އިންޑިޔާގެ މޮޅު އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯހިލީ އާއި އަރަމުން އަންނަ ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ ލޯބީގެ ގޮތުން ގުޅިގެންއުޅޭކަން ކަށަވަރުކޮށްދީފި އެވެ.
މިދެމީހުންގެ ގުޅުމުގެ ވާހަކަ މީޑިޔާތަކުގައި ދައްކާތާ ގިނަ ދުވަސްތަކެއްވެފައިވާ އަނުޝްކާ އަދި ވިރާޓްވެސް މީގެކުރިން މިކަމާ ބެހޭގޮތުން މީޑިޔާގައި ވާހަކަ ދައްކާފައެއް ނުވެ އެވެ.
ދެމީހުން ސިއްރުން ބައްދަލުކުރާ ހަބަރުތަކާއި ވިރާޓް ކުޅޭ މެޗްތައް ބެލުމަށް އަނުޝްކާ ދާ ހަބަރުތަކަކީ މީގެކުރިން އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުހީގައިވާ ހަބަރުތަކެވެ.
ނަމަވެސް މިފަހަކަށް އައިސް މިދެމީހުން ސިއްރުން ބައްދަލުކުރުމުގެ ބަދަލުގައި މީޑިޔާއަށް އެނގިގެންވެސް ދިޔައީ ބައްދަލުކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިރާޓް ބުނެފައިވަނީ އެމީހުން އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ފޮރުވައިގެން ކުރަން ބޭނުންނުވާ ކަމަށާއި ކުރާ ކަމެއްވިއާ ކުރަނީ މީޑިޔާއަށްވެސް އެނގިގެން ކަމަށެވެ.
އަދި ދެމީހުން މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އެ ވާހަކަ އަބަދާއި އަބަދު މީޑިޔާގައި ދައްކަން ބޭނުންނުވާ ކަމަށްވެސް ވިރާޓް ބުންޏެވެ.
އަނުޝްކާ އަދި މިހާތަނަށް މިކަމާ ބެހޭގޮތުން މީޑިޔާގައި ވާހަކަ ދައްކާފައެއް ނުވެ އެވެ. ނަމަވެސް އެ ދެމީހުން އެކުގައި ފިލްމަކުން ފެންނަން އުޅޭ ހަބަރު އޭނާ ވަނީ ދޮގުކޮށްފަ އެވެ.
އިންޑިޔާގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިންގެ ތެރޭގައި ވިރާޓް ހިމެނޭއިރު ވިރާޓަށް ދަނީ ގިނަ ފިލްމްތަކެއް ކުޅުމުގެ ފުރުސަތު ލިބެމުންނެވެ. ނަމަވެސް އޭނާ މި ފުރުސަތުތައް ދޫކޮށްލާފައިވާއިރު އިންޑިޔާގެ ގިނަ އަދި އަގުބޮޑު ބްރޭންޑްތަކުގެ އެންބެސެޑަރަކީވެސް ވިރާޓެވެ. އެޑް ވޯލްޑްގައި ބޮލީވުޑް ތަރިންނަށްވުރެ ވިރާޓްގެ ޑިމާންޑް ބޮޑެވެ.
އަނުޝްކާ މިހާރު ދަނީ އާމިރު ހާން އާއެކު ހަރަކާތްތެރިވެފައިވާ ފިލްމް “ޕީކޭ” ޕްރޮމޯޓްކުރަމުންނެވެ. އޭނާގެ މޮޅު އެކްޓެއް ފެނިގެންދާނެ ކަމަށް މި ފިލްމްގެ ޑައިރެކްޓަރު ބުނެފައިވެ އެވެ. އަނުޝްކާ ބޮލީވުޑްގައި މިވީ ކުޑަ ދުވަސްކޮޅުގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.