ބޮލީވުޑްގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ އެވޯޑް ކަމަށްވާ ފިލްމްފެއާ އެވޯޑް ހަފުލާ މިރޭ ސޮނީ އެންޓަޓައިމެންޓުން ޓެލެކާސްޓްކުރާއިރު މި އެވޯޑް ޝޯވގައި ތަފާތު އެތަކެއް ކަމެއް ވަނީ ހިނގާފަ އެވެ.
އެގޮތުން 60 ވަނަ ފިލްމްފެއާ އެވޯޑް ހަފުލާގެ އެންމެ ބޮޑު އެއް ތަފާތެއްގެ ގޮތުގައި ފެނިގެންދިޔައީ ޝޯވގެ ހޯސްޓުންނެވެ. އާންމުގޮތެއްގައި ޝާހުރުކް، ސައިފް އަލީ ހާން ނުވަތަ ރަންބީރު ކަޕޫރް ހޯސްޓްކޮށްދިން މި އެވޯޑް ހަފުލާ މިފަހަރު ހޯސްޓްކޮށްދީފައިވަނީ ކަރަން ޖޯހަރު، އާލިޔާ ބަޓް އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ އެވެ. ގިނަ ބަޔަކަށް މި ތިން މީހުންގެ ހުށައަޅައިދިނުން ކަމުގޮސްފައިވާއިރު މިއީ އާލިޔާ އެވޯޑް ޝޯވ ހުށައަޅައިދިން ފުރަތަމަ ފަހަރެވެ. ކަރަން އާއި ކަޕިލްގެ ޖޯކްތައް ވަނީ އެވޯޑް ޝޯވއަށް ހާޒިރުވި ތަރިން ފާހަގަކޮށްފަ އެވެ. މީގެއިތުން ޝޯވ ހުށައަޅައިދިން އާލިޔާއަށް ވަނީ ކްރިޓިކްސް ކެޓަގަރީއިން އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ.
ޝާހިދު ކަޕޫރް އަދި ކަންގަނާ އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސްގެ މަގާމް ހާސިލުކުރުންވެސް ވެގެން ދިޔައީ މި އެވޯޑް ހަފުލާގެ ތަފާތު ކަމަށެވެ. ފުރަތަމަ ފަހަރަށް މި ދެ ތަރިންނަށް ފިލްމްފެއާ އެވޯޑް ލިބުނުއިރު ޝާހިދު ވަނީ އެވޯޑާ ހަވާލުވެފަ އެވެ. ނަމަވެސް ކަންގަނާ މި ހަފުލާއަށް ހާޒިރުނުވާކަން ފާހަގަކޮށްލެވެ އެވެ. ޝާހިދު މި އެވޯޑް ބޮލީވުޑްގެ އެންމެ މޮޅު ތަރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އާމިރު ހާންއާ ވާދަކޮށް ކާމިޔާބުކޮށްފައިވާއިރު ކަންގަނާ މި އެވޯޑް ހާސިލުކޮށްފައިވަނީ މީގެކުރިންވެސް ފިލްމްފެއާ އެވޯޑް އެތައް ފަހަރަކު ހާސިލުކޮށްފައިވާ ދެ ތަރިން ކަމަށްވާ ޕްރިއަންކާ އަދި ރާނީ މުކަރްޗީއާ ވާދަކޮށްގެންނެވެ.
ހަފުލާ ފެށުމުގެ ގޮތުން ރަންބީރު ކަޕޫރްގެ ހުށައަޅައިދިނުމެއް ފެނިގެންދާނެ އެވެ. ރަންބީރު ވަނީ އޭނާގެ ކާމިޔާބު ފިލްމެއް ކަމަށްވާ “ޔޭ ޖަވާނީހޭ ދިވާނީ”ގެ ލަވަތައް ނަށާފަ އެވެ. މީގެ އިތުރުން އަރުޖުން ކަޕޫރު ވަނީ ސަލްމާން ހާން، ޝާހުރުކް ހާން، އާމިރު ހާން އަދި އަޖޭ ދޭވްގަންއަށް ޓްރިބިއުޓެއް ދީފަ އެވެ. އެ ހަތަރު ތަރީންގެ ހިޓް ލަވަތަކަށް އަރުޖުން ވަނީ ނަށާފަ އެވެ.
ސަލްމާން ހާން އަދި ކަރަން ޖޯހަރުގެ ރަހުމަތްތެރިކަން ސްޓޭޖް މަތިން ފެނިގެންގޮސްފައިވާއިރު އެ ދެ ތަރިން ވަނީ ދީޕިކާއާއެކު ސަލްމާންގެ ހިޓް ލަވައެއް ކަމަށްވާ “ޗުންމޭކީ ރާތުހޭ”އަށް ނަށާފަ އެވެ. އަދި ކަރަންގެ ފިލްމް “ޝުއްދީ”ގެ ވާހަކަ އެ ދެ ތަރިން ވަނީ މި ޝޯވގައި ހިއްސާކޮށްފަ އެވެ. “ޝުއްދީ”އިން ސަލްމާން ފެނިގެންދާނެއިރު ބަތަލާއެއް އަދި ވަނީ ފައިނަލް ނުކޮށެވެ. އަޑުތައް ފެތުރިފައިވާގޮތުން މި ފިލުމުން ފެނިގެންދާނީ ދީޕިކާ އެވެ.
ޓައިގާ ޝްރޯފާ ވާދަކޮށް ފަވާދު ހާން އެވޯޑް އުފުލާލުން ވެގެންދިޔައީ ގިނަ ބަޔަކު ހައިރާންކުރިވި ކަމެކެވެ. އިންޑަސްޓްރީއަށް އަލަށް ތައާރަފްވި އެންމެ އުއްމީދީ ތަރީގެ އެވޯޑް ޕާކިސްތާނީ އެކްޓަރ ފަވާދު ހާން އުފުލާލާފައިވަނީ އެ އެވޯޑް އެހެން އެވޯޑް ހަފުލާތަކުގައި ކާމިޔާބުކުރަމުން އަންނަ ޓައިގާ ޝްރީފްއާ ވާދަކޮށެވެ. ގިނަ ބަޔަކު އުއްމީދުކުރި ގޮތާ ހިލާފަށް ފަވާދު މި އެވޯޑް އުފުލާލިއިރު އަލަށް ތައާރަފުވި އެންމެ އުއްމީދީ ބަތަލާގެ އެވޯޑް ހާސިލުކޮށްފައިވަނީ ގިނަ ބަޔަކު އުއްމީދުކުރި ގޮތާ އެއްގޮތަށް “ހީރޯޕަންތީ”އިން ޓައިގާ ޝްރޯފްއާ އެއްކޮށް ފެނިގެންދިޔަ ކްރިތީ ސްނޯނަށެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމު ފިލްމް “ހައިދަރް”އިން ޓަބޫ ހޯދާފައިވާއިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރގެ މަގާމު ހޯދާފައިވަނީ “ހައިދަރް”އިން ކޭކޭ އެވެ. އެންމެ މޮޅު ފިލްމްގެ އެވޯޑް ކަންގަނާގެ “ކްއީން” ހޯދާފައިވާއިރު މި އެވޯޑް ހަފުލާގައި އެއް ފިލްމަކަށް އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ޝާހިދު ކަޕޫރާއި ޝަރްދާ ކަޕޫރް ލީޑް ރޯލުން ފެނިގެންދިޔަ “ހައިދަރް”އަށެވެ.