ލޯބީގެ އިތުރު ތަފްސީލަކަށް ނުދިއަސް އެއީ ކޯއްޗެއްކަން ނޭނގޭ މީހަކު ނޫޅޭނެ އެވެ. ދައްކަން މިއުޅެނީ ލޯބި ވެވުމުން އެކަން ތިމާ ދެނެގަންނާނެ ގޮތުގެ ވާހަކަ އެވެ. އޭގެތެރެއިން 5 ކަމަށް ބަލާލާނަމެވެ.
ލޯބިވެރިޔާ ކުރާ ހުރިހާ ކަމެއް ފުރިހަމަ ވާނެ
މިއީ ދެ ރަހުމަތްތެރިންގެ މެދުގައި އެންމެ ގިނައިން ދެކެވޭނެ އެއް ވާހަކަކަން ޔަގީނެވެ. ތިމާ ގެ ރަހުމަތްތެރިޔާ ކައިރީ އެއީ އެންމެ “ޕަރޕެކްޓް” މީހާ ކަމަށް ބުނުން އެއީ އެކަމުގެ ފުރަތަމަ ސިގްނަލެވެ. ސަބަބަކަށް ވާނީ ތިމާ ލޯބިވާ މީހާ ކައްޗަށް ފިޔަވަޅެއް އެޅި ކަމުގައި ވިޔަސް ތިމާއަށް އެއްވެސް އައިބެއް ނުފެންނާނެތީ އެވެ. އެހެންގޮތަކަށް ބުނާނަމަ ލޯބިވާ މީހާގެ ކޮންމެ ހަރަކާތެއް ވެސް ތިމާއަށް ވަރަށް ފުރިހަމަ ވާނެއެވެ. ލޯބިވެރިޔާގެ ހަރަކާތްތައް ބަލަން ފޫއްސެއްނުވާނެ އެވެ.
އަބަދުވެސް ހަނދާންވުން
ސްކޫލްގައި ނުވަތަ ކޮލެޖްގައި ނޫންނަމަ މަސައްކުރާ މާހައުލުގައި ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ “ޑޭ ޑްރީމް” ކުރެވޭތަން އާދެއެވެ. ހުވަފެނަކަށް ގެއްލި ހެވިފައި އިދެވޭނެ އެވެ. ލޯބިވެރިޔާ މަތިން ހަނދާންވެ އަބަދުވެސް އެމީހަކާ ވާހަކަ ދައްކާހިތް ވާނެއެވެ. ފެންނަ ހިސާބުގައި ހުންނަން ބޭނުން ވާނެ އެވެ. ކުރިން ރަހުމަތްތެރިންނާ އެކު ހޭދަކުރާ ވަގުތުތައް ލޯބިވެރިޔާއެކު ހޭދަކުރާ ހިތްވާނެ އެވެ.
ކައިރީގައި ހުންނަހިތް ވުން
ރަހުމަތްތެރިން އެކު ހޭދަކުރާ ވަގުތު ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން އުޅޭތަން އާދެ އެވެ. އެހެން ނަމަވެސް ލޯބިވެރިޔާއެކު ހަމައެކަނި ކައިރީ ހުރެލުމުން ހިތްހަމަޖެހޭނެ އެވެ. ޓީވީ ބެލުން ނުވަތަ ފޮތެއް ކިޔާލުން އެއީ ކުރިންތިމާ ކުރާހިތް ނުވާކަމެއް ނަަމަވެސް ލޯބިވެރިޔާއެކު އެކަމެއްކުރުން ފޫހިކަމަކަށް ނުވާނެއެވެ. ހުރިހާ ކަމަކުންވެސް ހިތްހަމަޖެހުމެއް އިހްސާސް ކުރެވޭނެ އެވެ.
ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނެތުން
ކުރީގެ ލޯބިވެރިޔާ ވަކިވުމުން ލިބިފައިވާ ހިތްދަތިކަން އެކީ ފިލާގޮސް އެމީހަކު މަތިން ހަނދާން ނެތޭނެ އެވެ. އެއިރު ވެފައިވާ ހުރިހާ ކަމެއް “އެއްވެސް” ކަމަކަށްނުވާނެ އެވެ. އެމީހަކަށްޓަކައި ކަރުނައެޅުން ބޭކާރު ކަމެއްކަން ވިސްނި ކުރިއަށްއޮތް ދުވަސްތައް އުފާވެރިކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.
ހުރިހާ ކަމެއްވެސް އުފާވެރިވުން
ތިމާ ވަށައިގެންވާ ހުރިހާކަމަކުންވެސް ހިތްހަމަޖެހި ބުނެދޭން ނޭނގޭ އުފަލެއް ތިމާއަށް އިހްސާސް ވާނެއެވެ. ލިބިފައިވާ ހިތާމަތައް ފިލައި އަލުން އުފަލުގައި ހުރުމަށް އިތުރު ހިތްވަރެއްލިބި އެކަމަށް މަސައްކަތް ކުރެވޭނެ އެވެ. ގޯސްކޮށް ކަމެއް ހިނގިޔަސް ހަމަޖެހިގެން އެކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.
ތިމާއަށް ލޯބިވެވިއްޖެނަމަ ވަށައިގެންވާ ހުރިހާކަމެއް މަޑު މަޑުން ބަދަލުވެ ކަންކަމާ ދޭތެރޭ އެހެން ނަޒަރަކުން ދެކެވެންފަށައެވެ. ދިރުއުޅުމާ ދޭތެރޭ “ސީިރިއަސް” ވެ ވަކި މަގުސަދަކަށްޓަކައި މަސައްކަތް ކުރެވެއެވެ. ލޯބިވެރިޔާއެކު ރަގަނޅު ހަޔާތެއް ވޭތުކުރުމަށް ހަރުދަނާ މީހަކަށް ވުމަކީ އެންމެ މުހިއްމު އެއްކަންތަކެވެ.