ނިދަން އޮށޯއޮންނައިރު އެވެ. ނިދިން ހޭލާއިރު އެވެ. ގޭތެރޭގަ އާއި ގެއިން ބޭރުގަ އެވެ. މަސައްކަތުގެ މާހައުލުގަ އާއި ކޮފީތަކުގަ އެވެ. ކޮންމެ މީހެއްގެ ބޯތިރިވެފައިވަނީ އިހުތިރާމަކަށް ނޫނެވެ. އަތުގައި އަބަދާއި އަބަދު އޮންނަނީ ތަސްބީހަފައްޗެއް ނޫނެވެ. އާނއެކެވެ. ފޯނެކެވެ. މިހާރަކަށް އައިސް އެނބުރިލާ ކޮންމެ ދިމާއަކުން ފެންނަ މަންޒަރެކެވެ.
ހަނދާނަށް އަންނަނީ މީގެ އަހަރު ތަކެއް ކުރި އެވެ. މިހާރު މިގެންގުޅޭ މޯބައިލް ފޯނު ދިވެހިރާއްޖެއަށް ތައާރަފް ނުވާއިރު އެވެ. ފޯނުކާޑު ހިފައިގެން ފޯނު ބޫތަށް ދިޔަ ޒަމާނެވެ. ބޫތުގެ ބޭރުގައި ކިޔުޖެހިގެން އަނެއް މީހާގެ ފޯނު ކޯލު ނިމޭނެ އިރެއްގެ އިންތިޒާރުގައި ތިބޭ މަންޒަރެވެ. އެހެނެއްކަމަކު އެދުވަސްވަރު މީސްތަކުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް އެއްގޮތަކަށްވެސް ހީނަރުވިޔަކަ ނުދެ އެވެ. އެއާ ހިލާފަށް އެފަދަ ގުޅުންތައް ދިޔައީ ބަދަހިވަމުންނެވެ. ގާތްތިމާގެ މީހުންނާއި އަވައްޓެރިން އަދި ރަހުމަތްތެރިންގެ ގޭގެޔަށް ޒިޔާރަތްކޮށް ހާލުއަހުވާލު އަހާ ހިޔާލު ބަދަލުކުރުމަކީ ވަރަށް އާންމު ކަމެކެވެ.
އާއިލާ އާއި ގާތް ތިމާގެ އަދި ރަހުމަތްތެރިން ހާލު އަހުވާލު ބަލާލުމަށް ދުވަސް ދުވަހުން ގެއަށް ޒިޔާރަތްކުރާނެ އެވެ. ދެން އައީ ދިވެހިރާއްޖެއަށް ލައިނު ފޯނު ތައާރަފްވި ދުވަސްވަރެވެ. ކޮންމެ ގެއަކަށް ލައިނެއް އެޅުމަށް މަގުތައް ކޮނެ ހަރާބު ކުރަމުންދިޔަ އެވެ. އޭރާ މިހާރާ އަޅާ ބަލާއިރު ދުނިޔެ އަދި ދިވެހިންވެސް ވަނި ވަރަށް ބޮޑަށް ތަރައްގީވެފަ އެވެ. ޓެކްނޮލޮޖީއަށް ހޭނިފަ އެވެ.
މޯބައިލް ފޯނު ރާއްޖެއަށް މަޝްހޫރުވެ، ފަގީރެއް މުއްސަންޖެއް ވަކި ތަފާތެއް ނެތި ‘މޯބައިލް’ ގެންގުޅެން ފެށީ އޭގެ އަހަރުތަކެއް ފަހުންނެވެ. މިހާރަކަށް އައިސް މީހުންގެ ކަންތައްތައް ހުންނަ ގޮތުން އެކެއް ދެފޯނު ނޯންނަ މީހަކު މަދުވާނެ އެވެ. އޮފީސް ކަންކަމަށް ފޯނެކެވެ. އަނބިމީހާއަށް ފޯނެކެވެ. ‘ވަގު’ ބިޓަށް ފޯނެކެވެ. ނުނީ ކޮންމެ މީހަކަށް ވަކި ނަންބަރެކެވެ. ވަކި މީހަކަށް ‘ގެއްލެން’ ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ނަންބަރު ބަދަލުކޮށްލުމެވެ.
މިރާއްޖޭގައިވެސް މުއާސަލާތީ ހިދުމަތްދޭ ވާދަވެރި ދެކުންފުނިން އަބަދާއި އަބަދު ތަފާތު ޕެކޭޖުތައް ތައާރަފްކޮށް ހިދުމަތުގެ އަގު ދަށްވަމުންދާ ދުވަސްވަރެއްގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ފޯނު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި އެތަނުގައި ދިރިއުޅޭ މީހުން އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް މަދުވެގެން 3 ގަޑިއިރު ހަމައެކަނި ފޯނު ބޭނުންކުރުމަށް ހޭދަވެ އެވެ. ދިވެހިންގެ ފޯނު ބޭނުންކުރާ މިންވަރު ޔަގީންވާނީ އެކަމަށް ދިރާސާއެއް ކޮށްލީމަ އެވެ.
އެހެން ނަމަވެސް މަގުމައްޗަށް ނުކުމެ ބަލާލިޔަސް ދިވެހިންގެ ދިރިއުޅުމުގައި ފޯނު އަދާކުރާ ރޯލު ދިމާއަށް ހާމަވާނެ އެވެ. ރައްޓެހިވެގެން އުޅޭ ދެމީހަކު ‘ޑޭޓަކަށް’ ދިޔަ ނަމަވެސް ފޯނުގައި އަތްނުލާ ފަސްމިނެޓު ނުވާނެ އެވެ. މަގުމަތީގައި ހިނގާފައި ދާއިރު ދާނީ ފޯނާ ކުޅެމުންނެވެ. ރަހުމަތްތެރިންނާއެކު ކެއުމަކަށް އަރައިފިނަމަ ވެސް ފޯނާ ކުޅުން ހުއްޓައެއް ނުލާނެ އެވެ. ވައިބަރ ގުރޫޕުތަކުގަ އާއި ފޭސްބުކް މެސެންޖަރ ނުވަތަ ވަޓްސްއެޕްއިން ޗެޓުކުރުމުގައި އެވެ.
ދެކަންތައް އެއްފަހަރާ ކުރުމުގައި އިންސާނުންވަނީ ވަރަށް ކުރި އަރާ ގޮސްފަ އެވެ. މިގޮތުން ލިބިފައިވާ މަދު ވަގުތު ކޮޅުގައި ގިނަ ކަންތައްތައް ކުރުމަށް ބޭނުންކުރެވެނީ ކަމަށް ގިނަ ބަޔަކަށް ހީވެދާނެ އެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނެއްގެ ސަމާލުކަން އެއްވަގުތަކު ބެހެއްޓޭނީ އެންމެ ކަމެއް ކުރުމަށެވެ. އެއްފަހަރާ ދެކަމެއް ކުރުމުން ކުރާ އެއްކަމެއްވެސް ރަނގަޅު ގޮތުގައެއް ނުކުރެވޭނެ އެވެ. އެއީ ބޭކާރު ވެގެންދާ ވަގުތުކަމުގައި ނޫނީ ނުވާނެ އެވެ.
ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެ އެވެ. އުސޫލުތަކާއި މިންގަނޑުތަކަށް ފެތެންވާނެ އެވެ. އެއްވެސް ކަމެއް އޭގެ ހުދޫދުން ބޭރުގައި ކޮށްފިނަމަ އޭގެން އެދެވޭ ފައިދާގެ ބަދަލުގައި ނޭދެވޭ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ އެވެ.