twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވަރުންގެ ލޯބިވެރިޔާއަށް ވުމުގެ ފުރުސަތު ލިބޭނީ ކާކަށް؟

Feb 18, 2015

ހިޓް ފިލްމްތަކުގެ ގެރެންޓީއެއް ކަމަށްވާ ޑައިރެކްޓަރ ރޯހިތް ޝެޓީގެ ކުރިއަށް އޮތް ފިލްމް “ދިލްވާލޭ”ގައި ވަރުން ދަވަންގެ ލޯބިވެރިޔާގެ ރޯލު ކުޅުމަށް އާލިޔާ ބަޓާއި ކްރިތީ ސްނޯނަށް ހުށައަޅާފައިވާއިރު މި ރޯލުން ފެނިގެންދާނީ މީގެތެރެއިން ކޮން ތަރިއެއްކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

“ސްޓޫޑުންޓް އޮފް ދަ އިޔާ”އިން އެކުގާ ފެނިގެންދިޔަ ވަރުން އާއި އާލިޔާ އެކުގައި ސްކްރީނަށް ރޯހިތް ގެންނަން ބޭނުންވާއިރު މި ރޯލް ފުރަތަމަ ހުށައަޅާފައިވަނީ އާލިޔާއަށެވެ. ނަމަވެސް އާލިޔާގެ ޝެޑިއުލް ތަންނުދިނުމުގެ ސަބަބުން އާލިޔާ ވަނީ މި ފިލްމް ދޫކޮށްލާފަ އެވެ. ރޯހިތްގެ ފިލްމްގެ ޝޫޓިން ކުރާ ދުވަސްތަކުގައި އާލިޔާ ޝަކުން ބަޓްރާގެ ފިލްމްގެ ޝޫޓިން ކުރަން ވަނީ ހަމަޖެހިފަ އެވެ.

އާލިޔާ ފިލްމަށް އިންކާރުކުރުމުން ރޯހިތް ވަނީ “ހީރޯޕަންތީ”އިން ބޮލީވުޑަށް ތައާރަފުވި ކްރިތީ ސްނޯނަށް ހުށައަޅާފަ އެވެ. ކްރިތީ ވަނީ މި ފިލްމަށް އައު ބަސް ބުނެފަ އެވެ. ޝާހުރުކް ހާން ވެސް ހަރަކާތްތެރިވާ މި ފިލްމްގެ ހިއްސާއަކަށްވުމަށްޓަކައި ކްރިތީ ވަނީ އާކްޝޭ ކުމާރު ހަރަކާތްތެރިވާ “ސިންހް އިޒް ބްލިންގް” ދޫކޮށްލާފަ އެވެ. އެ ރޯލް މިހާރު ވަނީ އޭމީ ޖެކްޝަން ލިބިފަ އެވެ.

ކްރިތީ މި ފިލްމްގެ ހިއްސާއަކަށްވުމަށްޓަކައި ބޮޑު ގުރުބާނީއެއްވެފައިވާއިރު ރޯހިތް އަދި ޝާހުރުކް ވެސް އެ ރޯލުން ފެންނަން ބޭނުންވަނީ އާލިޔާ އެވެ. އެހެންކަމުން ކްރިތީ މި ފިލްމަށް އައު ބަސް ބުނެފައިވީ ނަމަވެސް އާލިޔާގެ ޖަވާބަކަށް އެ ދެ ތަރިން އަދިވެސް ދަނީ އިންތިޒާރުކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުންނަމަ އާލިޔާގެ ޝެޑިއުލަށް ބަދަލު ގެނައުމަށް ޝަކުން ބަޓްރާއާވެސް މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. އާލިޔާއަށް ރޯހިތްގެ ފިލްމް ކުޅުމަށް ދުވަސް ލިބިއްޖެނަމަ ކްރިތީއަށް މި ފިލްމް ގެއްލޭނެ އެވެ. އަދި “ދިލްވާލޭ”އަށްޓަކައި ދޫކޮށްލި “ސިންހް އިޒް ބްލިންގް” މިހާރުވެސް ވަނީ ކްރިތީ އަތުން ގެއްލިފަ އެވެ.

އެހެންކަމުން މި ފިލުމްގައި ވަރުންގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ ކޮން ތަރިއެއް ކަމެއް އަދި ވަނީ ސާފުނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355