twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރިއުޅުމުގެ ހަގީގަތް

Mar 31, 2015

މިވަގުތު ކޮޅު ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރަން ވެސް ބޭނުން ވެދާނެ އެވެ. އެހެން ނަމަވެސް މިހާރު ތިއިނީ އެކަނިމާއެކަނި ސްކްރީނެއްގެ ކުރިމަތީގައި މިލިޔުން ކިޔާށެވެ. ވީއިރު މިވަގުތުކޮޅު ތިބާ ބޭނުންވާ ކަންތައްތައް ކުރުން ހުއްޓުވަނީ ކޮންކަމެއް ހެއްޔެވެ؟ ބޭނުންވާ ތަންތަނަށް ދިޔުން ހުއްޓުވަނީ ކޮންކަމެއް ހެއްޔެވެ؟

ކޮންމެ ދުވަހަކު ތިހޭލަނީ އެއްތާކަށެވެ. ކުރަނީ އެއް ކަންތައްތަކެކެވެ. އިއްޔެއާ މިއަދާ ވަކި ތަފާތެއް ނެތި އެވެ. އެއްދުވަސްވަރެއްގައި ކަންތައް ހުރީ މިހެންނެއް ނޫނެވެ. އޭރު ކޮންމެ ދުވަހަކީ އައު ދުވަހެކެވެ. އައު ތަޖުރިބާތަކެކެވެ. އާނއެކެވެ. ޅަދުވަހު އެވެ. އޭރު ބޭނުންވާ ކޮންމެ ކަމެއް ކުރަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. މިއަދު މިއުޅެނީ ކިހިނެތް ހެއްޔެވެ؟ މުޅި ދިރިއުޅުން މިއޮތީ ޝެޑިއުލަކަށް ފެތި ބާރު ވެފަ އެވެ. ހިތްއެދޭ ކަންތައްތައް ކުރެވެނީ ހާލަކުން ފަހަރަކު އެވެ. ބޮޑު ވުމަކީ މިއީ ހެއްޔެވެ؟ މިނިވަންވުމަކީ މިއީ ހެއްޔެވެ؟

ސާފު ފެން، ކާނާ އަދި ބިމަކީ އަހަރެމެން ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތަކެވެ. އެވަސީލަތްތައް މިއަދު ވަނީ ކުންފުނިތަކުގެ ބާރުގެ ދަށުގަ އެވެ. ގަސްގަހުގައި އަހަރެމެންނަށް ކާނާއެއް ނެތެވެ. ކޯރުތަކުގައި ސާފު ފެނެއް ނެތެވެ. ގޯތި ގެދޮރު ބިނާކުރާނެ ބިމެއް ނެތެވެ. މިއީ ކޮންމެ މީހެއްގެ ހައްގަކަށް ވީނަމަވެސް މިވަސީލަތްތައް ހޯދަން މަސައްކަތް ކޮށްފިނަމަ ގާނޫނުގެ ކުރިމައްޗަށް ނުކުންނަން ޖެހޭނެ އެވެ. ކަންމިހެން ހުރުމާއެކު އަހަރެމެން ގާނޫނުތަކަށް ތަބާވަމެވެ. އެހެނީ ގާނޫނުތަކާ ދެކޮޅަށް ތެދުވާ މީހުން ތިބެނީ ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ކަމަށްވާތީ އެވެ.

އެގާނޫނުތަކާ ގަވާއިދުތައް އަހަރެމެން ދަސްކުރަމެވެ. ދުނިޔެ އާއި ދުނިޔެ ދައްކާ ކުލަތަކެވެ. އެތައް އަހަރެއް ވަންދެން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކޮށްގެންނެވެ. އަގުބޮޑެތި ޓެކްސްޓް ފޮތްތަކާ މީގެ އަހަރުތަކެއް ކުރިން ހަމަ އެމާއްދާތައް އެގޮތަށް ދަސްކުރި އެހެން ބައެއްގެ ފަރާތުންނެވެ. ދަސްކުރާ އެއްޗަކާމެދު ސުވާލެއް ނުކުރަމެވެ. ކުރި ނަމަވެސް ލިބޭނީ އެންމެ ޖަވާބެކެވެ. އެއީ އެކަން އޮންނަ ގޮތް ކަމަށެވެ. އުނގެނުމަށްވުރެ މުހިންމުވަނީ ޓެސްޓުގެ ނަތީޖާ އެވެ. އެނަތީޖާގެ ސަބަބުން މީހުން ދަރަޖަތަކަށް ބެހި، ލޭބަލްވެގެންދާތީ އެވެ. ލެބޯޓަރީއެއްގައި ގެންގުޅޭ ޖަނަވާރުތަކެއް ފަދައިންނެވެ.

ތައުލީމު ދިނުމުގެ މި މަރުހަލާގައި އުނގަންނައިދެވެނީ މަސައްކަތް ރަނގަޅު ގޮތުގައި ކުރާށެވެ. އެމަސައްކަތް އެހެން ކުރަނީ ކީއްވެތޯ ސުވާލު ނުކުރުމަށެވެ.ދުވާލުދާ ހަތަރުދަމު އަހަރެމެން މަސައްކަތްކުރަމެވެ. ތިމާ ހިތް އެދޭ ކަންތައްތައް ކުރުމަށް ވަގުތު ހުސް ނުކޮށެވެ. މުސްކުޅިވެ ގައިބާރު ދެރަވެގެން އެ މަސައްކަތްތައް ނުކުރެވެންދެންނެވެ. ދެން ކުރެވެނީ އިންތިޒާރެވެ. މަރު އައިސް ބައްދަލުކުރާނެ ވަގުތަކަށެވެ. ކަށިތައް ފީވެ ވީރާނާވެ ވެއްޔަށްވެގެން ދާނެ ދުވަހަކަށެވެ. ވަގުތުން އަހަރެމެންގެ ޖާގަ ދެން އަންނަ ޖީލުން ނަގަ އެވެ. ދަރިންނެވެ. ދަރިންގެ ދަރިންނެވެ.

ކޮންމެ މީހަކަށް އެމީހަކު ހިނގާ މަގަކީ ތަފާތު މަގަކަށް ވެދާނެ އެވެ. ނަމަވެސް ކޮންމެ މަގަކުން ވެސް ދެވެނީ އެއްތާކަށެވެ. މަގުގެ ކޮޅުން އެންމެންނަށް ވެސް ބައްދަލުވަނީ އެއް ނިމުމެކެވެ. ހުރިހާ އިންސާނުންނަކީ ބާރެކެވެ. ދުނިޔޭގައިވާ ބޮޑެތި ކުންފުނިތަކުގެ ފަހަތުގައިވާ ބާރެވެ. އާދޭހެވެ. ދުނިޔޭގައިވާ އެންމެ އަގުބޮޑު ވަސީލަތަކީ އިންސާނުންނެވެ. އަހަރެމެން އެމީހުންގެ ގައުމުތައް ބިނާކުރަމެވެ. އެމީހުންގެ މެސިނުތައް ހަދަމެވެ. އެމީހުންގެ ހަނގުރާމަތައް ކުރަމެވެ. އެންމެ އެއްޗެއްގެ ދަހިވެތިކަމުގަ އެވެ. ކޮންމެ އިންސާނަކީ ފައިސާގެ އަޅެކެވެ.

އެމީހުން ބޭނުންވަނީ ފައިސާއެއް ނޫނެވެ. އެމީހުން ބޭނުންވަނީ ބާރެވެ. ފައިސާއަކީ އަހަރެމެންގެ ނަފްސުތައް ކޮންޓްރޯލުކުރުމަށް އެމީހުން ބޭނުންކުރާ ހަތިޔާރެވެ. އެއީ ކެއުމަށާއި ދަތުރުފަތުރު ކުރުމުގެ އިތުރުން މުނިފޫހިފިލުވުމަށްވެސް އަހަރެމެން ބޭނުންކުރަނީ އެކަރުދާސްތަކަށްވާތީ އެވެ. އެމީހުން އަހަރެމެންނަށް ފައިސާދިނެވެ. އޭގެ އަގެއްގެ ގޮތުގައި ދުނިޔެ އެމީހުންނަށް ދިނީމެވެ. ނަތީޖާއެއްގެ ގޮތުން އަހަރެމެން ނޭވާލާ ވައި ސާފު ކޮށްދޭ ބޯ ޖަންގަލިތައް ހުރި ތަންތާގައި މިހާރު ހުރީ ދުންއަރާ ފެކްޓްރީތަކެވެ. ސާފު ފެންކޯރުތައް ހުރިތަންތާގައި މިހާރު ހުރީ ކިލަނބުވެ ވިހަވެފައިވާ ފެނެވެ. ޖަނަވާރުތައް މިނިވަންކަމާއެކު އުޅުނު ދަނޑުބިންތަކުގައި މިހާރު ހުންނަނީ ހުއްޓުމެއްނެތި އެތަކެތި ވިއްސާ ކަތިލެވޭ ފެކްޓްރީ ތަކެވެ.

ދުނިޔޭގައި އިންދާ ހައްދާ ގޮވާމުގެ 70 އިންސައްތަ ދެނީ އެފަދަ ފެކްޓްރީތަކުގައި ގެންގުޅޭ ޖަނަވާރު ތަކަށެވެ. އެތައް މިތާނގައި ބަނޑުހައިހޫނުކަންމަތީ ތިބި އެތައް ބިލިއަން އިންސާނުންނަކަށް ނޫނެވެ. އެމީހުންނަށް ކާންދޭންވީ ކީއްކުރަން ހެއްޔެވެ؟ ގައިމުވެސް އެމީހުންގެ މައްޗަކުން އެއްވެސް ނަފާއެއް ނުލިބޭނެ އެވެ. ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އިންސާނުންގެ ވިސްނުން ހުރީ އެހާ ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ.

ފައިސާ އާއި ފައިދާގެ ކުރިމަތީގައި އެހެން އެއްޗެއް ނުފެންނަ ވަރަށް މީހުން ވަނީ ކަނުވެފަ އެވެ. ފައިސާއަށްޓަކައި އުޅެ ބޮޑުވަމުންދާ ވެށި ދަނީ ހަލާކު ކުރަމުންނެވެ. ވަބާއެއް ފަދައިންނެވެ. އިންސާނުންނަށް ކޮންމެ އެއްޗެއް ފެންނަނީ ގަނެ ވިއްކާ މުދަލެއްގެ ގޮތުގަ އެވެ. އެންމެ ފަހު ކޯރު ކިލަނބުވެ، އެންމެ ފަހު ނޭވާ ވިހަވެއްޖެނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ކާނާ ވާސިލް ކޮށްދޭނެ އުޅަނދުތަކަށް އަޅާނެ ތެޔޮ ހުސްވެއްޖެނަމަ ދެން ހަދާނީ ކިހނެތް ހެއްޔެވެ؟ ފައިސާއިން ހުރިހާ ކަމެއް ނުވާނެ އެވެ.

ކޮންމެ އަހަރަކު ހާކަށް ވުރެ ގިނަ ދިރޭތަކެތީ އިންސާނުންގެ އަމަލުތަކުން މިދުނިޔެއިން ފުހެވިގެންދެ އެވެ. ވަގުތު މިއޮއް ހުސްވަނީ އެވެ. ދެން ނެތިގެންދާނީ އަހަރެމެން ނޫންކަމެއް ނޭނގެ އެވެ. މިސާލަކަށް ބަލާށެވެ. ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ގައުމުކަމަށް ދައުވާ ކުރާ އެއްގައުމަކީ އެމެރިކާ އެވެ. އެމެރިކާގައި ކެންސަރު ޖެހުމުގެ ފުރުސަތު 41 އިންސައްތައަށް އެބައޮތެވެ. އެތަނުގެ ކޮންމެ ތިންމީހަކުން އެކަކު ހިތުގެ ބަލިތަކުން މަރުވެ އެވެ. މިފަދަ ބަލިތަކުން ސަލާމަތްވުމަށް އެންމެން ބޭނުންކުރަނީ ބޭހެވެ. ހީވެފައި އޮންނަނީ ބޭހަކީ ހުރިހާ ކަމެއްގެ ހައްލު ކަމަށެވެ. އެހެންކަމުން އެބޭސްތައް ނުވަތަ ހައްލު ‘އުފައްދަން’ ސައިންސްވެރިންގެ ފައިބުޑަށް ފައިސާ ޖަމާކުރުމުން ނިމުނީ އެވެ. ކޮންމެ ކަމެއްގެވެސް ހައްލު އެމީހުން ހޯދާނެ އެވެ. މިކުށްހީގެ ނާޖާއިޒު ފައިދާ މިބޭސްތައް ހަދާ ކުންފުނިތަކާއި ބަލިތަކަށް ފަރުވާދޭ ތަންތަނުން ނަގަ އެވެ. މީހުންނަށް ހީވަނީ މިހޯދަނީ ބަލީގެ ޝިފާ ކަމަށެވެ. އެހެން ނަމަވެސް އެދުވެވެނީ އަސްލު މައްސަލައާ ދުރަށެވެ.

ބަލިތަކުން ސަލާމަތްވެ ހެޔޮހާލުގައި ތިބުމަށް ދެން ބޭނުންވަނީ ސިއްހަތަށް ފައިދާހުރި ކާނާ އެވެ. މީހާގެ ހަށިގަނޑު ބައްޓަންވަނީ ކާން ބޭނުންކުރާ ބާވަތްތަކަށެވެ. ހަށިގަނޑަށް ބަލައިގެން ފައިދާހުރި ކާނާ ބޭނުންކުރަން މަސައްކަތްކުރާ މީހުން ގައިމު މަދެއް ނުވާނެ އެވެ. އެކަމަކު ކާން ބޭނުންކުރާ ކޮންމެ އެއްޗަކާއެކު ހަށިގަނޑަށް އެތެރެކުރެވެނި ވިހަ މާއްދާތަކެކޭ ބުނެފިނަމަ ގަބޫލުކުރާނެ މީހަކު މަދުވާނެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މީޑީޔާއޭ މިކިޔާ ކުންފުނިތަކުން ކަމުގެ އަސްލު ފޮރުވާ، ދުނިޔެ ހުވަފެނެއްގެ ގޮތުގައި ދައްކުވައިދޭތީ އެވެ. ދިރިއުޅުމުން މިކުރެވޭ ވިޔަފާރީގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ މީޑިއާތަކެވެ. އިންސާނުންގެ ސިކުނޑިތަކާ ކުޅެލަ އެވެ.

އެއްދުވަސްވަރެއްގައި އިންސާނުންނަށް ހީވެފައި އޮތީ ދުނިޔެ އަކީ މުޅި ކައުނު ހިންގާ މަރުކަޒު ކަމަށެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ހީވެފައި އޮންނަނީ އިންސާނުންނަކީ ދުނިޔޭގެ އެންމެ މުހިންމު މަރުކަޒު ކަމަށެވެ. އަހަރެމެންގެ ކޮންޕިއުޓަރުތަކާއި ކާރު ތަކާއި ފެކްޓަރީތަކުން ދައްކުވައިދެނީ އަހަރެމެންގެ މޮޅު ކަމާއި ވިސްނުންތޫނުކަން ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ކަންނެތް ކަން ހެއްޔެވެ؟ ތަހުޒީބުވެފައިވާ ކަމަށް ގޮވާ މަދަނިއްޔަތުގެ ތާކިހާ ބޮލުގައި އަޅަމެވެ. ނަމަވެސް އެތާކިހާ ނަގައިފި ނަމަ އަހަރެމެންނަކީ ކޮންބައެއް ހެއްޔެވެ؟

ވަރަށް އަވަހަށް ހަނދާންތައް ނެތިއްޖެ އެވެ. އަންހެނުންނަށް ވޯޓުދިނުމުގެ ހައްގު ލިބުނީ މިދިޔަ ގަރުނުގެ ތެރޭގަ އެވެ. ކަޅު މީހުންނާއި ދޮން މީހުންގެ ދެމެދުގައި ފަރަގު ނުކޮށް ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނީ ވެސް ހަމަ އެގަރުނުގެ ތެރޭގައި އެވެ. ހިވަނީ އަހަރެމެންނަށް ހުރިހާ ކަމެއް އެނގޭހެނެވެ. އެކަމަކު ނޭނގޭ އެތައް ކަމެއް ވެ އެވެ. ޒިންދަގީގެ ހަރުފަތްތައް ގިރާކުރަމުންދާއިރު ދިރިއުޅުން ދައްކާ ކުލަތަކާ އަޅައެއް ނުލަ އެވެ. އިބުރަތެއް ހާސިލެއް ނުކުރެ އެވެ. ބަލާ ލޯތަކެވެ. އެލޯތަކުން ކިޔައިދޭ ވާހަކަތަކެވެ. ކޮންމެ ތަނެއްވެސް ފެންނަނީ ތިމާގެ ފަސްފަހަތުންނެވެ. ފަހަރެއްގައި އަހަރެމެން ބިރުގަންނަނީ ކަމަށް ވެދާނެ އެވެ. މިކައުނުގައި އެކަނި ލައްވާފައިވާ މަހުލޫގުންނަށް ނޫންވީމަ އެވެ. މާބޮޑު މަންޒަރެއްގެ ކުޑަކުޑަ ބަޔަކަށް އިންސާނުން ވާތީ އެވެ.

އެކަމަކު ދުނިޔަވީ ގުޅުންތައް ބަދަހި ކުރަން އަހަރެމެން ނުކުޅެދެ އެވެ. ތިމާގެ މުނިފޫހިފިލުވުމާއި މަޖަލަށް ޖަނަވާރުން މެރުމަށް އެއްވެސް ޖެހިލުމެއް ނުވެ އެވެ. ތިމާ ފަދަ އިންސާނުން ވިޔަސް ވެހެވެ. ނަމަވެސް ގޭގައި ގެންގުޅޭ ކުއްތާ ތަކާއި ބުޅާތަކެއް ނޫނެވެ. އެތަކެތި ދެކެ އިންތިހާއަށް ލޯބިވެ، ތިމާ ކާއެއްޗެހިން ކާންދީ އަދި ބޯންދީ، ފެންވަރުވާ ދަރިއެއް ފަދައިން ގެންގުޅެ އެވެ. އޭރުން ޖަނަވާރުންނަކީ ބުއްދިއެއް ލިބިފައިނުވާ ‘މޮޔަ’ އެއްޗެއްސެއް ނޫނެވެ. އެކަމަކު ކުޅިވަރާއި މަޖަލަށް އެތަކެތި ބޭނުންކުރަން ވުމުން އެއީ އިހުސާސްތަކެއް ލިބިފައިނުވާ އިންސާނުންގެ އަޅުންނެވެ. ހަމައެކަނި އަހަރެމެންނަށް އެބާރު ދެއްވާފައިވާތީ އެތަކެތި ގުރުބާންކުރަން ވެދާނެ ހެއްޔެވެ؟

މީގެން އެނގެނީ އިންސާނުން ދުނިޔެއަށް އައުމަށްފަހު މިއަދާ ހަމައަށް ދަސްވެފައިވާ ތަކެތީގެ މަދު ކަމެވެ. އަމަލުތައް ބިނާވެފައިވަނީ ތިމާއަށްވުރެ ބާރުދެރަ ފަރާތްތަކަށް ބިރުދެއްކުމާއި ބާރު ފޯރުވުމުގައި ކަމެވެ. އެއްދުވަހަކުން ހުރިހާ އެންމެންވެސް މަރުވެގެން ދާނެ އެވެ. ފުރާނަތައް ހަށިގަނޑުން ވަކިވެ، ކަށިތައް ފީވެ ވެއްޔަށް ވެގެންދާނެ އެވެ. އޭރުން އިއްޔެގެ އަމަލުތަކުން ނޫނީ އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. މަރުވަނީ އަހަރެމެންގެ ވަށައިގެންނެވެ. ދުނިޔެ އަބަދުހެން އޮންނަނީ ހަލާކުގެ ތުންފަތްމަތީގަ އެވެ. ނަމަވެސް އެކަން އެނގޭ މީހަކު އުޅޭހެނެއް ހިޔެއް ނުވެ އެވެ. މާދަމާގެ ހަނގުރާމަތަކުގައި މޮޅުވާނެ މީހެއް ނުހުންނާނެ އެވެ. ސަބަބަކީ އަބަދު ހަނގުރާމައާއި މާރާމާރީ އަކީ ހައްލެއް ކަމުގައި ނުވާނެތީ އެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ ތެރެއަށް ފީނާ ހޯދައިފިނަމަ އެނގޭނީ އެންމެން ވެސް ބޭނުންވަނީ އެއްކަމެއް ކަމެވެ. އެއީ އުފާވެރި ކަމެވެ. ހިތް ހަމަޖެހުމެވެ. ދުނިޔެ ކޮނެ ހާވާ ހަލާކު ކުރަމުންދަނީ އުފާވެރިކަން ހޯދުމަށެވެ. އަމިއްލަ ނަފްސުގެ ތެރެ ބެލުމެއް ނެތި އެވެ. އުފާވެރި ގިނަ މީހުންނަކީ ދުނިޔޭގައި އެންމެ މަދުން ލިބޭ މީހުންނެވެ. ނަމަވެސް އައިފޯނާއި ބޮޑެތި އެޕާޓުމެންޓުތަކާއި ކާރުތަކާއެކު އަހަރެމެން މިތިބީ އުފަލުން ހެއްޔެވެ؟

މުޖުތަމައުގައި އަހަރެމެންގެ ގުޅުންތައް ވަނީ ކެނޑިފަ އެވެ. ނަމޫނާ އެއް ކަމުގައި ބަލަނީ ނުދެކޭ ނުދަންނަ މީހުންނެވެ. އާދަޔާ ހިލާފު ކަންތައްތައް އަހަރެމެންނަށް ފެންނަނީ ސްކްރީނުތަކުންނެވެ. އާންމު ދުނިޔޭގައެއް ނޫނެވެ. ހޯދަނީ ބަދަލެކެވެ. އަމިއްލަ ނަފްސު ބަދަލު ކުރުމަށް ނުވިސްނަ އެވެ. ވޯޓުދިނުމާއި އިންތިހާބުތަކަކީ ފައިސާ ފޮއްޗެއް އެއްލުން ކަހަލަ ކަމެކެވެ. އެފައިސާފޮތި ވެއްޓޭނީ ކޮންމެވެސް އެއްފުށަކަށެވެ. ނަމަވެސް އެއީ އެއްފޮތީގެ ދެފަރާތެވެ.

ނަގަނީ އެފޮތީގެ ބޭނުން ފަރާތެކެވެ. އެއާއެކު އިހުތިޔާރު ލިބިގެންވާ ކަމުގެ ދަޅަ ފެނެ އެވެ. ބަދަލު ގެނެވުނީ އެވެ. އެކަމަކު ދުނިޔެ އޮންނަނީ ހަމަ އެއްގޮތަކަށެވެ. ބަދަލެއް ނާދެ އެވެ. ނުވިސްނޭ ތަންކޮޅަކީ ސިޔާސީ މީހުން ދުނިޔެއަށް ހިދުމަތްކޮށް ނުދޭ ކަމެވެ. އެމީހުން މަސައްކަތް ކޮށްދެނީ އެމީހުންނަށް ފައިސާއާއި ބާރު ދޭ ބަޔަކަށެވެ. ދުނިޔެއަށް ބޭނުންވަނީ ސިޔާސީ ލީޑަރުންނެއް ނޫނެވެ. ވެރިކަން ކުރާނެ ވެރިންނެވެ. ސިޔާސީ ވުމުގެ ތެރޭގައި އަހަރެމެން އަމިއްލަ ނަފްސު ބާރުވެރި ކުރަން ހަނދާން ނައްތާލައިފި އެވެ. ކަންކަން އަމިއްލައަށް ބަދަލުވާނެ ކަމަށް އުންމީދުކޮށްގެން ނުތިބޭށެވެ. ބޭނުންވާ ބަދަލު އަމިއްލައަށް ހޯދާށެވެ. އިންސާނުން މިހާހަމައަށް އައިސްފައި މިވަނީ އަތް އުރާލައިގެން ތިބެގެނެއް ނޫނެވެ. އެންމެ ވަރުގަދަ ވީމައެއް ނޫނެވެ. އެންމެ އަވަސް ވީމައެއް ވެސް ނޫނެވެ. ނުވަތަ އެކުގައި މަސައްކަތް ކޮށްގެނެއް ވެސް ނުމެ ނޫންމެއެވެ.

މީހުން މަރާނެ ގޮތް ދަސްކޮށްފީމު އެވެ. ދެން ދިރިއުޅޭނެގޮތް ދަސްކުރަމާ ހިނގާށެވެ. މިއީ ދުނިޔެ ސަލާމަތް ކުރުމެއް ނޫނެވެ. އަހަރެމެން ސަލާމަތްވިޔަސް ނުވިޔަސް މިދުނިޔެ މިހެން އޮންނާނެ އެވެ. މިދުނިޔެ މިހެން އޮންނަތާ އެތައް ބިލިޔަން އަހަރުތަކެއް ވެއްޖެ އެވެ. ދެން ވެސް އޮންނާނެ އެވެ. އެކަމަކު އިންސާނުން 80 އަހަރު ދުނިޔޭގައި ހުއްޓަސް އެއީ ބޮޑުވަރެކެވެ. އެއީ ވަގުތުގައި ހިނދުކޮޅެކެވެ. ނަމަވެސް އެ ހިނދުކޮޅުގައި ކުރާ އަމަލުތަކުގެ އަސަރުތައް ދެމިގެންވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355