ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ހިތްހަމަޖެހޭ އުފާވެރި ހަޔާތެއް ހޯދާށެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ތިބެނީ ތައްޔާރަށެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތެއްގެ ސަބަބުން އުފާވެރިކަން ނެތިގޮސް މާޔޫސްކަމާ ކުރިމަތިލާން ޖެހެ އެވެ. މި ލިޔުމުގައި މި ހިމަނާލަނީ ގިނަ މީހުންގެ ހުންނަ އެފަދަ ނޭދެވޭ އާދަތަކެވެ.
ހުރިހާ ކަމެއް އެންމެ ރަނގަޅު ނޫނަސް ހުރިހާ ކަމެއް ‘އޯކޭ’ ކަމަށް ދައްކައިގެން ހުރުން
ދިރިއުޅުން ދެކެ ފޫހިވެ ނާއުންމީދުވާ ގޮތްވޭ ހެއްޔެވެ؟ ކަންކަމާ ދެރަވެ މާޔޫސްވާ ގޮތްވޭ ހެއްޔެވެ؟ އެއީ މައްސަލައެއް ނޫނެވެ. އިންސާނީ ތަބީއަތުގައި ލައްވާފައިވާ ކަމެކެވެ. އަދި އަމިއްލައަށް އެކަން ގަބޫލުކުރުމަކީ އެފަދަ ކަންކަން ބަދަލުކުރުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. ކޮންމެ މީހަކަށް ވެސް ދުނިޔެމަތީގައި ދެރަވާ ކަންތައްތަކާ ދިމާވާނެ އެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ އެވެ. ނަމަވެސް އެކި މީހުންގެ ކެތްތެރިވުމުގެ ބާރު ތަފާތުވާނެ އެވެ. ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭނެ ހަގިގަތަކީ ތިމާގެ ކެތްތެރިކަން ކޮޅުންލާ ފަހަރުވެސް އަންނާނެ ކަމެވެ. އެފަދަ ހާލަތްތަކުގައި ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން ހިތުގައިވާ ހުރިހާ އުދާސްތަކެއް ފޮރުވައިގެން ހުރުމުން ނަފްސާނީގޮތުން ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އިންސާނީ ޖަޒުބާތުތައް ކޮންމެވެސް ސިފައެއްގައި ބޭރުކުރުމަކީ އުފާވެރި ތަބީއަތަކަށް މުހިންމު ކަމެކެވެ. ކަރުނައިގެ ސިފައިގައި އެ އިހުސާސްތައް ބޭރު ކުރެވިދާނެ އެވެ. ނޫނީ ތިމާ އިތުބާރު ކުރާ މީހަކަށް އެވާހަކަތައް ކިޔައިދެވިދާނެ އެވެ. ޔަގީނުން ވެސް ސިކުނޑިއަށް ލުއި ކަމެއް އަންނާނެ އެވެ. މައްސަލައެއްގައި ތިމާ ދެކޭ ގޮތާ ތަފާތު ގޮތަކަށް އެހެން މީހުންގެ ވިސްނުން ހުރުން އެކަށީގެންވެ އެވެ.
މާޒީގައި ކަންތައްތައް ވެފައިވާ ގޮތަށް ‘މިއަދު’ ބިނާކުރުން
ލޯބިވެރިޔާ ބޭވަފާތެރިވުމުން އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރަން ވައުދު ވަނީ ޒުވާން ފުރައިގެ ކިތައް ކުދިން ހެއްޔެވެ؟ ދެން ތިމާގެ ހަޔާތަށް އަންނަ ކޮންމެ މީހަކުވެސް ކަންތައްކުރާނީ އެފަދައިން ކަމަށް ގަބޫލުކުރާތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. މާޒީގައި ކަންތައްވެފައިވާ ގޮތުގެ ސަބަބުން އަމިއްލަ ނަފްސަށް ދެވެނީ ވަރަށް ބޮޑު އަދަބެކެވެ. އެއީ ތިމާގެ ކުށަކަށް ނުވިނަމަވެހެވެ. ވިސްނާލަންޖެހޭ ކަމަކީ ‘އިއްޔެ’ އަކީ އެ ދުވަހުން އިބުރަތް ލިބިގަނެ މާޒީގެ ފަތްފުށްތަކުގެ ތެރެއަށްލައި ފޮރުވަން ވެފައިވާ ދެވަހެކެވެ. ދަތި އުނދަގޫ ދުވަސްތަކުގެ ސަބަބުން ކެތްތެރިވާން ދަސްވެ އެވެ. ކުރެވިފައިވާ ކުށްތަކުން ވިސްނުން ތަރައްގީވެ، އެހެން ގޮތަކަށް ބުނާނަމަ ‘މެޗުއަރ’ ވެ އެވެ. މާޒީގައި ވެފައިވާ ކޮންމެ ކަމަކީ އެކަމެއްގައި ފޮރުވިފައިވާ ހިކުމަތެއް ވާނޭ ކަމެކެވެ. އާނއެކެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ.
‘އިއްޔެ’ ނުވަތަ ‘މާދަމާ’ ގައި ދިރިއުޅުން
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އުފާވެރިކަމަކީ ނިމިގޮސްފައިވާ ކަމެކެވެ. ނުވަތަ އަންނަން އޮތް ކަމެކެވެ. ކަން މިހެން ހުރުމުން މިހާރު ހިނގާ ކަންތައްތަކަށް ސަމާލުކަން ކުޑަވެ އެވެ. މިއަދުގެ އުފާތަކުން މަހުރޫމުވެ އެވެ. ކޮންމެ ކަމެއްގެ މުހިންމުކަން ދެނެގަނެވެނީ އެވަގުތެއް ފާއިތުވުމުންނެވެ. ދެން އިންތިޒާރުކުރެވެނީ އެފަދަ އެހެން ދުވަހަކަށެވެ. އޭގެ ބަދަލުގައި ވަގުތެއްގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ކޮންމެ ވަގުތަކީ މުހިއްމު ވަގުތެކެވެ. މާދަމާގެ ހަނދާންތަކަކީ މިހާރުގެ ވަގުތެވެ. ކުދި އުފާތަކަށް ވަގުތުދޭށެވެ. އާއިލާއާ އެކީ ވަގުތު ހޭދަކުރާށެވެ. ބޮޑު ޗުއްޓީގައި މަޖާ ކުރަން މަޑުނުކުރާށެވެ. ވަގުތަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.
ދިރިއުޅުމުގެ ‘ތޫފާން’ ތަކުގެ ކުރީގައި ހުރި ގޮތަށް ހުންނަން ބޭނުންވުން
ދިރިއުޅުމުގައި ކުރާ ތަޖުރިބާތަކަކީ އެކަމުގެ ސަބަބުން ތިމާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަންތައްތަކެވެ. ކުއްލިއަކަށް އައި ކޮޅިގަނޑެއްގައި ވިއްސާރަ އަލިވިއިރު ހުރިހާ ކަމެއް ވާނީ ބަދަލުވެފަ އެވެ. ގިނަ ބަޔަކަށް މި ބަދަލު ފެންނަނީ ހެޔޮ ބަދަލެއްގެ ގޮތުގައެއް ނޫނެވެ. ބޭނުންވާނީ ކުރިން ހުރި ގޮތަށް ބަދަލުވުމަށެވެ. އެކަމަކު އެއީ ވާނޭ ކަމެއް ނޫނެވެ. ވިސްނާލަންޖެހޭ ހަގީގަތަކީ އެފަދަ ތޫފާންތަކުން ތިމާއަށް އަންނަ ބަދަލަކީ އެނޫން ގޮތަކުން އަންނާނޭ ބަދަލެއް ނޫނެވެ. ކުރެވުނު ތަޖުރިބާއިން ތިބާ ކިބައިގައި އަށަގަންނަނީ އެނޫން އެއްވެސް ހާލަތެއްގައި އަށަގަންނާނެ ސިފަތަކެއް ނޫނެވެ. އެހެން މީހުންގެ ހާލު ވިސްނި ހަމްދަރުދީވުމާއި މަޑުމައިތިރިކަމުގެ އިތުރުން ރުޅި ކޮންޓްރޯލުކުރަން ދަސްވެ އެވެ.
ބަދަލުތަކާ ދެކޮޅު ހެދުން
ކޮންމެ ބަދަލަކީ ނޭދެވޭ ބަދަލެއް ނޫނެވެ. ބަދަލަކީ ކުރިއެރުމަށް ހުޅުވޭ ދޮރެކެވެ. ކުރާ ހުރިހާ ކަމެއް އެއްގޮތަކަށް ކުރާ ނަމަ ތިމާގެ ނަފްސު ތަރައްގީއެއް ނުވާނެ އެވެ. އިތުރު އެއްޗެހި ދަހެއްނުވާނެ އެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމަކީ ‘ފޫހި’ ދިރިއުޅުމެކެވެ. އައު ކަންތައްތަކަކަށް ތަނެއް ނުދެ އެވެ. ކޮންމެ ދުވަހެއް ވެސް އޭގެ އަނެއް ދުވަހާ ގުޅި ދުވަސްތައް މާޒީއާ އެކުވަމުން ދާނެ އެވެ. ވިސްނާލާށެވެ. މިދިޔަ އަހަރާއި މިއަހަރު ތބާގެ އެއްވެސް ބަދަލެއް އައިސްފި ހެއްޔެވެ؟ ކުރެވުނު މަޖާ، އާދަޔާ ހިލާފު ކަންކަމަކީ ކޮބައި ހެއްޔެވެ؟ ކުރާ ކަމެއްގެ ސަބަބުން ހިތްނުތަނަވަސް ވާފަހަރު އަތުވެދާނެ އެވެ. އެހެންނަމަވެސް އަމިއްލަ ނަފްސަށް އައު ކަމެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭށެވެ. އުފާވެރިކަން އިހުސާސްވާނެ އެވެ. ހަނދާންތަކެއް އުފެދޭނެ އެވެ. ނޫނީ އައު ފިލާވަޅެއް ލިބޭނެ އެވެ.
އެހެންމީހުންނަށްޓަކައި އަމިއްލަ ނަފްސު ގުރުބާންކުރުން
އެހެންމިހުންނަށްޓަކައި ތިމާގެ މުޅި ދިރިއުޅުން ގުރުބާން ނުކުރާށެވެ. އެއީ ތިމާ އާއި ތިމާ ލޯބިވާ ފަރާތްތަކަށް ވެވޭ ބޭއިންސާފެކެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމާއި ނަފްސަށް ވަގުތު ދިނުމަކީ ކިބުރުވެރިކަމާއި ބޮޑާ ކަމެއް ނޫނެވެ. އަމިއްލަ ނަފްސު ދެކެ ލޯބިނުވާ މީހަކަށް އެހެން މީހަކަށް ލޯތްބެއް ނުވެވޭނެ އެވެ. އެލޯބި ހިއްސާއެއް ނުކުރެވޭނެ އެވެ. އެހެން މީހަކާ ތިމާގެ ދިރިއުޅުން ހިއްސާ ކުރުމުގެ ކުރިން ތިމާގެ އެންމެ ގާތް އެކުވެރިޔަކަށް ތިމާ ވާން ޖެހޭ ކަން ވިސްނާލާށެވެ.
ނުބައި ހިޔާލުތަކަށް ހިތުން ޖާގަ ދެވުން
އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެ އެވެ. ކޮންމެ މީހެއްގެ ވެސް ނޭދެވޭ ސިފަތަކެއް ހުންނާނެ އެވެ. އެކަންތައްތައް ހިތަށް ގެނެސް އެކަމާ ދެރަވެ ހިތާމަ ކުރަން ވެއްޖެނަމަ އެފަދަ އެތައް ކަމެއް ފެންނާނެ އެވެ. ތިމާގެ ނުރަނގަޅު ސިފަތަކުގެ ވާހަކަ ދައްކަން ފަށައިފިނަމަ ވާހަކަ ކޮޅުން ނުލާނެ އެވެ. މިއާދަ ދޫކޮށްލާށެވެ. އުފާވެރި، މަޖާ އަދި ކުރެވިފައިހުރި ރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކާށެވެ. ކޮންމެ ކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތަށް ވިސްނޭތޯ ބަލާށެވެ. ތިމާ އާއި ތިމާ އެކީ އުޅޭ އެންމެންގެ އުފާވެރިކަން ދެގުނައަށް އިތުރުވާނެ އެވެ.
އުފާވެރި ކަމަކީ ބަހަކުން އަމަލަކުން އަބަދު ދެމި އޮންނާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގައި ހޭދަކުރާ މަދު ދުވަސްކޮޅުގެ ބޮޑު ބައެއް އުފާވެރި ކަމާއެކު ހޭދަކުރެވިދާނެ އެވެ. އުފާވެރިކަން ނެތި ކުުރުވާ ނުބައި އާދަތައް ދޫކޮށްލާށެވެ.