ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިއަންކާ ޗޯޕްރާގެ ތަފާތު 4 ފިލްމެއް މި އަހަރު ރިލީޒްވާނެ އެވެ.
އެގޮތުން މި އަހަރު ނިކުންނާނެ ޕްރިއަންކާގެ ފުރަތަމަ ފިލްމަކީ “ދިލް ދަޅަކު ނެ ދޯ” އެވެ. މި ފިލްމާ ބެހޭގޮތުން އޭނާ ބުނެފައިވަނީ މިއީ އާއިލީ މައްސަލަތަކެއް މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމުގައި ޕްރިއަންކާގެ އިތުރުން ރަންވީރު ސިންހް އާއި އަނުސްކާ ޝަރުމާ އާއި ފަރުހާން އަހްތަރު އަދި އަނިލް ކަޕޫރް ފެނިގެންދާނެ އެވެ.
ޕްރިއަންކާ ދެވަނަ ފިލްމަކަށް މި އަހަރު ނިކުންނާނީ “ބާޖީ ރާއޯ މަސްތާނީ” އެވެ. ޕްރިއަންކާ ރަންވީރު ސިންހް އަދި ދީޕިކާ ޕަޑްކޯންއާއެކު ފެނިކެންދާ މި ފިލްމުގައި އޭނާ އަދާކުރަނީ ރާނީ އެއްގެ ރޯލެވެ.
މީގެއިތުރުން ޕްރިއަންކާ ލީޑް ރޯލުން ފެނިގެންދާ “މެޑަމް ޖީ” އަދި “ގަންގާޖަލް” ވެސް މި އަހަރު ރިލީޒްކުރެވޭނެ އެވެ.
“މެޑަމް ޖީ”ގައި ޕްރިއަންކާ ފެނިގެންދާނީ ނެށުންތެރިއެއްގެ ރޯލުންނެވެ. އޭނާ މި ފިލްމާ ބެހޭގޮތުން ބުނެފައިވަނީ މިއީ ތަފާތު ފިލްމެއް ކަމަށާއި މިއީ ވަރަށް “ޗެލެންޖިން” ރޯލެއް ކަމަށެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ ވެސް ޕްރިއަންކާ އެވެ.
އަޖޭ ދޭވްގަން ހަރަކާތްތެރިވި “ގަންގާޖަލް”ގެ ދެ ވަނަ ފިލްމް “ގަންގާޖެލް 2” ޕްރިއަންކާ ފެނިގެންދާނީ ފުރަތަމަ ފިލްމުގައި އަޖޭ ފެނިގެންދިޔަ ފަދަ ރޯލަކުންނެވެ. ޕްރިއަންކާ މި ފިލްމުގައި އަދާކުރަނީ އިންޑިޔާގެ އަންހެން ފުލުހެއްގެ ރޯލެވެ.
މި ހަތަރު ފިލްމަކީވެސް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރުންގެ ފިލްމުތަކެވެ. އެގޮތުން “ދިލް ދަޅަކުނެ ދޯ” ޒޯޔާ އަހްތަރު ޑައިރެކްޓްކުރާއިރު “ބާޖީ ރާއޯ މަސްތާނީ” ޑައިރެކްޓްކުރަނީ “ރާމްރީލާ” ޑައިރެކްޓްކުރި ސަންޖޭ ލީލާ ބަންސާލީ އެވެ. އަދި “ގަންގާޖަލް 2” ޕްރަކާޝް ޖާ ޑައިރެކްޓްކުރާއިރު “މެޑަމް ޖީ” އަކީ “ފެޝަން” ޑައިރެކްޓްކުރި މަދުރު ބަންޑާކަރުގެ ފިލްމެކެވެ.
ޕްރިއަންކާ އަކީ ފިލްމުތަކުގައި ތަފާތު ރޯލުތަކެއް ދައްކުވައިދޭ ކުޅަދާނަ ބަތަލާއެކެވެ.