ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަނުޝްކާ ޝަރުމާއަށް އެންމެ ކަމުދާ އަދި އެކީގައި މަސައްކަތްކުރަން އެންމެ ފަސޭހަ ތަރިއަކީ ކެޓްރީނާ ކައިފް ކަމަށް އަނުޝްކާ ބުނެފިއެވެ.
އަނުޝްކާ ބުނެފައިވަނީ ކެޓްރީނާއަކީ ރަނގަޅު މީހެއް ކަމަށާއި އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް ނުހުންނަ ކަމަށެވެ. އަދި އޭނާއަށް މަސައްކަތް ކުރަން އަބަދުވެސް ބޭނުންވާ ކަމަށާއި އެކީގައި މަސައްކަތްކުރި ދުވަސްތަކަކީ މަޖާ ދުވަސްތަކެއް ކަމަށް އަނުޝްކާ ބުނެއެވެ.
އަނުޝްކާ އަދި ކެޓްރީނާ ވަނީ ޝާހްރުކް ހާންއާއެކު އެއް ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ ޔަސް ޗޯޕްރާގެ އެންމެ ފަހު ފިލްމް “ޖަބްތަކް ހޭ ޖާން” އިންނެވެ.
ކެޓްރީނާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ރީތި ބަތަލާ ކަމަށްވެސް އަނުޝްކާ ވަނީ ބުނެފައެވެ.
އަނުޝްކާ ކެޓްރީނާއަށް ތައުރީފްކޮށްފައިވާއިރު ކެޓްރީނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރަކީވެސް އަނުޝްކާގެ ގާތް ރަހުމަތްތެރިއެކެވެ. އަދި މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް “ބޮންބޭ ވެލްޓް” މިހާރު ދަނީ ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
މީގެއިތުރުން އަނުޝްކާގެ ލޯބިވެރިޔާ ވިރާޓްއަކީ ވެސް ރަންބީރާއި ކެޓްރީނާގެ ގާތް އެކުވެރިއެކެވެ.
އާންމު ގޮތެއްގައި ބޮލީވުޑްގެ މަޝްހޫރު ދެ އަންހެން ތަރިއެއް އެއް ފިލްމެއްގައި މަސައްކަތްކުރާނަމަ އެ ދެ ތަރިއެއްގެ ދެމެދު މައްސަލަތައް ޖެހޭ ހަބަރުތައް ފެންމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް އަނުޝްކާ އަދި ކެޓްރީނާގެ މިފަދަ ހަބަރުތަކެއް މީޑިޔާގައި ފެންމަތިވެފައެއް ނުވެއެވެ.