ހިންދީ ފިލްމް “ދޭދް އިޝްގިޔާ’ގެ ޑައިރެކްޓަރ އަބީޝެކް ޗައުބޭގެ ކުރިއަށް އޮތް ފިލްމް ކަމަށްވާ “އުޅުތާ ޕަންޖާބު” ކުޅުމަށް ކަރީނާ ކަޕޫރް އިންކާރުކުރީ އެ ފިލްމްގައި ޝާހިދު ކަޕޫރް ހަރަކާތްތެރިވާތީ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ފިލްމްގެ ސްކްރިޕްޓާއި ވާހަކަ ކަރީނާއަށް ވަރަށް ކަމުދިޔަ ކަމަށާއި ނަމަވެސް އެ ފިލްމްގައި ފިރިހެން ބަތަލާއެއްގެ ގޮތުން ޝާހިދު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީ ކަރީނާ އެ ފިލްމް ދޫކޮށްލީ ކަމަށެވެ.
ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ޝާހިދާއި ކަރީނާ ރުޅިވުމަށްފަހު އެކުގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. މިދެމީހުން އެކުގައި ހަރަކާތްތެރިވި “ޖަބްވީ މެޓް”އަކީ ބޮލީވުޑްގެ ކާމިޔާބު ފިލްމްތަކުގައި ކުރީގައި ގުނާލެވޭ ފިލްމެކެވެ. އެ ފިލްމަކީވެސް ޕަންޖާބް އަންހެން ކުއްޖަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. ހަމައެގޮތަށް “އުޅުތާ ޕަންޖާބު”އަކީވެސް ޕަންޖާބު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަރީނާ ކައިވެނިކުރި ފަހުން ބޮޑެތި އެތައް ފިލްމްތަކެއް އެކިއެކި ސަބަބުތަކާ ގުޅިގެން ދޫކޮށްލާފަ އެވެ. އޭގެތެރޭގައި ސްޕަރހިޓް ފިލްމް “ރާމްލީލާ” ހިމެނެ އެވެ. އަދި ނުކުތުމަށް ހަމަޖެހިފައިވާ “ދިލް ދަޅަކުނޭ ދޯ” އާއި ކަރަންޖޯހަރުގެ “ޝުއްދީ” ވެސް ކަރީނާ ވަނީ ދޫކޮށްލާފަ އެވެ.
ކަރީނާ މި ފިލްމް ކުޅުމަށް އިންކާރުކުރުމުން މި ރޯލުން ދެން ފެނިގެންދާނީ އަރަމުން އަންނަ ތަރި އާލިޔާ ބަޓެވެ. އާލިޔާ އާއި ޝާހިދު މިހާރުވެސް ދަނީ ފިލްމް “ޝާންދާރް”ގެ ޝޫޓިން ކުރަމުންނެވެ.