ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ “ހައުސްފުލް”ގެ ފިލްމްތަކުގެ ތިންވަނަ ފިލްމްގައި އާކްޝޭ ކުމާރްއާއެކު ޖެކްލީން ފަރޭންޑެޝް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
“ހައުސްފުލް 3” ޖެކްލިން ފެނިގެންދާއިރު “ހައުސްފުލް”ގެ ފިލްމްތަކަކީ ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމެއްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ފިލްމުންވެސް “ހައުސްފުލް” އަދި “ހައުސްފުލް 2” ފެނިގެންދިޔަ ރިޓޭޝް ދޭޝްމުކް ފެނިގެންދާނެއިރު އަބީޝެކް ބަޗަންވެސް ހާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މީގެއިތުން ބޮލީވުޑަށް އައު ދެ ތަރިން ކަމަށްވާ އެލީ އަބްރާމް އަދި އޭމީ ޖެކްޝަންވެސް “ހައުސްފުލް 3” ފެނިގެންދާނެއެވެ.
“ހީރޯޕަންތީ”އިން ފެނިގެންދިޔަ ކްރިތީ މި ފިލްމުން ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް ތަރިން އިއުލާންކުރިއިރު އޭނާގެ ނަމެއް ހިމަނާފައެއް ނުވެއެވެ. ކްރިތީގެ ރޯލު ވަނީ އޭމީ ޖެކްޝަނަށް ލިބިފައެވެ. މިއީ އޭމީ، ކްރިތީ ރިޕްލޭޝްކުރި ދެވަނަ ފަހަރެވެ. އާކްޝޭ ކުމާރުގެ “ސިންހް އިސް ބްލިންގް”ގައި ކްރިތީ ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވަނިކޮށް ފިލްމަށް ސޮއިކުރީ އޭމީ އެވެ.
އާކްޝޭއާއެކު ޖެކްލިން ކަރަން ޖޯހަރުގެ “ބްރަދާސް”އިން ފެނިގެންދާނެއެވެ. އެ ފިލްމްގައި ޖެކްލިން އަދާކުރަނީ އާކްޝޭގެ އަނބިމީހާގެ ރޯލެވެ. އާކްޝޭ ބުނެފައިވާގޮތުން އޭނާއަށް ޖެކްލިން ވަރަށް ކަމުދެއެވެ.
“ހައުސްފުލް” އަދި “ހައުސްފުލް 2” ސާޖިދު ހާން ޑައިރެކްޓްކޮށްފައިވީ ނަމަވެސް “ހައުސްފުލް 3” ޑައިރެކްޓްކުރާނީ ސާޖިދު ފަރުހާދެވެ. ސާޖިދު ހާންގެ “ހިންމަތްވާލާ” އަދި “ހަމްޝަކަލްސް” ބޮޑު ފްލޮޕަކަށްވެފައިވާތީ މި ފިލްމްގެ ޕްރޮޑިއުސަރ ސާޖިދު ނަޑެއަލްވާލާ ވަނީ “ހައުސްފުލް”ގެ ފިލްމްތަކުން ސާޖިދު ހާން އެކަހެރިކޮށްފައެވެ.
ސާޖިދު ނަޑައެލަވާލާގެ “ކިކް”އިން ބޮޑު މަގުބޫލުކަމެއް ހޯދި ޖެކްލިން ވަނީ “ހައުސްފުލް”ގެ ލަވައަކުންވެސް ފެނިގެންގޮސްފައެވެ. އަދި “ހައުސްފުލް 2” އިންވެސް ޖެކްލިން ވަނީ މުހިންމު ރޯލަކުން ފެނިފަ އެވެ. ބުނެވޭގޮތުގައި ސާޖިދުގެ ފޭވަރިޓް ބަތަލާއަކީ ޖެކްލިން އެވެ. އެހެންކަމުން އޭނާގެ ގިނަ ފިލްމްތަކަކުން ޖެކްލިންއަށް ފުރުސަތު ލިބެނީއެވެ.
“ހައުސްފުލް 2″ގެ ޕޯސްޓަރެއް
“ހައުސްފުލް”އިން އާކްޝޭ އަދި ރިޓޭޝްގެ އިތުރުން އަރުޖުން ރަންޕާލް. ދީޕިކާ އަދި ލާރާ ފެނިގެންދިޔަ އެވެ. އަދި “ހައުސްފުލް 2″އިން އާކްޝޭ އަދި ރިޓޭޝްގެ އިތުރުން ޖޯން އަބްރަހަމް، ޖެކްލިން، އަސިން، ޒަރީން ހާން ފެނިގެންދިޔަ އެވެ.
ލަންޑަނުގައި ޝޫޓްކުރަން ހަމަޖެހިފައިވާ “ހައުސްފުލް 3″ގެ ޝޫޓިން ޖުލައިގައި ފެށޭނެއެވެ.