twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިޖުތިމާއީ ވިއުގައިގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު

Dec 9, 2014

އިންޓަނެޓް ވުޖޫދަށް އައިތާ މާ ގިނަ ދުވަސް ތަކެއް ނުވަނީސް އިޖުތިމާއީ ވިއުގަ ނުވަތަ ‘ސޯޝަލް ނެޓްވޯކް’ ދުނިޔެއަށް އައެވެ. މުވާސަލާތު ކުރުމުގެ އިތުރުން ފޮޓޯ އާއި ހިޔާލު ބަދަލު ކުރުމުގެ ވަސީލަތެއްގެ ގޮތުންނެވެ. 1971 ވަނަ އަހަރުގެ ފުރަތަމަ އީމެއިލާއެކު އިޖުތިމާއީ ވިއުގަ އުފަންވީކަމުގައި ބެލިދާނެ އެވެ.

އޭގެ ފަހުން ‘ފޭސްބުކް’ އާއި ‘މައިސްޕޭސް’ އަދި ‘ލިންކްޑް-އިން’ ފަދަ ވެބްސައިޓްތަކުގެ އެހީގައި ދުނިޔޭގެ ކަންކޮޅުތަކުން މީސްތަކުން ގުޅުވައިދީ އުފާވެރި މާހައުލެއް އުފައްދައިދެ އެވެ. އެހެން ނަމަވެސް މިފަދަ ސައިޓުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާކަން ގިނަ ފަރާތްތަކުން ގަބޫލުކުރަން ދަތިވާނެ އެވެ.

ބައެއް ފަރާތްތަކުން ހިތުގައި ހިނގާ ހުރިހާ ޝުއޫރުތަކެއް ‘މޫނުފޮތުގައި’ ލިޔެ ޝާއިއު ކޮށްލާއިރު ގިނަ ފަރާތްތަކުން އެމީހުން މުޖްތަމައުއަށް ސިފަކޮށްދިނުމަށް ގިނަ ވަގުތު ހޭދަކުރެ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ގިނަ މީހުންގެ އަސްލު އިޖުތިމާއީ ވިއުގައިގާ ފެންނަ ގޮތާ މުޅިން ހިލާފެވެ.

ފޭސްބުކުން ދިމާވެގެން ވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުން ބައްދަލު ކުރާއިރު ސިކުނޑީގައި ކުރެހިފައިވާ މީހާ އާއި ކުރިމަތީގައި ހުންނަ މީހާ ދިމާ ނުވަނީ ކިތައް ފަހަރު ބާވައެވެ. އިންޓަނެޓް މެދުވެރިކޮށް ފަށާ ލޯބިން ދެމީހުން ބައްދަލުވުމުން ނުވަތަ ބައްދަލުކޮށްލަން އެދުމުން ސިއްކަ ޖެހިގެންދާ ފަހަރު މަދެއް ނުވާނެ އެވެ.

ނަތީޖާއެއްގެ ގޮތުން ޑިޕްރެޝަން އާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމާއި އެހެނިހެން މައްސަލަތައް ދިމާވެ އެވެ. މިސާލަކަށް ބުނާނަމަ އިންސްޓެގްރާމްގެ ސަބަބުން އަމިއްލަ ނަފްސު ދެކެ ފޫހިވާ އެތައް އަންހެން ކުދިންނެއް އެބައުޅެ އެވެ. ‘ނަފްސީ’އެއް ނަގާ އަޕްލޯޑުކޮށްލުމުން އެފޮޓޯއަށް ލިބޭ ލައިކްތަކުގެ އަދަދުންނާއި މީހުން ކުރާ ކޮމެންޓުތަކުން ބައެއް އަންހެން ކުދިން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ބަދަލުވެ އެވެ. ބޮޑާވެ ގަނެ އެވެ. ތިމާއަށް ވުރެ ރީތި މީހަކު ނެތް ކަމަށް ބެލެވެ އެވެ. ނޫންނަމަ އަމިއްލަ ނަފުސު ދެކެ ފޫހިވާން ފަށަ އެވެ. މާތް ﷲ ތިމާ ހައްދަވާފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހި އެގޮތަށް ފުރައްސާރަ ކުރެވެ އެވެ.

މީގެ އިތުރުން މީހުންގެ އުފާވެރި، ކާމިޔާބު އަދި މުއްސަނދި ދިރިއުޅުން ފެނުމުން ހަސަދަވެރިވެ ތިމާގެ އުފާވެރިކަން ނަގާލާ މީހުން ވެސް މިހާރަކަށް އައިސް މަދެއް ނުވާނެ އެވެ.

ސައިކޮލޮޖިސްޓުން ދެކޭގޮތުގައި ފޭސްބުކް އަދި ޓްވިޓަރ ފަދަ އިޖުތިމާއީ ވެބްސައިޓުތަކުގައި ޖަހާ ފޮޓޯ، ސްޓޭޓަސް އަދި ލިންކްސްތަކަށް ލައިކްސް ނުވަތަ ރިޓްވީޓްސް ލިބޭ މިންވަރަކުން ތިމާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ އެވެ. އެހެން މީހުންގެ މެދުގައި މަގުބޫލު، ގިނަ ރަހުމަތްތެރިން އުޅޭ މީހެއްކަމަށް ގަބޫލު ކުރެވެން ފަށަ އެވެ.

އިޖުތިމާއީ ވިއުގަ އަކީ ވަސީލަތެކެވެ. ވަޅި އަކީ މީހަކު މެރުމަށް ބޭނުން ކުރެވި ދާނެ ހަތިޔާރަކަށް ވީއިރު އިޖުތިމާއީ ވިއުގަ ވެސް އޭގެ އެންމެ ފައިދާ ހުރި އެދެވޭ ގޮތުގައި ބޭނުން ކުރުމަށް ސަމާލުވެލައްވާށެވެ.

އިޖުތިމާއީ ވިއުގައިގާ މިހާރު ދުނިޔޭގެ އާބާދީއަށް ވުރެ ގިނަ އެކައުންޓުތައް ހެދިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355