ބޮލީވުޑްގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ފިލްމްފެއާ އެވޯޑްގައި އަންނަ އަހަރު އެވޯޑް ލިބޭނީ ކޮން ތަރީންނަކަށް ތޯ އެއީ މިހާރު ގިނަ ބަޔަކު ހޯދަން ބޭނުންވެފައިވާ ކަމެކެވެ.
އަންނަ އަހަރުގެ އެވޯޑް ހަފުލާއަށް މިހާރު ތައްޔާރުވަމުންދާއިރު ވޯޓް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި ބަލާލަނީ އަންނަ އަހަރު އެވޯޑްތައް އުފުލާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ތަރިންނަށެވެ. މި އަހަރަކީ ބޮލީވުޑްގައި މޮޅު ފިލްތަކެއް ނިކުތް އަހަރެއްކަން ފާހަގަކުރެވެ އެވެ. އަދި ގިނަދުވަސްވީ ސްޕާސްޓާރުންގެ އެކްޓިންނާއި ފިލްމްތަކަށްވުރެ ޒުވާން ތަރީންގެ އެކްޓިން މޮޅަށް ދައްކާލާ އެ ތަރީންގެ މޮޅު ފިލްމްތަކެއް ނެރުން އަހަރެކެވެ.
އެގޮތުން އަރުޖުން ކަޕޫރާއި އާލިޔާ ބަޓްގެ “ޓޫ ސްޓޭޓްސް”، ޝާހިދު ކަޕޫރާއި ޝަރުދާ ކަޕޫރުގެ “ހައިދަރު”، އާލިޔާ އާއި ރަންދީޕް ހޫޑާގެ “ހައިވޭ”، ކަންގަނާގެ “ކުއީން” އަދި ޕްރިޔަންކާގެ މެރީކޯމްއަކީ މިހާރު ނިކުތް އެންމެ މޮޅު ފިލްމްތަކެވެ.
މިއަހަރު އެވޯޑް އުފުލާލާނީ މި ފިލްމްތަކުން ކަމަށް ލަފާކުރެވެ އެވެ. އެގޮތުން އެންމެ މޮޅު އެކްޓަރުގެ މަގާމު “ހައިދަރު”އިން ޝާހިދު ކަޕޫރު އުފުލާލާނެ ކަމަށް ބެލެވޭއިރު އެންމެ އެކްޓްރެސްގެ މަގާމު ހޯދާނީ “ކްއީން”އިން ކަންގަނާ ކަމަށް ލަފާކުރެވެ އެވެ. އެ ދެ ތަރީންވެސް އެމީހުންގެ ކުޅަދާނަ ހުނަރުވެރިކަން އެ ފިލްމްތަކުގައި ދައްކާލާފަ އެވެ.
މީގެއިތުރުން ކްރިޓިކްސް ކެޓަގަރީއިން އެންމެ މޮޅު އަންހެން ބަތަލާގެ މަގާމު “މެރީކޯމް”އިން ޕްރިޔަންކާ ހޯދާނެ ކަމަށް ލަފާކުރެވޭއިރު އެންމެ މޮޅު ފިރިހެން ބަތަލާގެ މަގާމު ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ “ހައިވޭއިން” ރަންދީޕް ހޫޑާ އެވެ.
އެންމެ މޮޅު ފިލްމްގެ މަގާމު “ހައިދަރު” ނުވަތަ “ކުއީން” ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދާނީ “ހައިދަރު”ގެ ޑައިރެކްޓަރ ވިޝާލް ކަމަށް ލަފާކުރެވެ އެވެ.
ބޮލީވުޑަށް އަލަށް މި އަހަރު ތައާރަފުވި އެންމެ މޮޅު ދެ ތަރީންގެ ގޮތުގައި ހޮވޭނީ “ހީރޯޕަންތީ” ބޮޑު މަގުބޫލު ކަމެއް ހޯދި މުޅިން އާ ދެ ތަރީން ކަމަށްވާ ޓައިގާ ޝްރޯފް އަދި ކްރިތީ ސްނޯން ކަން އެއީ މިހާރު ކަށަވަރިވެފައިވާ ކަމެކެވެ.
މި އަހަރު ޝާހުރުކް، ސަލްމާން، އަޖޭ ދޭވްގަން، އާކްޝޭ ކުމާރު އަދި ރިތިކް ރޯޝަން ފަދަ ތަރީންގެ ފިލްމްތައް ރަނގަޅު ވިޔަފާރީއެއް ކޮށްފައިވީނަމަވެސް އެ ފިލްމްތަކުގެ ފެންވަރު ދަށްވެ ތަރީންގެ މޮޅު އެކްޓް ފެނިފައެއް ނުވެ އެވެ. ނަމަވެސް ބޮލީވުޑަށް އާ ތަރީން ކަމަށްވާ އަރުޖުން ކަޕޫރް، އާލިޔާ ބަޓް، ޕަރްނިތީ ޗޯޕްރާ، ވަރުން ދަވަން، ޝަރުދާ ކަޕޫރް ފަދަ ތަރީންގެ މޮޅު އެކްޓިން ފެނިގެންދިޔަ ގިނަ ފިލްމްތަކެއް ބެލުންތެރިންނަށް ފެނިގެންދިޔަ އެވެ. އަދި އެ ފިލްމްތައްވެސް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރީއެއް ކޮށްފަ އެވެ.
މި އަހަރުގެ ފިލްމްފެއާ އެވޯޑް ބާއްވާނެ ތަރީހެއް އަދި ނިންމާފައިނުވީ ނަމަވެސް ޖެނުއަރީ މަހު މި ކުލަގަދަ ހަފުލާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.