާއަށް އެންމެ ކަމުދާ ބަސް ކަމަށެވެ.

ރާޖްކުމާރު އިރާނީގެ ޑައިރެކްޝަން ފެނިގެންދާ މި ފިލްމަކީ “ތްރީ އިޑިއެޓްސް”އަށް ފަހު އާމިރު އާއި ރާޖް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. “ތްރީ އިޑިއެޓްސް” ބޮލީވުޑްގެ ހުރިހާ ބޮކްސް އޮފީސް ރިކޯޑެއް މުގުރާލި ފަދައިން “ޕީކޭ”އިން ރިކޯޑްތައް މުގުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރާޖް މި ފިލްމްގެ ލަވައަކަށް “ސިގްނޭޗަރ ސްޓެޕެއް” ހެދުމަށް އާމިރުގެ އަންހެނުން ކިރަން ރާއޯ އަދި “ޕީކޭ”ގެ އަންހެން ބަތަލާ އަނުސްކާ ޝަރުމާއަށް ހަވާލުކުރި އެވެ. ނަމަވެސް އެންމެ ފަހުން ފައިނަލްކުރީ އޭނާ އަމިއްލައަށް ހެދި ސްޓެޕެކެވެ.

މި ފިލްމްގެ ޝޫޓިން ކުރަމުންދަނިކޮށް ފިލްމްގެ މުހިންމު ރޯލަކުން ފެނިގެންދާ ސަންޖޭ ދަތު އަށް ޖަލު ހުކުމެއް އައުމުގެ ސަބަބުން އާމިރު ވަނީ ފިލްމަށް އޭނާގެ ހުރިހާ ދުވަހެއްދީ ފިލްމްގެ ޝޫޓިން ސަންޖޭ ޖަލަށް ދިއުމުގެ ކުރިން ނިންމާފަ އެވެ.

މި ފިލްމް ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް އާމިރުގެ ގިނަ ސުޕަހިޓް ފިލްމްތަކެއް ރިލީޒްކުރި ކްރިސްމަސް ދުވަހަށް މި ފިލްމް ވަނީ ފަސްކޮށްފަ އެވެ. އެ ދުވަހަކީ އާމިރުގެ ލަކީ ދުވަސް ކަމަށް އާމިރު ބުނެފައިވެ އެވެ. އޭނާގެ “ގަޖްނީ”، “ތްރީ އިޑިއެޓްސް” އަދި “ދޫމް 3” ރިލީޒްވެފައިވަނީ އެ ދުވަހު އެވެ. އަދި އެ ފިލްމްތައް ވެގެންގޮސްފައިވަނީ ބޮލީވުޑްގެ އެންމެ އާމްދަނީ ރަނގަޅު ފިލްމްތަކަށެވެ.

ގިނަ ބަޔަކު އިންތިޒާތުކުރަމުންދާ މި ފިލްމަގައި އެތަކެއް ފޮރުވިފައިވާ ސިއްރުތަކެއްވާއިރު މި ފިލްމްގެ ވާހަކަ ނުވަތަ ޕްލޮޓާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުވެފައިއެއް ނުވެ އެވެ. މި ފިލްމުން މިހާރު އަރަމުން އަންނަ ތަރި ޝުޝާންތް ސިންހް ރާޖް ޕްތް ވެސް ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355