ތިބާގެ ފޯނު ނުވަތަ ލެޕްޓޮޕުގެ ކެމެރާ ތިބާއަށް ނޭނގި އިންޓަނެޓް ލިބޭ ކޮންމެ ތާކު ހުރެގެން ވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނެފިނަމަ ގަބޫލު ކުރާނީ ކިތައް ބޭފުޅުން ބާވަ އެވެ! ފޯނުން ދައްކާ ވާހަކަތަކާއި ‘ސްކައިޕު’ގެ އަޑުތައް ރެކޯޑު ކުރެވިދާނެ ކަމަށް ތީގެ ތެރެއިން ބައެއް ފަރާތްތަކުން ގަބޫލު ނުކޮށްފާނެ އެވެ.
ނަމަވެސް މިއީ ބައެއް ފަރާތްތަކަށް އައު މައުލޫމާތަކަށް ނުވެދާނެ އެވެ. އެފަދަ ފަރާތްތަކުން އެމީހުންގެ ޒާތީ ކަންތައްތައް ނުވަތަ ސިއްރުތައް ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރާނެކަން ޔަގީނެވެ. ‘ޑޭޓާ އެންކްރިޕްޓް’ ކުރަން ބުރަތަކެއް އުފުލާނެ އެވެ. އެހެން ނަމަވެސް އެ ބުރަ މަސައްކަތަކީ މިހާރު އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނޭ ބުނެވިދާނެ އެވެ.
އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ‘ހެކިން ޓީމުން’ އުފައްދާފައިވާ ސޮފްޓްވެއަރ އަކުން ޑޭޓާ އެންކްރިޕްޝަންގެ ހުރިހާ ގޮތްތަކެއް ބަލިކޮށްލާ ކަމަށް އެކުންފުނިން ޔަގީންކަން ދެ އެވެ. ‘ރިމޯޓު ކޮންޓްރޯލް ސިސްޓަމް’ ނަމަކަށް ކިޔާ މި ސޮފްޓްވެއަރ ބޭނުންކޮށްގެން ޕާސްވޯޑު ހޯދުމާއި ކެމެރާގެ ބޭނުންކުރުން އަދި އީމެއިލް ފަދަ ސިއްރު މައުލޫމާތު ހޯދައިގަތުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި މީގެ އިތުރުން ސްކައިޕް އާއި ފޯނު ކޯލުތަކުގެ އަޑު އެއްވެސް ކަހަލަ ނިސާނެއް ދޫނުކޮށް ރެކޯޑު ވެސް ކުރެވިދާނެ އެވެ.
މި ސޮފްޓްވެއަރ އަކީ އެހެން ސޮފްޓްވެއަރ އެޅުމުގެ ތެރެއިންނާއި އީމެއިލްގެ ޒަރީއާއިން ނުވަތަ ޔޫއެސްބީ މެދުވެރިކޮށް ވެސް އެޅިދާނެ ސޮފްޓްވެއަރ އެކެވެ. އަދި ވައިފައި ހޮޓް ސްޕޮޓްތައް ބޭނުން ކޮށްގެންވެސް މި ސޮފްޓްވެއަރ ހިންގިދާނެ އެވެ. އެހެންކަމުން 2 ލައްކަ އާއި 1 މިލިއަނާ ދެމެދުގެ އަދަދަކަށް ޔޫރޯ މި ސޮޕްޓްވެއަރގެ ސަބަބުން ހަރަދުވެ އެވެ.
ހެކިން ޓީމުން މި ސޮފްޓްވެއަރ ވަރަށް ގިނަ ސަރުކާރުތަކަށް ވިއްކާފައިވެ އެވެ. އެގޮތުން އަޒަރބެއިޖިން، ކޮލަމްބިއާ، އިޖިޕްޓް، އިތިއޯޕިއާ، ހަންގޭރީ، އިޓަލީ، ކަޒަކިސްތާން، ކޮރިއާ، މެލޭސިއާ އަދި މެކްސިކޯ ފަދަ އެތައް ގައުމެއްގެ ސަރުކާރުން މި ސޮފްޓުވެއަރ ގަނެފައިވެ އެވެ.
މީގެ ތެރެއިން ނުވަ ގައުމަކީ ދިމިގުރާތީ ނިޒާމެއް ކަމުގައި މަޝްހޫރުވެފައިވާ ގައުމުތަކެވެ.