ކޮންމެ މީހަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރާނެ މީހެކެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރަނީވެސް ސަބަބެއް ނެތި އެއް ނޫނެވެ.
ތިމާ ފެންނަގޮތް ނުވަތަ “ލުކް” ރީތިކޮށްދޭން އެންމެ ބޮޑު އެއް ދައުރެއް އަދާކުރާ އެކައްޗަކަށް ހަންގަނޑު ވާނެ އެވެ. ހާއްސަކޮށް މޫނެވެ.
މިޒަމާނުގައި ރީތި ހަންގަނޑެއް ހޯދުމަށްޓަކައި ތަފާތު އެކި ބާވަތްތަކުގެ ޕްރޮޑަކުޓްތައް ލިބެހުންނާތި ތިމާގެ ހަންގަނޑު ރީތިކޮށް ސާފުކޮށް ބެހެއްޓުމަށްޓަކައި ގިނަ ބަޔަކު އޭގެ ބޭނުން ހިފަމުން އާދެ އެވެ. ނަމަވެސް ފުރިހަމަ ނަތީޖާއެއް ފެންނަނީ މަދުބަޔަކަށެވެ. ސަބަބަކީ ތިމާގެ ހަމާއި ގުޅޭ އެއްޗެއް ހޯދުމަށް ފަރުވާތެރި ނުވުމެވެ.
ބާޒާރުގައި ވިއްކަން ހުންނަ ހުރިހާ ބިއުޓީ ޕްރޮޑަކްޓު ތަކަކީ އަހަރެމެންގެ ހަމާ ގުޅޭ އެއްޗެއްސަށް ނުވާއިރު ފުރަތަމަ ކަމަކަށް ތިމާގެ ހަންގަނޑަށް ފައިދާ ކުރަނީ ކޮންކަހަލަ ޕްރޮޑަކްޓަކުންތޯ ބެލުން މުހިއްމެވެ.
ފުރަތަމަ ކަމަކަށް ތިމާގެ ހަމަކީ އޮއިލީ ސްކިން އެއްތޯ، ޑްރައި ސްކިންއެއްތޯ ނުވަތަ ނޯމަލް ސްކިންތޯ ބެލުން މުހިއްމެވެ. މިއީ ޕްރޮޑަކްޓެއް ބޭނުން ކުރާނަމަ މުހިއްމު ކަމެކެވެ. ނަމަވެސް ހަންގަނޑު ރީތި ކުރުމަގައި އަމިއްލަޔަށް ވިސްނިދާނެ އެތަކަމެއް އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް ފަރުވާތެރިވާށެވެ. ހެނދުނު ހޭލުމަށް ފަހު އަދި ނިދުމުގެ ކުރިން ރަނގަޅަށް ތާފަނާ ފެނުން މޫނު ދޮންނާށެވެ. މޫނު ދޮންނަ އިރު މާ ގަދައަށް މޫނު ނޫގުޅާށެވެ. ސަބަބަކީ މޫނު ރަތްވެ ހަލާކުވާގޮތް ދިމާވެދާނެ އެވެ. އަދި މޫނު ދޮންނަ އިރު 45 ސިކުންތައް ވުރެ އިތުރު ނުކުރާށެވެ. އެއީ މޫނުގައި ހުންނަ ކިލާ އަދި ތެޔޮކަން 30 ސިކުންތާއި 45 ސިކުންތުގެ ތެރޭގައި ދޮވެވޭނެ އެވެ.
މޫނު ދޮވުމުގެ ކުރިން ރަނގަޅަށް ދެއަތް ތިލަ ދޮންނާށެވެ. އެއީ އަތުގައި ހުންނަ ކިލާ އަދި ޖަރާސީމްތައް ސާފުނުކޮށް މޫނު ދޮންނަ ނަމަ ހަންގަނޑު ރަނގަޅަށް ސާފުނުވާނެތީ އެވެ.
މޭކަޕް ކުރުމަށް ގެންގުޅޭ ބުރުސް ފަދަ ތަކަތި ސާފުކުރުމަކީވެސް މުހިއްމު ކަމެކެވެ. މަދުވެގެން މަހަކު އެއްފަހަރު މޭކަޕް ބުރުސް ރީތިކޮށް ދޮންނާށެވެ. ސަބަބަކީ ސާފުނުކޮށް ގިނަ ދުވަހު ބޭނުން ކުރާނަމަ މޫނުގައި ބިހި ނަގާގޮތް ދިމާވެދާނެތީ އެވެ.
ލޯޝަން، ޑޭ ކްރީމް ފަދަ ތަކެތި ބޭނުން ކުރާނަމަ އަބަދުވެސް އެއް ބްރޭންޑެއްގެ ތަކެތި ބޭނުން ކުރާށެވެ. ތަފާތު އެއްޗެހި ބޭނުންކުރާނަމަ ހަންގަނޑު އެއަށް ހޭނުމަށް އިތުރު ވަގުތު ނަގާނެއެވެ. އަދި ބޭނުން ކުރެވޭ އައު ޕްރޮޑަކްޓަކީ ހަމާ ނުގުޅޭ އެއްޗަކަށްވުން އެކަށީގެން ވެއެވެ.
އެންމެ ފަސޭހަ އަދި އެންމެ ލުއި ގޮތަކީ ގިނައިން ފެންބުއިމެވެ. ގިނައިން ފެންބޯނަމަ ހަމުގައި އުފެދޭ ތެޔޮކަން ނައްތާލުމަށް އެހީތެރިވެދެ އެވެ. އަދި ގަވައިދުން ގިނައިން ފެންބޯނަމަ ހަމަށް އޮމާންކަން ގެނެސްދެ އެވެ. އަދި އިތުރުން ހަށިގަނޑަށް ރަގަޅު ކާނާ ބޭނުން ކުރާށެވެ. އެގޮތުން ކެއުމުގައި ތަރުކާރީއާއި މޭވާގެއިތުރުން ފެހިކުލަ ގަދަފަތް ގިނައިން ބޭނުން ކުރާށެވެ.