twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރަންބީރު، އައިޝްވާރިޔާ އަދި އަނުޝްކާ އެކުގައި ސްކްރީނަށް

Dec 3, 2014

މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުން ރަންބީރު ކަޕޫރު، އައިޝްވާރިޔާ ރާއީ ބަޗަން އަދި އަނުޝްކާ ޝަރުމާ އެކުގައި ފެނިގެންދާނެ ކަމަށް ކަރަން ބުނެފި އެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމްގެ ނަމަކީ “އޭ ދިލް ހޭ މުޝްކިލް” އެވެ. ކަރަން މި ފިލްމާ ބެހޭގޮތުން ބުނެފައިވަނީ މިއީ ލޯބީގެ ތިނެސްކަން ވާހަކައެއް ނޫން ކަމަށާއި މި ފިލްމުން ފެނިގެންދާނީ އާއިލީ ގުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ހާދިސާތަކެއް ކަމަށެވެ.

އައިޝްވާރިޔާއާއެކު މަސައްކަތްކޮށްލުމަކީ އަބަދުވެސް ކުރަން އެދިއެދި ހުރި ކަމެއް ކަމަށާއި އަބަދުވެސް އެ ފުރުސަތު ނުލިބި ގެއްލިގެން ގޮސްފައިވަނިކޮށް އޭޝް މި ފިލްމް ކުޅެން އެއްބަސްވުމުން އެކަމާ ވަރަށް އުފާކުރާ ކަމަށްވެސް ކަރަން ބުންޏެވެ.

ކަރަންގެ ފުރަތަމަ ފިލްމް ކަމަށްވާ “ކުޗް ކުޗް ހޯތާ ހޭ”ގައި ރާނީ މުކަރުޖީ ކުޅުނު ޓީނާގެ ރޯލް ފުރަތަމަ ހުށައަޅާފައިވަނީ އޭޝްއަށެވެ. ނަމަވެސް އޭޝް ވަނީ އޭރު އެ ފިލްމް ކުޅެވެން ނެތް ކަމަށް ބުނެފަ އެވެ. އަދި ކަރަންގެ “ކަބި އަލްވިދަނާ ކެހެނާ”ގައި ބައިވެރިވުމަށްވެސް އޭޝްވަނީ އިންކާރުކޮށްފަ އެވެ.

ކަރަން ބުނީ މި ފިލްމަށް ރަންބީރާ އާއި އަނުޝްކާ ތަރިންގެ ގޮތުގައި ޝާމިލްކުރީ އޭނާއަށް އެ ދެ މީހުންގެ މެދުގައިވާ “ކެމިސްޓްރީ” ކަމުދާތީ ކަމަށެވެ. އަދި “ބޮންބޭ ވެލްވެޓް”ގައި އެކުގައި އެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބިފައިވާތީ އެ ދެމީހުނާ ގާތް ގުޅުމެއް އުފެދިފައިވާތީ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ. “ބޮންބޭ ވެލްވެޓް”އަކީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމްގައި އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ ރަންބީރު، އަނުޝްކާ، ކަރަން ޖޯހަރު އަދި ރަވީނާ ޓަންޑަނެވެ.

ނިއުޔޯކް، ލަންޑަން، ޕެރިސް އަދި ދިއްލީގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ފިލްމްގެ މިޔުޒިކް ކޮންޕޯސްކުރާނީ މިއުޒިކް ޑިރެކްޓަރ ޕްރީތަމް އެވެ. މި ފިލްމް ރިލީޒްކުރަން ކަނޑައަޅާފައިވާ ތާރީހަކީ 2016 ވަނަ އަހަރުގެ ޖޫން ތިނެކެވެ.

ކަރަން ޑައިރެކްޓްކުރާ ގިނަ ފިލްމްތަކަކީ އާއިލީ ގުޅުމުގެ މައްޗަށް ނުވަތަ ތިނެސްކަން ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމްތަކެއްކަން ފާހަގަކޮށްލެވެ އެވެ. އެ ފިލްމްތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބެ އެވެ. އެގޮތުން އޭނާ ޑައިރެކްޓްކޮށްފައިވާ “ކުޗް ކުޗް ހޯތާހޭ”، “ކަބީ ހުޝީ ކަބި ގަމް”، “ކަލް ހޯ ނަ ހޯ”، “ކަބި އަލްވިދަނާ ކެހެނާ”، “މައި ނޭމް އިޒް ހާން” އަދި “ސްޓޫޑެންޓް އޮފް ދަ އިޔާ” އަކީ މަގުބޫލް ފިލްމްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355