twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާލް ފްރެންޑެއް ހޯދަން ކުރެވިދާނެ ބައެއް ކަންތައްތައް

Feb 14, 2015

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ލޯބިވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މި ދުވަސް އެކަނި ހޭދަކުރަންޖެހިފައިވާ މީހުންނެއްވެސް މަދެއް ނޫނެވެ. ގާލްފްރެންޑެއް ހޯދަން ބޭނުންވެ ނަމަވެސް ކާމިޔާބީ ހަމައަށް ވާސިލުނުވެވިތިބި މީހުން ވަރަށް ގިނަ އެވެ. މި ބަލާލަނީ ގާލްފްރެންޑެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

އަންހެން ކުދިންނާ ރަހުމަތްތެރިކަން ބޭއްވުން

ކޮންމެ ރިލޭޝަންޝިޕެއްގެވެސް ތަޅުދަނޑިއަކީ ރަހުމަތްތެރިކަމެކެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅަކަށް ވާންވާނީ އަންހެން ކުދިންނާ ރަހުމަތްތެރިކަން ބޭއްވުމެވެ. އެންމެ ބުއްދިވެރިގޮތަކީ ވީހާވެސް ގިނައިން އަންހެން ރަހުމަތްތެރިން ގެންގުޅުމެވެ. ގިނަ އަންހެން ރަހުމަތްތެރިން ގެންގުޅުމުގެ ފައިދާއެއްވެސް އެބަ އޮތެވެ. އޭރުން ތިމާއަށް އަންހެން ކުދިންގެ ވިސްނުމާއި އެމީހުންގެ މިޒާޖު ދެނެގަތުމަށް ފަސޭހަވާނެ އެވެ. ރަހުމަތްތެރިކަން ބާއްވަން ޖެހެނީ ހަމައެކަނި ތިމާއަށް ކަމުދާ ކުދިންނާ އެކަންޏެއް ނޫނެވެ. ގިނަ ރަހުމަތްތެރިން ހިޔާރުކުރާށެވެ. އާންމުކޮށް އަންހެން ކުދިންނާ ވާހަކަ ދައްކަން ލަދުގަންނަ މަޑުން ތިބޭ ފިރިހެން ކުދިންނަށް ގާލްފްރެންޑުން ހޯދުމަށް އުނދަގޫވެ އެވެ. އޭގެ ސަބަބަކީ އޭނާއަށް އަންހެން ކުދިންގެ ވިސްނުމާއި މިޒާޖު ނޭނގުމެވެ.

އެހެންމީހުންނަށް އެހީވާ ރަނގަޅު މީހަކަށްވުން

ރަނގަޅު މީހުންދެކެ އަންހެން ކުދިން ލޯބިވާނެ އެވެ. އެމީހުން ބޭނުންވާނީ ރަނގަޅު މީހެއް އެމީހުންގެ ހަޔާތަށް އައުމެވެ. އެހެންކަމުން ތިމާއަކީ މީހުންނަށް އަޅާލާ ރަނގަޅު މީހަކަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ދެއްކުމުގެ ގޮތުން މިކަންކުރާނަމަ މިއީ ފައިދާހުރި ކަމަކަށް ނުވާނެ އެވެ. ދެކުމުގެ ގޮތުން މީހުންނަށް އަޅާލާ ރަނގަޅު މީހަކަށްވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ފަހުން ތިމާގެ ރިލޭޝަންޝިޕަށް ކުރުމަކީ ދުރުގައި އޮންނަ ކަމެއް ނޫނެވެ. އެހެންނަމަވެސް ތިމާގެ ހިތުގެ އަޑިން މީހުންނަށް ހެޔޮކަންތައްތައް ކޮށްދިނުމުން އަންހެން ކުދިންގެ ހިތްތަކުން ތިމާއަށް ޖާގަ ލިބޭނެކަން ކަށަވަރެވެ.

ނޫނެކޭ ބުނެފާނެކަމަށް ބިރުނުގަތުން

ފިރިހެނަކަށްވެ ހުރެ “ރިޖެކްޝަން” ނުވަތަ އަންހެން ކުއްޖާ ނޫނެކޭ ބުނެ އިންކާރުކޮށްފާނެތީ ބިރުގަތުމަކީ އާންމުކަމެކެވެ. ނަމަވެސް އެކަމާ ހިތާމަކޮށް އުދާސްވުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެއް ކުއްޖަކު އިންކާރުކޮށްފިނަމަ އެކަން ހަނދާންނައްތާލާ އެހެން ކުއްޖެއް ހޯދުމަށް މަސައްކަތް ކުރާށެވެ. އޭރުން ތިމާއަށް ތިމާގެ “ޕާރފެކްޓް މެޗް” ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. އެހެންކަމުން “ޑިޕްރެޝަން” ނުވަތަ އުދާސްވުމުގެ ބަދަލުގައި އުފަލުގައި ދިރިއުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަންހެން ކުއްޖަކު ނޫނެކޭ ބުނާ ކޮންމެ ފަހަރަކު އުދާސްވުމުގެ ބަދަލުގައި ދިރިއުޅުމުގައި “މޫވް އޮން” ކުރާށެވެ.

ސާފުތާހިރުވުން

އަންހެން ކުދިންނަކީ ސާފުތާހިރު އެއްޗެއްސަށް ލޯބިކުރާ ބައެކެވެ. އެހެންކަމުން ތިމާއަކީ ސާފުތާހިރު މީހަކަށްވުން ވަރަށް މުހިންމެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅޭއިރު ރީއްޗަށް ހެދުން އަޅާ ސާފުތާހިރު ހެދުން އެޅުމަށް ލޯބިކުރާށެވެ. އަދި މީގެއިތުރަށް އެމީހަކަށް ވީވަރަކުން ފެޝަނަށާއި ސްޓައިލަށްވެސް ލޯބިކުރާށެވެ. ހެދުން އެޅުމުގައި ސްޓައިލަށް ލޯބިކުރާ ފިރިހެނުންނަށް އަންހެން ކުދިން އިސްކަންދޭނެ އެވެ.

އަންހެން ކުދިންނަށް ތައުރީފުކުރުން

ތައުރީފުގެ ބަސްތައް އަޑުއެހުމަކީ އަންހެން ކުދިން އިންތިހާއަށް ލޯބިކުރާ ކަމެކެވެ. އެހެންކަމުން އަންހެން ކުދިންނަށް ތައުރީފުކުރުމަކީ އެމީހުންނާ ގާތްވުމަށް ހުޅުވޭ މަގެކެވެ. ތައުރީފުކުރެވޭނީ ހަމައެކަނި ރީތި ކަމަކަށް ނޫނެވެ. އެ ކުއްޖެއްގެ ހުނަރަކަށް ނުވަތަ ހިނިތުންވުމަށްވެސް ތައުރީފުކުރެވިދާނެ އެވެ. ތައުރީފުކުރުމުގެ ސަބަބުން އަންހެން ކުދިންނަށް ތިމާއާ ދޭތެރޭ ގާތް ކަމެއް އިހުސާސް ކުރެވޭނެ އެވެ. އެހެންނަމަވެސް ތައުރީފުކުރުމުގައި ހައްދު ފަހަނައަޅާ ގޮސްފިނަމަ މީގެ އިދިކޮޅަށްވެސް ވެދާނެ އެވެ. ވިސްނަންވީ ކަމަކީ ފޭކް ތައުރީފުނުކުރުމަށެވެ. ކޮންމެ އެއްޗެއް ބުންޏަސް އެއީ ތިމާގެ ހިތުގެ އަޑިން ބުނާ އެއްޗަކަށް ވާންވާނެ އެވެ. ތައުރީފުކުރުމުގެ ސަބަބުން އުފެދޭ ގާތްކަމުގެ ސަބަބުން ދެން “ރިލޭޝަންޝިޕް”އަކާ ދިމާލަށް ދިއުމަށް މާ އުނދަގުލެއް ނުވާނެ އެވެ.

މަތީގައި އެވާ ކަންތައްތަކުން ތިމާއަށް ގާލްފްރެންޑެއް ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. އަދި ތިމާގެ އިޖްތިމާއީ ދިރިއުޅުންވެސް ކުރިއަރައިގެންދާނެ އެވެ. ސަމާލުކަންދޭންވީ ކަމަކީ ތިމާއަކީ ތެދުވެރި، އަޅާލާ އަދި އަންޑަސްޓޭންޑިން މީހަކަށްވުމަށެވެ. އަބަދުވެސް އެހެން މީހުންގެ އިހުސާސްތަކަށް ގަދަރުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355