twitterviber whatsapp telegramfacebookyoutube instagram
7th May 2024

މި އަހަރު ބޮލީވުޑަށް ނުކުންނާނެ އުއްމީދީ ތަރިން

Jan 12, 2015

2014 ވަނަ އަހަރު ބޮލީވުޑަށް ޓައިގާ ޝުރޯފް، ކްރިތީ ސްނޯން، ފަވާދު ހާން އަދި އަރުމާން ޗެއިން ފަދަ އުއްމީދީ ތަރީން ތައާރަފުވެފައިވާއިރު މި އަހަރުވެސް މިފަދަ އެތައް އުއްމީދީ ތަރީންނެއް ބޮލީވުޑަށް ތައާރަފުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެފަދަ ބައެއް ތަރީންނަށް އަލިއަޅުވާލާނަމެވެ.

1-މަހީރާ ހާން

މަހީރާ ހާން އަކީ ޕާކިސްތާނުގެ ޑްރާމާ ސީރީޒްއެއް ކަމަށްވާ “ހަމްސަފަރު”އިން މަޝްހޫރުކަން ހޯދާފައިވާ ރީތި ތަރިއެކެވެ. 32 އަހަރުގެ މަހީރާ ބޮލީވުޑަށް ނިކުތުމަށް ހަމަޖެހިފައިވަނީ ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކު ހާން އާއެކުގަ އެވެ. އޭނާ ފެނިގެންދާނީ ޝާހުރުކުގެ ކުރިއަށް އޮތް ފިލްމް ކަމަށްވާ “ރައީސް”އިން ޝާހުރުކުގެ ލޯބިވެރިޔާގެ ރޯލުންނެވެ. ޝާހުރުކުގެ ފިލްމަކުން ބޮލީވުޑަށް ތައާރަފުވުމަކީ ކޮންމެ އައު ތަރިއެއްގެވެސް ބޮޑު އުއްމީދެކެވެ.

2-ކަޕިލް ޝަރުމާ

ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ “ކޮމެޑީ ނައިޓްސް ވިތް ކަޕިލް” ހުށައަޅައިދޭ އަދި ކޮމެޑީގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަޕިލް މި އަހަރު ބޮލީވުޑުގެ ފިލްމަކުން ފެނިގެންދާނެ އެވެ. އެއީ “ބާޒީގަރު” އަދި “ރޭސް” ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އައްބާސް މުސްތާންގެ “ބޭންކް ޗޯރް”އިންނެވެ. ކަޕިލް މި ފިލްމުން ފެނިގެންދާނީ އެލީ އަބްރާމް އާއެކު އެވެ.

3-ގުރުމީތް ޗޯދަރީ

ޓީވީގެ މަޝްހޫރު އެތަކެއް ޑްރާމާތަކުން ފެނިގެންދިޔަ ގްރްމީތްގެ ފުރަތަމަ ފިލްމް މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާއިރު މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ވިކްރަމް ބަޓްގެ ފިލްމެކެވެ. ގްރްމީތާއެކު މި ފިލްމުން ސަޕްނާ ޕާޕީވެސް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

4-އަކްޝަރާ ހަސަން

ސައުތް ސްޕާސްޓަރ ކަމަލް ހަސްން އަދި ބޮލީވުޑްގެ ކުރީގެ ބަތަލާ ޝަރިކާގެ އަންހެން ދަރި އަކްޝަރާ ހަސަންގެ ފުރަތަމަ ފިލްމް އަންނަ ފެބްރުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްމްގައި އަކްޝަރާ ފެނިގެންދާނީ ބޮލީވުޑްގެ ސްޕާސްޓާރ އަމީތާބު ބަޗަން އަދި “ރާންޖަނާ”އިން ފެނިގެންދިޔަ ތަރި ދަނުޝް އާއެކުގަ އެވެ. މި ފިލްމްގެ ނަމަކީ “ޝަމިތާބް” އެވެ. 23 އަހަރުގެ އަކްޝަރާ އަކީ ބޮލީވުޑްގެ ތަރި ޝުރިތީ ހަސަންގެ ކޮއްކޮވެސްމެ އެވެ.

5-ހަޝްވަރުދަން ކަޕޫރް

އަނިލް ކަޕޫރްގެ ފިރިހެން ދަރި ހަޝްވަރުދަން މި އަހަރު “މިރްޒާ” މި ފިލްމުން ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު މި ފިލްމަކީ މިރްޒާ ގާލިބުގެ މައްޗަށް ތައްޔާރުކޮށްގެން ރާކޭޝް އޯމް ޕުރަކާޝް ޑައިރެކްޓް ކުރާ ފިލްމެކެވެ.24 އަހަރުގެ ހަޝް އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހަމުންދާ ސޯނަމް ކަޕޫރްގެ ކޮއްކޮ އެވެ.

6-ކަރަން ސިންހް ގްރޯވަރު

ޓީވީގެ މަޝްހޫރު އެކްޓަރ ކަރަން ސިންހް ގްރޯވަރުގެ ފުރަތަމަ ބޮލީވުޑް ފިލްމް “އެލޯން” މި ޖެނުއަރީ މަހު ރިލީޒްވުމަށް ތައްޔާރުވަމުންދާއިރު މި ފިލްމްގައި ކަރަންގެ އިތުރުން ފެނިގެންދާނީ ބިޕާޝާ ބާސޫ އެވެ. 32 އަހަރުގެ ކަރަންގެ ފުރަތަމަ ފިލްމް “އެލޯން” ޑައިރެކްޓްކޮށްފައިވަނީ ބޫޝާން ޕަޓޭލް އެވެ.

7-ސޫރަޖް ޕަންޗޯލީ

އަމިއްލައަށް މަރުވި ބޮލީވުޑްގެ ބަތަލާ ޖިއާ ހާންގެ ލޯބިވެރިޔާ ސޫރަޖް ޕަންޗޯލީ މި އަހަރު ބޮލީވުޑަށް ނިކުތުމަށް ދަނީ ތައްޔާރު ވަމުންނެވެ. ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަދިއްތިޔާ ޕަންޗޯލީ އަދި ޒީނަތު ވައްހާބުގެ ދަރި ސޫރަޖް ފެނިގެންދާނީ 1983ގައި ނިކުތް ފިލްމް “ހީރޯ”ގެ ރިމޭކުންނެވެ. މި ފިލްމް ޕްރޮޑިއުސްކުރަނީ ބޮލީވުޑްގެ ސްޕަސްޓަރ ސަލްމާން ހާން އެވެ. ސޫރަޖް ބޮލިވުޑަށް ތައާރަފުކޮށް އޭނާ ޕްރޮމޯޓް ކުރުމުގެ ޒިންމާ އުފުލާފައިވަނީވެސް ސަލްމާން އެވެ.

8-އަތީޔާ ޝެޓީ

ސުނިލް ޝެޓީގެ ދަރި އަތިޔާ ޝެޓީގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ސޫރަޖު ޕަންޗޯލީވެސް ތައާރަފުވާ ފިލްމް “ހީރޯ” އެވެ. މި އަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް މި ފިލްމް ތައްޔާރުވަމުންދާއިރު 22 އަހަރުގެ އަތީޔާ ދަނީ މި ފިލްމަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ޖިއާ މަރުގެ މައްސަލާގައި ސޫރަޖު ހައްޔަރުކުރުމާއި ގުޅިގެން މި ފިލްމް ޝޫޓިން ލަސްވެފައިވީ ނަމަވެސް މި މައްސަލައިން ސޫރަޖު މިހާރު ސަލާމަތްވެފައިވާތީ ފިލްމްގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355