ފަސް އަހަރު ވަން ޑިރެކްޝަން ބޭންޑްގައި މަސައްކަތް ކުރުމަށްފަހު އެ ބޭންޑްގެ ފަސް މެންބަރުގެ ތެރެއިން ޒަޔާން މަލިކް އެ ބޭންޑް ދޫކޮށްލިކަން ކަށަވަރުކޮށްދީފައިވާއިރު ޒަޔާން ބޭންޑް ދޫކޮށްލީ، އެކަން ނުކޮށްފިނަމަ އޭނާ މަރުވެދާނެ ކަމުގެ ބިރަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން ޒަޔާން އަކީ އާދައިގެ ދިރިއުޅުމެއް އުޅުނު މަޑުން ހުންނަ މީހެއް ކަމަށާއި ވަން ޑިރެކްޝަން މަޝްހޫރުވެ ގިނަ ވޯލްޑް ޓްވަރތަކަށް ގޮސް އަބަދު ލައިމްލައިޓްގެ ދަށުގައި އުޅެން ޖެހުމުން އޭނާއަށް އެކަން އުނދަގޫވެ ދިރިއުޅެން އުނދަގޫވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ޑްރަގާ ދިމާލަށްދެވި ޖަލަށް ދާންޖެހި ނުވަތަ އެކަމުގައި މަރުވުމުގެ ބިރު އޭނާއަށް އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތަކުގައި މިހެން ބުނެފައިވީއިރު 22 އަހަރުގެ ޒަޔާން ނެރުނު ސްޓޭޓްމެންޓްގައި އޭނާ ބުނެފައިވަނީ ބޭންޑް ދޫކޮށްލަނީ 22 އަހަރުގެ އާދައިގެ ޒުވާނެއްގެ ދިރިއުޅުމެއް އުޅެން ބޭނުންވާތީ ކަމަށާއި ސްޕޮޓް ލައިޓާ ދުރުގައި އުޅުން ބޭނުންވާތީ ކަމަށެވެ. އަދި އެއީ އޭނާގެ ހިތުގެ އަޑިން ނިންމި ނިންމުމެއް ކަމަށާއި މިކަމަށް ބޭންޑްގެ ހުރިހާ ސަޕޯޓަރުންގެ ކައިރިން މާފަށް އެދޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ވަން ޑިރެކްޝަންގެ ފަސް މެންބަރުން، މިހާރު ވަނީ 4 މެންބަރުންނަށް މަދުވެފައި
ވަން ޑިރެކްޝަން ނެރުނު ބަޔާނެއްގައިވެސް އޭނާ ބޭންޑް ދޫކޮށްލިކަން ކަށަވަރުކޮށްދީފައިވާއިރު ބޭންޑް ބުނެފައިވަނީ ބާކީ ތިބި ހަތަރު މެންބަރުންނާއެކު ބޭންޑް ދަނީ ކުރިއަށް ކަމަށާއި މިއަހަރުގެ ފަހު ކޮޅު ބޭންޑްގެ ފަސްވަނަ އަލްބަމް ނެރޭނެ ކަމަށެވެ.
ޒަޔާން ބޭންޑް ދޫކޮށްފައިވާއިރު ބޭންޑްގެ އިތުރު މެންބަރުން ވަނީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ޒަޔާންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި ޒަޔާންއަށް ފާގަތި މުސްތަގުބަލަކަށް އެ ހަތަރު މެންބަރުން ވަނީ އެދިފައެވެ.
ޒަޔާން ބުނެފައިވަނީ ބޭންޑްގެ އެއްވެސް މެންބަރަކާމެދު މައްސަލައެއް ޖެހިފައިނުވާ ކަމަށާއި އެމީހުން އަބަދުވެސް ތިބޭނީ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. އަދި އޭނާ އެދެނީ މިހާރަށްވުރެ ބޮޑެތި ކާމިޔާބީތައް ބޭންޑް ހާސިލުކުރުން ކަމަށްވެސް ޒަޔާން ބުނެފައިވެއެވެ.
ޒަޔާން ބޭންޑް ދޫކޮށްލުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން އެކަމާ ހިތާމަ ފާޅުކޮށްފައިވާއިރު ޒަޔާން ބޭނުންވުމުން އެ ބޭންޑަށް އަލުން ވަނުމުގެ ފުރުސަތު ބޭންޑް އަބަދުވެސް ހުޅުވާލާފައިވާ ކަމަށް ހޮލީވުޑްގެ ރިޕޯޓްތައް ބުނެއެވެ.
މީގެކުރިންވެސް ޒަޔާން ބޭންޑް ދޫކޮށްލާ ހަބަރު އެތައް ފަހަރަކު ފެންމަތިވެފައިވީ ނަަމަވެސް އޭނާ ބޭންޑް ދޫކޮށްލިކަން ކަށަވަރުކޮށްދިން މިއީ ފުރަތަމަ ފަހަރެވެ.