އިންޑިޔާގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯއެއް ކަމަށްވާ “ޑާންސް އިންޑިޔާ ޑާންސް”ގެ ސީޒަން 1 ކާމިޔާބުކޮށް އޭނާގެ ނެށުމުގެ ހުނަރުން އެތައް ބައެއްގެ މަގުބޫލުކަން ހޯދި ސަލްމާން ޔޫސުފް ހާންގެ ދެ ފިލްމް މި އަހަރު ރިލީޒްވާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާން ހޯދި ކާމިޔާބީއާއެކު އޭނާއަށް ޓީވީގެ ގިނަ ސީރީޒްތަކަކުން ރޯލް ލިބުނު ނަމަވެސް އެ ރޯލްތައް އޭނާ ދޫކޮށްލީ ފިލްމްތަކަށް ސަމާލުކަން ދިނުމަށް ކަމަށް ސަލްމާން ބުނެ އެވެ.
އަންނަ މާރޗު މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ ސަލްމާންގެ ފިލްމަކީ އޭނާގެ މެންޓޯ ރެމޯ ޑި ސޫޒާގެ ފިލްމެކެވެ. މި ފިލްމުން ސަލްމާން އެކީ ފެނިގެންދާނީ ލައުރެން އެވެ. މި ދެ ތަރިން މީގެ ކުރިންވެސް ވަނީ އެކުގައި ފެނިގެން ގޮސްފަ އެވެ. އެއީ ރެމޯގެ “އޭބީސީޑީ”އިންނެވެ. އެ ފިލްމަކީ މި ދެ ތަރީން ފެނިގެންދިޔަ ފުރަތަމަ ފިލްމްވެސްމެ އެވެ.
އެ ފިލްމްގައި ސަލްމާން ދައްކުވައިދިން އެކްޓިންނާއި ނެށުމުގެ ހުނަރުން ގިނަ ބަޔެއްގެ މަގުބޫލުކަން އޭނާ ހޯދި އެވެ.
ރެމޯގެ އަންނަ އޮތް ފިލްމަކީ ލަވްސްޓޯރިއެކެވެ. މި ފިލްމުންވެސް ސަލްމާން ނެށުމުގެ ކުޅަދާނަކަން ފެނިގެންދާނެ އެވެ. ކަޝްމީރު އަދި ގޯވާގައި ކުޅުމަށް ހަމަޖެހިފައިވާ މި ފިލްމުން “ބޯލްޑާންސް” އެހެން ހަރުފަތަކަށް ގެންދާނެ ކަމަށް ސަލްމާން ބުނެފައިވެ އެވެ.
މި އަހަރު ރިލީޒުކުރަން ހަމަޖެހިފައިވާ ސަލްމާންގެ ދެވަނަ ފިލްމަކީ “ފްރީޑޮމް” އެވެ. މި ފިލްމަކީ ޑްރަގު އެޑިކްޓްވެފައިވާ މީހެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެއް ކަމަށް ސަލްމާން ބުންޏެވެ. އަދި މި ފިލްމަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި އޭނާ އަކީ ޑްރަގު އަދި ބަނގުރަލުގެ ރަހަވެސް މީގެ ކުރިން ބެލި މީހެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ ރޯލެއް ކުޅުމަށް ވަރަށް ތައްޔާރުވާން ޖެހުނު ކަމަށް އޭނާ ބުނެފައިވެ އެވެ.
ސަލްމާން ވަނީ ގިނަ ފިލްމްތަކެއް ލަވަތައްވެސް ކޮރެއޮގްރާފް ކޮށްދީފަ އެވެ. އޭނާ ބުނާގޮތުން އެކްޓިން ކުރި ނަމަވެސް ނެށުން އޭނާ ދޫކޮށްނުލާނެ ކަމަށެވެ.