ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެތައް ކަމެއް ހުރެއެވެ. ރީތި ކަމަކީ އެންމެންވެސް ލޯބިކުރާ ކަމެކެވެ. އެހެންނަމަވެސް މި މައުޟޫގައި ރީތިކަން މި މާނަކުރަނީ ހަމައެކަނި ތިމާގެ ސިފަ ރީތި ކުރުމަށް ހަރުލައްވަންޖެހޭ އާދަތަކުގެ ވާހަކައަކަށް ނޫނެވެ. ހަމައެކަނި ތިމާ ރީތިވަނީ ހުންނަ ސިފައަކުން ނޫނެވެ. މީހެއްގެ ރީތިކަން ފުރިހަމަ ވާނީ އެހެންމީހުން ތިމާއަށް އިހުތިރާމުކޮށް ތިމާ އަކީ ހަރުދަނާ ގާބިލް މީހެއް ކަމަށް ދެކިގެންނެވެ.
ތިރީގައި މި ހިމަނާލަނީ އެހެން މީހުންގެ އިހުތިރާމް ދެމެހެއްޓުމަށްޓަކައި ކޮންމެހެންވެސް ހަރުލައްވަންޖެހޭ ބައެއް އާދަ ތަކެވެ.
ހެދުން އެޅުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުން
ކޮންމެ މީހަކީވެސް މިޒަމާނުގައި ފެޝަނަށް ލޯބި ކުރާނެ މީހެކެވެ. އެހެންމީހަކު ހެދުން އަޅާގޮތް ރީތިވެގެން އެކަން ނަކަލު ކުރަން އުޅޭ މީހުންވެސް މިހާރު މަދެއް ނޫނެެވެ. އެހެންނަމަވެސް އަނެކާ ހެދުން އަޅާ ގޮތަކީ ތިމާއަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވެދާނެ އެވެ. ނުވަތަ އެ ހެދުމެއްގެ ކުލައަކީ ނުވަތަ ހަދާފައިވާ ޑިޒައިންގެ ސަބަބުން ތިމާ އެންމެ ހިތްހަމަ ނުޖެހިދާނެ އެވެ. އެހެންކަމުން އެންމެ ރަގަޅު ގޮތަކީ ތިމާއަށް ފަސޭހަ ހަށިގަނޑާ ގުޅޭނެ ގޮތަކަށް ހެދުން އެޅުމެވެ. ތިމާއަކީ ކޮންކަހަލަ މީހެއްކަން ގިނަ ފަރަހަށް މީހުން ސިފަ ކުރާނީ ތިމާ ހެދުން އެޅުމުގެ މިންގަނޑަށް ބަލައިގެންނެވެ.
ރީތި އާދަތަތައް
އަދާކުރާ ވަޒީފާއެއްގެ ގޮތުން މީހުންނާ ވާހަކަ ދައްކާ އެމީހުންނަށް ހިދުމަތް ދިނުމުގައި ވަގުތު ހޭދަ ކުރަންޖެހޭ ފަހަރު އާދެ އެވެ. މިފަދަ ވަގުތެއްގައި ތިމާގެ ވާހަކަ ދެއްކުމާއި ހަރަކާތްތައް ބަހައްޓާގޮތުން ތިމާއަކީ ކޮންކަހަލަ މީހެއްކަން ވަރަށް ރީތިކޮށް އެނގިގެން ދާނެއެވެ. އަންނަ ކަސްޓަމަރުންނަށް ހިތް ހެޔޮކަމާ ހިނިތުން ވުމާއެކު ހިދުމަތް ދީފިނަމަ އެމީހެއްގެ ހިތުގައި ތިމާއަށް ކޮންމެވެސް ވަރެއްގެ ގަދަރަކާއި އިހުތިރާމެއް އުފެދޭނެކަން ޔަގީނެވެ. އެހެންމަނަވެސް ހިދުމަތް ހޯދަން އަންނަ މީހަކު ކައިރިން އަވަހަށް ސަލާމަތް ވުމަށް “ރުންކުރުކޮށް” ތިމާގެ އަމަލުތައް ބަހައްޓައިފިނަމަ ދެވަނަ ފަހަރަށް ހިދުމަތް ހޯދަން އައުމަށް ވުމަށް ކައިރީ ނައުމެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުރުން
މަސައްކަތެއް ފުރިހަމަކުރުމަށްޓަކައި ތިމާ އަމިއްލަ ނަފްސަށްކުރާ އިތުބާރަކީ މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. ސަބަބަކީ ކަމެއް ކުރުމަށް ފަށާއިރު ތިމާއަށް އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީކަން އޮތްނަމަ އެެހެންމީހުންވެސް ތިމާއަށް ކަންކަމުގައި އިތުބާރު ކުރާމިންވަރު ބޮޑު ވާނެއެވެ. ކާމިޔާބު ވާނެކަމުގެ އެއްވެސް އިތުބާރެއްނެތި ފަށާކަމެއް ކުރުމުގެ ޝައުގުވެރިކަމެއްވެސް ގިނަ ފަހަރަށް ނުހުންނާނެ އެވެ.
އުޅުމާއި އަހުލާގުގައި ރީތި އާދަ ދަމަހައްޓައިފިނަމަ ތިމާއަކީ މުޖުތަމައު ބަލައިގަންނަ އެހެން މީހުންގެ އިހުތިރާމު ލިބިގެން ދާނެ މީހެކެވެ.