އުރީދޫ މޯލްޑިވްސްއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއިއެކު ހިދުމަތުގެ އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.
މިއަދު އައިޖީއެމްއެޗްގައި ބޭއްވުނު ހާއްސަ ރަސްމީޔާތުގައި ހިދުމަތުގެ އެއްބަސްވުމުގައި ސޮއި ކޮށްދެއްވީ އުރީދޫގެ ފަރާތުން ސީއީއޯ ވިކްރަމް ސިންހަ އަދި އައިޖީއެމްއެޗްގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރިޝްވާން އެވެ.
މިއެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ހިދުމަތް މެދުވެރިކޮށް އައިޖީއެމްއެޗްގެ މުއްޒަފުންގެ މެދުގައި ހިލޭ ކޯލު އަދި އެސްއެމްއެސް ފޮނުވޭނެ އެވެ.
“މިއަދު އައިޖީއެމްއެޗްއާއިއެކު މިސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް އުރީދޫގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އަޅުގަނޑުމެންގެ އެޑްވާންސްޑް ނެޓްވޯކުގައި އެންމެ އެކަށޭނަގޮތެއްގައި އަގުތައް ކޮންޓްރޯލު ކުރަމުން ތަޖުރިބާކޮށްލެވޭނެ. އަދި މީގެ އިތުރުން އަޅުގަނޑުމެން ފުޅާކުރަމުން މިދާ 4ޖީ އެލްޓީއީ ކަވަރޭޖު އެންމެ ފުރިހަމަ ކަނެކްޓިވިޓީގައި އުރީދޫ އެކަމަކަށް ފާހަގަ ކުރެވިފައިވާ ސުޕަރފާސްޓް ސްޕީޑުވެސް ތަޖުރިބާ ކުރެވޭނެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކޯޕަރޭޓް ކަސްޓަމަރުންގެ ބޭނުންތަކަށް ހިދުމަތްތައް ފަރުމާކޮށް އެތަންތަނުގެ މަސައްކަތަށް އިތުރު ފަސޭހައެއް ލިބިދޭ ހިދުމަތްތަކެއް ފޯރުކޮށްދޭން” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އުރީދޫއިން މައުލޫމާތުދިންގޮތުގައި މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކު ނޫނީ އެމްވީޕީއެން ހިދުމަތަކީ ކުޑި އޮފީސްތަކުން ފެށިގެން އެންމެ ބޮޑެތި ކޯޕަރޭޓްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގިނަގުނަ ފައިދާތަށް ހިނމެނޭ ޕެކޭޖެއް ކަމަށާއި މި ޕެކޭޖު މެދުވެރިކޮށް އެއްއޮފީހެއްގައި މަސައްކަތްކުރާ މުއައްޒަފުންގެ މެދުގައި ހިލޭ ކޯލު އަދި އެސްއެމްއެސް ހަތަރު އަދަދުގެ ކުރު ނަންބަރު މެދުވެރިކޮށްވެސް ކުރެވޭ މުއާސަލާތީ ހިދުމަތުގެ ހަރަދު ކުޑަވެ އިތުރު ފަސޭހައެއް ލިބިދޭ ހިދުމަތެއް ކަމަށެވެ.