އިންޑިޔާގެ ޓިވީތަކުން މިހާރު ދައްކާ އިސްތިހާރަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި މަގުބޫލުކަން ލިބިފައިވާއިރު މި އިސްތިހާރުން ފެނިގެންދަނީ ކްރިކެޓް މައިދާނުގައި ވިރާޓް ކޯހިލީ އަށް ބޯޅަ ލިބި ރަންބީރު ކަޕޫރަށް ވިރާޓްގެ ލޯބިވެރިޔާ އަނުޝްކާ ޝަރުމާ ލިބޭ ތަނެވެ.
ޕެޕްސީގެ މި އިސްތިހާރުން ފެނިގެންދަނީ އިންޑިޔާ ކްރިކެޓް ޓީމްގެ ވައިސް ކެޕްޓަން އަދި މިހާރު އިންޑިޔާގައި އެންމެ ގަދައަށް ފިޔަ ޖަހާ ކްރިކެޓަރ ވިރާޓް ދަނޑުގައި ކުޅެމުން ދަނިކޮށް ބޯޅަ އޯޑިއެންސްގައި މެޗް ބަލަން އިން ބޮލީވުޑްގެ މަޝްހޫރު ބަތަލް ރަންބީރު ކަޕޫރަށް ލިބޭ ތަނެވެ. ބޯޅަ ލިބުމާއެކު އެއް އަތުން ޕެޕްސީ ފުޅިއެއް ހިފައިގެން އެ ވަގުތު ކޮޅުގެ ބޭނުން ރަންބީރު ހިފައެވެ. އަދި ހުރިހާ ލައިމް ލައިޓެއް އޭނާއަށް އަމާޒުކުރުވައެވެ.
ނަމަވެސް ރަންބީރު އަތުން ބޯޅަ ވެއްޓި ވިރާޓްއަށް އަނެއްކާވެސް ބޯޅަ ލިބެއެވެ. ހުރިހާ ލައިމްލައިޓެއް ބޯޅައާއެކު ވިރާޓަށެވެ. ނަމަވެސް އެޑްގައި ދެން ފެނިގެންދާ “ޓްވިސްޓް”އަކީ ވިރާޓްގެ “ރިއަލް ލައިފް” ލޯބިވެރިޔާ ބޮލީވުޑްގެ ބަތަލާ އަނުޝްކާއަށް ރަންބީރު މަގުބޫލުވެ ރަންބީރަށް އަނުޝްކާ ލިބޭތަނެވެ.
މި “ޓްވިސްޓް”އިން އިސްތިހާރުގެ މަގުބޫލުކަން އިތުރުވެގެންދިޔައެވެ. ވިރާޓް އާއި ރަންބީރު އާއެކު އިސްތިހާރު ހެދުމުން ޕެޕްސީއަށް ބޮޑު ފައިދާއެއްވެފައިވާއިރު މި އިސްތިހާރަށް ވިރާޓްގެ ލޯބިވެރިޔާ އަނުޝްކާ ޝާމިލުކުރުމުން ޕެޕްސީގެ މަގުބޫލުކަން އިންޑިޔާގައި މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.
ޕެޕްސީއަކީ އަބަދުވެސް މަޝްހޫރު ތަރިންނާއެކު އިސްތިހާރު ހަދާ ބަޔެކެވެ. އެގޮތުން މީގެ ކުރިން އަމީތާބު ބަޗަން، ޝާހުރުކް ހާން، ޕްރިޔަންކާ ޗޯޕްރާ އަދި އިންޑިޔާގެ އެންމެ މޮޅު ކްރިކެޓަރ ސަޖިން ޓެންޑޫލްކަރު އާއެކުވެސް ޕެޕްސީ އިސްތިހާރު ހަދާފައިވެއެވެ.
މިފަހަރުގެ އިސްތިހާރުގައި ރަންބީރު ، ވިރާޓް އަދި އަނުޝްކާ ހިމަނާފައިވަނީ ޒުވާނުންގެ މެދުގައި އެ ތިން ތަރިންގެ މަގުބޫލުކަން ބޮޑުވުމުން ކަމަށް ޕެޕްސީއިން ބުނެއެވެ.