ހިޓް ފިލްމްތަކުގެ ގެރެންޓީއެއް ކަމަށްވާ ޑައިރެކްޓަރ ރޯހިތް ޝެޓީގެ ކުރިއަށް އޮތް ފިލްމް “ދިލްވާލޭ”ގައި ޝާހުރުކް ހާންއާއެކު ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް ކަން ޔަގީންވެއްޖެއެވެ.
ޝާހުރުކުގެ މި ފިލްމް އިއުލާން ކުރި ދުވަހުން ފެށިގެންވެސް މި ފިލްމްގައި އަންހެން ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނެ ތަރިއަކާމެދު މީޑިޔާގައި ދިޔައީ ސުވާލު އުފައްދަމުންނެވެ. އެތަކެއް އަންހެން ތަރިންގެ ނަން މި ފިލްމާ ގުޅުނު ނަމަވެސް އެންމެ ބާރަށް އިވުނު އަޑަކީ ކާޖަލްގެ އަޑެވެ. ޝާހުރުކު ހާން އާއި ކާޖަލްގެ ހިޓް ޖޯޑް އަލުން ސްކްރީނަށް އަންނަ ވާހަކަ ތަކެވެ.
މި ވާހަކަތައް ފެތުރިގެންދިޔައީ ސަބަބެއްވެސް އޮވެގެންނެވެ. ރޯހިތްގެ މި ބޮޑު ޕްރޮޖެކްޓުގައި އޭނާގެ ދެ ފޭވަރިޓުން ކަމަށްވާ އަޖޭ ދޭވްގަން އަދި ޝާހުރުކު ބައިވެރިކުރުމަށް ބޭނުންވުމެވެ. މިހާތަނަށް އޭނާ މި ދެ ތަރިން ކުރެ ތަރިއެއް ނުހިމަނާ ފިލްމެއް ހަދާފައެއްވެސް ނުވެއެވެ.
ސްކްރިޕް ތަން ނުދޭތީ ދެ ތަރިން އެކުގައި ސްކްރީނަށް ނުގެނެވުނަސް ޝާހުރުކުއާއެކު އަޖޭގެ އަންހެނުން ކާޖަލް ފިލްމްގައި ޝާމިލްކުރުމަކީވެސް ބޮޑު ވަރެކެވެ.
ޝާހުރުކު އާއި ކާޖަލް އަކީ އާދައިގެ ޖޯޑެއް ނޫނެވެ. އަޖޭ އަދި ކާޖަލްގެ ޖޯޑަށްވުރެ ބެލުންތެރިން ފެން ބޮވައިގަނެފައި ތިބެނީ މި ޖޯޑަށެވެ. މި ޖޯޑްގެ ފިލްމަކަށް އެންމެ ފަހުން ފެނިފައިވަނީ “މައި ނޭމް އިޒް ހާން”އެވެ.
ބޮލީވުޑްގެ އެންމެ ރޮމޭންޓިކް އަދި އެންމެ މަގުބޫލް މި ޖޯޑްގެ “ދިލްވާލޭ ދުލަހަނިއްޔާ ލޭޖާއެގޭ” އަދިވެސް ދަނީ ސްކޫރީނުގައި ދައްކަމުންނެވެ. މިކަމެއް މެދު ކެނޑުމެއްނެތި ހިނގާތާ މިހާރު 20 އަހަރަށްވުރެ ގިނަދުވަސްވީއެވެ.
މީޑިޔާއިން އެތައް ފަހަރަކު ކާޖަލް އަކީ މި ފިލްމްގެ ހިއްސާއެއްތޯ ސުވާލުކުރުމުން ކާޖަލް ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އެއްފަހަރު ވަނީ ފިލްމްގެ ސްކުރިޕްޓް އޭނާއަށް ހުށަނާޅާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިލްމްގެ ޝޫޓިން ފެށުމަށް ކައިރިވުމުން ފިލްމްގެ ހުރިހާ ތަރިން މިހާރު ވަނީ ޔަގީންވެފައެވެ. ފިލްމުން ޝާހުއެކީ ފެނިގެންދާނީ ހަމަ ކާޖަލް އެވެ.
ދެން މި ފިލްމުން ޝާހުގެ ކޮއްކޮއެއްގެ ރޯލުން ވަރުން ދަވަން ފެނިގެންދާއިރު އޭނާއާއެކު ފެނިގެންދާނީ ކްރިތީ ސްނޯނެވެ. އާލިޔާ ބަޓް ކްރިތީގެ ބަދަލުގައި ފެނިގެންދާނެ ކަމަށް މީގެކުރިން އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެ ހަގީގަތަކަށް ނުވިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ޝޫޓިން ފަށާ މި ފިލްމުން ކުރީގެ މަޝްހޫރު ބަތަލް ވިނޯދް ކައްނާ ފެނިގެންދާނެއިރު ކޮމޭޑިއަން ޖޯނީ ލިވާ އަދި ވަރުން ޝަރުމާވެސް ފެނިގެންދާނެއެވެ.
ލޯބީގެ ހާދިސާތަކާއި އެކްޝަން ފެނިގެންދާނެ މި ފިލްމް ރިލީޒްކުރެވޭނީ މި އަހަރުގެ ކްރިސްމަސްގަ އެވެ.