twitterviber whatsapp telegramfacebookyoutube instagram
28th April 2024

މި އަހަރުގެ ގްރެމީ އެވޯޑްގެ އެންމެ ކާމިޔާބު ތަރިއަކީ ސޭމް ސްމިތް

Feb 9, 2015

57 ވަނަ ގްރެމީ އެވޯޑް ހަފުލާ ރޭ ބާއްވާފައިވާއިރު އެ އެވޯޑް ހަފުލާގައި އެންމެ ގިނަ ކާމިޔާބީ ލިބުނު ތަރިއަކީ ސޭމް ސްމިތެވެ.

ސޭމް 4 ގްރެމީ އެވޯޑް އުފުލާލާފައިވާއިރު 4 ގްރެމީއާއެކު ގެއަށްދިޔަ ހަމައެކަނި ތަރިއަކީ ސޭމް ސްމިތެވެ.

އެގޮތުން އޭނާ ވަނީ ބެސްޓް ނިއު އާޓިސްޓްގެ އެވޯޑާއި ބެސްޓް ޕޮޕް ވޯކަލް އަލްބަމްގެ އެވޯޑް ހޯދާފަ އެވެ. މި އެވޯޑް އޭނާ ހޯދާފައިވަނީ “ދަ ލޯންލީ އަވަރ”އިންނެވެ. މީގެއިތުރުން “ސްޓޭ ވިތް މީ” މި ލަވައިން ސޭމް ވަނީ ސޯންގް އޮފް ދަ އިޔާ އާއި ރެކޯޑް އޮފް ދަ އިޔާގެ އެވޯޑް ހޯދާފަ އެވެ.

ބްރިޓިޝްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ސޭމް ސްމިތުގެ ފުރަތަމަ އަލްބަމަކީ “އިން ދަ ލޯންލީ އަވަރ” އެވެ. 22 އަހަރުގެ ސްމިތުގެ “އިން ދަ ލޯންލީ އަވަރ” ރިލީޒްވި ފުރަތަމަ ހަފުތާގެ ތެރޭގައި ވަނީ ޔޫއެސްގައި 166000 ކޮޕީ ވިކިފަ އެވެ. އަދި އެހެން ގައުމުތަކާއެކު 1 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކިފައިވެ އެވެ.

ސޭމްގެ އިތުރުން ދެން އެންމެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވަނީ ބިޔޯންސޭ އަދި ފަރެލް ވިލިއަމްސް އެވެ. އެ ދެ ތަރިންވެސް ވަނީ ތިން ގްރެމީ ގެއަށް ގެންގޮސްފަ އެވެ.

އަލްބަމް އޮފް ދަ އިޔާގެ އެވޯޑް “މޯނިން ފޭސް” އިން ބެކް ކާމިޔާބުކޮށްފައިވާއިރު މި އެވޯޑް ހަފުލާގައި ކޭޓި ޕެރީގެ އަސަރުގަދަ ހުށައަޅައިދިނުމެއް ފެނިގެންދިޔަ އެވެ. ހުދު ހެދުމެއްގައި ކޭޓީ ލަވަ ހުށައަޅައިދިންއިރު އޭނާ މި ހުށައަޅައިދިނުން ހާއްސަކުރީ ގެވެހި އަނިޔާގެ ޝިކާރައަށްވާ މީހުންނަށެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސްޕީޗެއްވެސް މި ހަފުލާގެ ތެރެއިން ވަނީ ފެނިގެންގޮސްފަ އެވެ. އެ ސްޕީޗްގައި އޮބާމާ ވަނީ ގެވެހި އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

މީގެއިތުރުން “ސްޓޭ ވިތް މީ” މި ލަވަ ސޭމް ސްމިތް ހުށައަޅައިދިންއިރު ފަރެލް ވިލިއަމްސް ވެސް ވަނީ އައިޓަމެއް ހުށައަޅައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355