މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 87 ވަނަ އެކަޑަމީ އެވޯޑްސްއަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު މި އެވޯޑް ޝޯވގައި ހިނގާނެ ކަންތައްތަކާއި އެވޯޑް ހާސިލުކުރާނެ ފަރާތްތައް ހޯދުމަށް މިހާރު ގިނަ ބަޔަކު ވަނީ ކެތްމަދުވެފަ އެވެ.
މިދިޔަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާއިން މަޝްހޫރުވެގެންދިޔަ އަދި ގިނަ ބަޔެއްގެ ޝައުގުވެރިކަން ހޯދި ސެލްފީ ފަދަ ސެލްފީއެއް މި އަހަރުވެސް ފެންނާނެ ކަމަށް އުއްމީދެއް ކުރެވެ އެވެ. ނަމަވެސް މިފަހަރު ސެލްފީ ނަގާނީ ކޮން ބްރޭންޑެއްގެ ފޯނަކުން ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް ޝޯވގެ ސްޕޮންސަރުން ސެލްފީނެގުމަށް ބޭނުންނުވާ ކަމަށްވެސް ވަނީ އަޑުފެތުރިފަ އެވެ. އެއީ މިދިޔަ އަހަރު ނެގި ސެލްފީގައި ސެމްސަންގް ފޯނެއް ބޭނުންކޮށްފައިވުމުން ސެމްސަންގަށް ހިލޭ މިކަމުގެ ފައިދާކޮށްފައިވާތީ އެވެ.
ނަމަވެސް ގިނަ މޯބައިލް ބްރޭންޑްތަކުން ދަނީ އެ ބްރޭންޑެއްގެ ފޯނަކުން ސެލްފީނަގާނެ ކަމަށް އުއްމީދުކުރަމުންނެވެ. މިދިޔަ އޮސްކާއިން ފެނިގެންދިޔަ ސެލްފީއަކީ މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ސެލްފީ އެވެ. މީގެއިތުރުން ޝޯވގެ ޑްރިންކް ސްޕޮންސަރ ޕެޕްސީއިން ދަނީ މިދިޔަ އަހަރު ސްޓޭޖަށް ގެނައި ޕިއްޒާއާއެކު ކޮކާކޯލާ ފުޅިތަކެއް ގެނެސްފައިވާތީ އެފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
މިދިޔަ އަހަރުގެ އޮސްކާ އެވޯޑް ޝޯވއިން ފެނިގެންދިޔަ ސެލްފީ
މާދަމާގެ ޝޯވއިން ފެންނާނެ އެންމެ ބޮޑު ތަފާތަކީ ނީލް ޕެޓްރިކް ހެރިސްގެ ހުށައަޅައިދިނުމެވެ. ހިއުޖް ޖެކްމަން ފަދަ ހުނަރުވެރި ރީތި ފަންނާނަކަށް ނީލް ނުވިނަމަވެސް އޭނާގެ ޖޯކްތަކުން މީހުން ހެއްވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.
ވިޕްލަޝްގައި މިއުޒިކް ޓީޗަރެއްގެ ރޯލުން ފެނިގެންދިޔަ ސިމޮންސްއަށް އެންމެ މޮޅު ސަޕޯޓިން އެކްޓްރގެ މަގާމު ލިބޭނެ ކަމަށް ބެލެވެ އެވެ. އެ ފިލްމްގައި އޭނާގެ ދަރިވަރުން ބުލީކޮށް ބިރުދައްކާ ޓީޗަރެއްގެ ރޯލް އަދާކޮށްފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ.
ސްޓިލް އެލައިސްގައި ކޮލެޖް ޕްރޮފެސަރެއްގެ ރޯލުން ފެނިގެންދިޔަ ޖޫލިއާނެ މޯރެއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބޭނެ ކަމަށް ބެލެވޭއިރު ބެސްޓް އެނިމޭޓެޑް ފިލްމްގެ އެވޯޑް ލިބޭނީ ގިނަ ބަޔައެއްގެ މަގުބޫލުކަން ހޯދި ހައު ޓު ޓްރެއިން ޔުއަރ ޑްރެގަން 2އަށް ކަމަށް ބެލެވެ އެވެ.
ޖޫލިއާނެ މޯރެ
އެންމެ މޮޅު ފިލްމްގެ އެވޯޑް ހާސިލުކުރާނީ ބޯއީހުޑް ނުވަތަ ބާޑްމޭން ކަމަށް ބެލެވޭއިރު ގިނަބަޔަކު ގަބޫލުކުރަނީ މި އެވޯޑް ހާސިލުކުރާނީ ބާޑްމޭން ކަމަށެވެ.
މި ޝޯވގައި އަމިއްލަ މަރުވި ކޮމެޑީ އެކްޓަރ ރޮބިން ވިލިއަމްސްގެ ހަނދާންއާކުރުމަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރު މަރުވި މަޝްހޫރު ޑައިރެކްޓަރ މައިކް ނިކޮލަސް އަދި އެކްޓްރެސް ލައުރެން ބާކޯލްގެ ހަނދާންއާކޮށް ސުކޫތެއް ގެނެވޭނެ އެވެ.
މިދިޔަ އަހަރުގެ އެވޯޑް ޝޯވގެ ރެޑްކާރޕެޓުން ފެނިގެންދިޔަ ބައެއް ތަރިން
މީގެއިތުރުން މި ޝޯވގައި ލޭޑީ ގާގާ، ޖެނީފާ ހުޑްސަން އަންނާ ކެންޑްރިކް އަދި ޖެކް ބްލެކްގެ ހުށައަޅައިދިނުންތަކެއްވެސް ފެނިގެންދާނެ އެވެ.