ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރްގެ ޑިމާންޑް އިންޑިޔާގެ ފެޝަން ޑިޒައިނަރުންގެ މެދުގައި ބޮޑު ވެއްޖެ އެވެ.
އޭނާގެ ޑިމާންޑް ބޮޑުވެފައި މި ވަނީ ބޮލީވުޑްގެ އެވޯޑް މޫސުމާ ގުޅިގެންނެވެ. މިދިޔަ އަހަރު ނިކުތް ޝާހިދުގެ ފިލްމް “ހޭދަރު” ގައި އޭނާ ދައްކުވައިދީފައިވާ އެކްޓިން ވަނީ ގިނަ ބަޔަކު ބަލައިގަނެފަ އެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ބެސްޓް އެކްޓަރ އެވޯޑް މި އަހަރު ހޯދާނެ ތަރިއަކީ ވެސް ޝާހިދެވެ.
އެކަން އޭނާ މިހާރު ވަނީ ޗާބިތުވެސް ކޮށްދީފަ އެވެ. މިހާތަނަށް ބޮލީވުޑްގައި މި އަހަރު ބޭއްވި ބޮޑު ތިން އެވޯޑް ހަފުލާގައި ބެސްޓް އެކްޓަރގެ އެވޯޑް ފަހުރުވެރިކަމާއެކު އުފުލާލާފައިވަނީ ޝާހިދެވެ.
މި ސަބަބަށްޓަކައި ކޮންމެ ފެޝަން ޑިޒައިނަރެއްވެސް ބޭނުންވެފައިވަނީ އޭނާގެ ޑިޒައިން ނުވަތަ ބްރޭންޑްގެ ހެދުމެއް ޝާހިދު އެވޯޑް ހަފުލާއަށް ދާއިރު ލައިގެން ދިއުމެވެ. އެއީ އެމީހުން އިސްތިހާރުވެ ބްރޭންޑް ޕްރޮމޯޓްކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވެފައިވާތީ އެވެ.
ހުރިހާ އެވޯޑް ހަފުލާތަކެއްގައިވެސް ޝާހިދު ބައިވެރިވަމުންދާއިރު މީޑިޔާއިންވެސް ދަނީ އޭނާއަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
ފެޝަން ޑިޒައިނަރުންގެ މެދުގައި ޝާހިދުގެ ޑިމާންޑް ބޮޑުވެފައިވާއިރު އެވޯޑް ހަފުލާތަކުގައި ޝާހިދު ދަނީ ތަފާތު ހެދުންތައް ދައްކާލަމުންނެވެ. އެ ހެދުންތަކަށް ކްރިޓިކްސްގެ ފަރާތުންވެސް ވަނީ ތައުރީފުގެ ބަސްތައް ލިބިފަ އެވެ.