“މެސެންޖާރ އޮފް ގޯޑް” ނަމަކަށް ކިޔާ ފިލްމެއް އިންޑިޔާގައި އެޅުވުމަށް މަސައްކަތް ކުރަމުންދާއިރު އެ ފިލްމަށް ވަނީ އިންޑިޔާގެ ސެންސަރު ބޯޑުން ހިފަހައްޓާފަ އެވެ.
އިންޑިޔާގައި 1990 ގައި އުފެދުނު ސޯސިއަލް ސްޕްޗުއަލް ޖަމިއްޔާއެއްގެ އިސް ފާދިރީ ހަރަކާތްތެރިވާ މި ފިލްމުން ފެނިގެންދާނީ ރަސޫލެއްގެ ވާހަކަ ކަމަށާއި މި ފިލްމުން ވަކި ދީނަކަށް ފުރައްސާރަކޮށް އަދި ވަކި ދީނެއް ޕްރޮމޯޓްކޮށްފައިނުވާ ކަމަށްވެސް ފާދިރީ ގްރްމީތް ރަމް ރާހިމް ބުނެފައިވެ އެވެ.
ނަމަވެސް މި ފިލްމުން ބޯދާ ގަބޫލުކުރުތަކާއި އެފަދަ ކަންކަމަށް ހިތްވަރު ލިބިދޭ ކަމަށް ބުނެ އިންޑިޔާގެ ސެންސާރ ބޯޑުން މި ފިލްމް އިންޑިޔާގައި ރިލީޒްކުރުން ވަނީ މަނާ ކޮށްފަ އެވެ.
މިކަމާ ގުޅިގެން މި ފިލްމަށް ބެލުމަށް ބޭނުންވާ ފަރާތްތަކުންނާއި ފާދިރީ ގްރްމީތަށް ސަޕޯޓްކުރާ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާ ކުރިއަށް ދަނިކޮށް ސެންސާރ ބޯޑްގެ ޗެއާރމަން އިސްތިއުފާ ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.
ފާދިރީ ގްރްމީތަކީ ވަކި ދީނެއް ގަބޫލްކޮށް ޕްރޮމޯޓްކުރާ މީހެއް ނޫނެވެ. ނަމަވެސް އޭނާ ދަނީ އަމިއްލަ ދީނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭނާއަށް ތަބާވާ ގިނަ އަދަދެއްގެ މީހުން އިންޑިޔާގައި އުޅެ އެވެ. އެމީހުން އޭނާއަށް އަޅުކަންވެސް ކުރެ އެވެ.
ގްރްމީތް މަޝްހޫރުވެފައިވަނީ “ރޮކްސްޓާރ ބާބާ”ގެ ނަމުންނެވެ. އެއީ އޭނާއަކީ ލަވަކިޔާ ލަވަ ލިޔެ މިއުޒިކްވެސް ކުޅޭ މީހަކަށް ވާތީ އެވެ. “މެސެންޖާރ އޮފް ގޯޑް” މި ފިލްމް ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށް ލަވަތަކުގެ ޅެންވެސް ހަދާފައިވަނީ އޭނާ އެވެ.
ގްރްމީތް ބާބާ ބުނެފައިވަނީ މި ފިލްމްގައި އޭނާ އަކީ ކަލާނގެއެއް ނޫން ކަމަށާއި ޝާހުރުކް، ރިތިކް ފަދަ ތަރީންވެސް ކާރާއި ރޭލް ފަދަ ތަކެތި އަތުން ހުއްޓާފައިވާއިރު އޭނާ އެފަދަ ސްޓަންޓްތައް ފިލްމްގައި ހިމެނުމުން އެއީ މައްސަލައަކަށްވެގެން ނުވާނެ ކަމަށެވެ.
އިންޑިޔާގެ ގިނަ އަދަދެއްގެ މީހުން ޓްއިޓާގައިވެސް މި ފިލްމަށް ސަޕޯޓްކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.