ވަރުން ދަވަންގެ ބަދަލުގައި އާލިޔާ ބަޓް އަދި ސިދްހާތް މަލޯތްރާއާއެކު މިފަހަރު ފެނިގެންދާނީ ޕާކިސްތާނުގެ ޓީވީ އެކްޓަރ ފަވާދު ހާން އެވެ.
ކަރަން ޖޯހަރުގެ “ސްޓޫޑެންޓް އޮފް ދަ އިޔާ”އިން އެކުގައި ބޮލީވުޑަށް ތައާރަފުވި ވަރުން ދަވަން އާއި ސިދްހާތް މަލޯތްރާ އަދި އާލިޔާ ބަޓް އެއްކޮށް އެއް ފިލްމަކުން އަދިއެއްފަހަރު ފެނުން އެއީ ބެލުންތެރިންކުރާ އުއްމީދެކެވެ. މި އުއްމީދު ފުރިހަމަކޮށްދިނުމަށް އެ ތިން އެކްޓަރުގެ މެންޓޯރ ކަރަން ޖޯހަރު ވަނީ މަސައްކަތްކޮށްފަ އެވެ.
ނަމަވެސް އެ ކަމަށް އެޅުނީ ހުރަހަކީ ވަރުން ދަވަންގެ ޝެޑިއުލެވެ. ކަރަން ޕްރޮޑިއުސްކޮށް ބަވޭޝް ޖޯޝީ ޑައިރެކްޓްކުރާ މި ފިލްމްގެ ޝޫޓިން އަންނަ އޭޕްރީލްގައި ފަށާއިރު މި ފިލްމަށް ސިދްހާތް އަދި އާލިޔާ ވަނީ އާ ބަސް ބުނެފަ އެވެ.
ނަމަވެސް ވަރުންއަށް ވަނީ މި ފިލްމްގެ ހިއްސާއަކަށް ނުވެވިފަ އެވެ. ކަރަން އަދި ބަވޭޝް އެގޮތަށް ބޭނުންވި ނަމަވެސް އެކަން ވަރުންއަށް ވާކަށް ނެތެވެ. ސަބަބަކީ އޭޕްރީލް މަހު އޭނާ ރޯހިތް ޝެޓީގެ ފިލްމެއްގެ ޝޫޓިންކުރަން ހަމަޖެހިފައިވާތީ އެވެ. މި ފިލްމްގައި ވަރުން ފެނިގެންދާނީ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާންއާއެކުގަ އެވެ.
ކަރަންގެ މި ފިލްމަށް ވަރުން ނޫނެކޭ ބުނުމުން މި ރޯލް މިހާރު ވަނީ ޕާކިސްތާނުގެ އެކްޓަރ އަދި ފިލްމް “ހޫބުސޫރަތް”އިން ބޮލީވުޑަށް ތައާރަފްވެ ގިނަބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ފަވާދު ހާން އަށް ލިބިފަ އެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން ފަވާދަށް މި ރޯލް ލިބުމުގެ ސަބަބަކީ ކަރަންގެ މަންމަ ހީރޫ ޖޯހަރުގެ ސަބަބުންނެވެ. ހީރޫއަކީ ފަވާދުއަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ ފަރާތެކެވެ.
ޕާކިސްތާނުގެ ޓީވީ ޑްރާމާއަކުން މަގުބޫލުކަން ހޯދި ފަވާދު މިހާރު ވަނީ ކަރަން ޖޯހަރުގެ ހިތްވެސް އަތުލާފަ އެވެ. އެގޮތުން މިފިލްމްގެ އިތުރުން ކަރަން ވަނީ ފަވާދަށް އެހެން ފިލްމެއްގެ ރޯލެއްވެސް ހުށައަޅާފަ އެވެ. އެއީ އައިޝްވާރިޔާ، ރަންބީރު އަދި އަނުޝްކާ ފެނިގެންދާ “އޭ ދިލް ހޭ މުޝްކިލް” އެވެ. މިފިލްމްގެ ކެމިއޯ ރޯލަކުން އައިޝްވާރިޔާއާއެކު ފަވާދު ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.
ސިދްހާތް، އާލިޔާ އަދި ފަވާދު ފެނިގެންދާ މި ފިލްމަކީ އާއިލީ މައްސަލަތަކަކަށް ބިނާކޮށް ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމް ރިލީޒްކުރާނެ ދުވަހެއް އަދި ހަމަޖައްސާފައެއް ނުވެ އެވެ.
ވަރުން ދަވަން މި ފިލްމްގެ ހިއްސާއަކަށްވުމަށް އިންކާރުކޯށްފައިވާއިރު އާލިޔާ އާއި ވަރުންގެ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑު ވަނީ ފެތުރިފަ އެވެ. އަދި ސިދްހާތް އާއި އާލިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ.