twitterviber whatsapp telegramfacebookyoutube instagram
4th May 2024

އޭޕްރިލް ފޫލުންގެ ދުވަހުގެ މަޝްހޫރު ސަމާސާތައް

Apr 1, 2015

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭޕްރިލް ފޫލުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވިގެންދާ ދުވަހެވެ. މިދުވަސް ފެށިގެން އައި ގޮތާމެދު ތަފާތު ގޮތްގޮތަށް ވާހަކަތައް ހުރި ނަމަވެސް އެންމެންވެސް އިއްތިފާގުވާ ގޮތުގައި މިދުވަހަކީ މީހުންނަށް ލަނޑުދީ ‘ފޫލް’ ހެއްދުމަށް މަޝްހޫރު ދުވަހެކެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިއަދު ވަނީ ވަރަށް ތަފާތު ސަމާސާތައް މީހުންނާ ކުރެވިފަ އެވެ. އެގޮތުން މަޝްހޫރު ބައެއް ސަމާސާތަކަށް ބަލާލާނަމެވެ.

ސްޕެގެޓީ ގަސް

ފޫލުންގެ ދުވަހުގެ އެންމެ ބޮޑު އެއް ސަމާސާ ކޮށްފައިވަނީ 1957 ވަނަ އަހަރު، ބީބީސީގެ ޓީވީ ޕްރޮގުރާމެއް ކަމަށްވާ ‘ޕެނެރޯމާ’ އިންނެވެ. މިއީ ދުނިޔޭގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކާ ޕްރޮގުރާމެކެވެ. އެހެންނަމަވެސް އެދުވަހު ޕްރޮގުރާމުން ދެއްކީ ސްޕެގެޓީ އަޅާ ގަހާ ބެހޭ ޑޮކިއުމެންޓްރީއެކެވެ. މިޑޮކިއުމެންޓްރީގައި ދައްކަނީ އާއިލާއަކުން ސްޕެގެޓީ ކަނޑާ، އިރުގެ އަވީގައި ހިއްކާ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން އެތައް ސަތޭކަ ބެލުންތެރިންނެއް ބީބީސީއަށް ގުޅާ ސްޕެގެޓީ ގަސް ހައްދާނެ ގޮތާ ބެހޭ މައުލޫމާތު އަހާފައިވެ އެވެ.

ކުލަ ޓީވީ

1962 ވަނަ އަހރު ސްވިޒަރލޭންޑްގެ ގައުމީ ޓީވީއިން ފަސް މިނެޓުގެ ވީޑިއޯ ކޮޅެއް އާންމު ކުރި އެވެ. މިހާއްސަ ވީޑިއޯކޮޅުގައި ވަނީ ޓީވީގެ މަންޒަރު ކުލަކޮށް ފެންނާނެ ގޮތެވެ. އެއީ ނައިލޯނު އިސްޓާކީންޏެއް ޓީވީ ކުރިމަތީ ބެހެއްޓުމުންނެވެ. މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ސިއްރުތައް މިވީޑިއޯކޮޅުގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އެހެންކަމުން އެތައް ހާސް ބަޔަކު ޓީވީގެ މަންޒަރު ކުލަކޮށް ފެނޭތޯ މަސައްކަތްކުރި އެވެ.

ސިގުނަލް މެދުވެރިކޮށް ވަސް

1965 ވަނަ އަހަރު ބީބީސީއިން އައު ޓެކްނޮލޮޖީއެއް ޓެސްޓުކުރަނީ ކަމަށް އެޗެނަލުގެ ބެލުންތެރިންނަށް އެންގި އެވެ. މިޓެކްނޮލޮޖީގެ ސަބަބުން ވައިގެ ތެރޭގައި ދައުރުވާ ސިގްނަލްތަކުގެ އެހީގައި ވަސް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދޭނެ އެވެ. އެތައް ބެލުންތެރިންނެއް މިޓެސްޓަކީ ކާމިޔާބު ޓެސްޓެއް ކަމަށް ބުނެ ބީބީސީއަށް ގުޅި އެވެ. 2007 ވަނަ އަހަރު ބީބީސީގެ ވެބްސައިޓުން އަދި 2013 ވަނަ އަހަރު ގޫގުލްއިން ވެސް ‘އޮންލައިންކޮށް’ ހަމަ މިސަމާސާ ކޮށްފައިވެ އެވެ.

މައްޗަށްދާ ގްރެވިޓީ

1976 ވަނަ އަހަރު ބްރިޓިޝް ނުޖޫމީ އިލްމުވެރިއެއް ކަމަށްވާ ސަރ ޕެޓްރިކް މޫރ ބީބީސީ ރޭޑިއޯ 2ގެ އެހުންތެރިންނަށް ހާއްސަ ހާލަތެއް މެދުވެރި ވުމުގެ ސަބަބުން މައްޗައްދާ ގްރެވިޓީއެއް އުފެދޭނެ ކަމަށް ބުންޏެވެ. އެއީ ދެ ޕްލެނެޓެއް އެއްރޮނގަކަށް އައުމުގެ ސަބަބުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން އެދުވަހުގެ 9:47 ގައި މީހުންގެ ބަރުދަން ލުއިވާނެ ކަމަށާއި ފުންމާ، ވައިގެ ތެރޭގައި އުޅުމުގެ އިހުސާސްތައް ތަޖުރިބާ ކޮށްލުމަށް އޭނާގެ އެހުންތެރިންގެ ގާތުން އެދުނެވެ. އެދުވަހު އެތައް އެހުންތެރިންނެއް އޭނާގެ ދިރާސާ ކާމިޔާބުވި ކަމަށް ހަބަރު ދިނެވެ. އޭގެ ތެރެއިން އެއް އަންހެނަކު އޭނާގެ 11 ރަހުމަތްތެރިންނާއެކު ކޮޓަރިއެއްގެ ތެރޭގައި ވަޔާއެކު ދައުރުވި ކަމަށް ކިޔައިދިނެވެ.

އުދުހޭ ޕެންގުއިން

2008 ވަނަ އަހަރު ބީބީސީއިން އުދުހޭ ޕެންގުއިންތަކެއްގެ އަލަށް ހޯދާފައިވާ ކަމަށް އާންމު ކުރި އެވެ. އެޗެނަލުން މިކަމާ ބެހޭގޮތުން ވީޑިއޯއެއް ވެސް ދެއްކި އެވެ. މިވީޑިއޯގައި ފެނިގެންދަނީ ޓެރީ ޖޯންސް އެންޓާޓިކާގެ ޕެންގުއިންތަކާއެކު އުޅޭ މަންޒަރާއި އެދޫނިތައް އެމޭޒަންގެ ޖަންގައްޔަށް އުދުހިފައި ދަތުރުކުރާ މަންޒަރެވެ.

ކެކުމުން އަޑުގޮވާ ކެރެޓު

2002 ވަނަ އަހަރު ޓެސްކޯއިން އެކުންފުނީގެ ކަސްޓަމަރުންނަށް އާދަޔާ ހިލާފު ކެރެޓެއް ތައާރަފް ކުރިކަމަށް އިއުލާނު ކުރި އެވެ. މި ކެރެޓަކީ ކެކުމުން ކަށިގަނޑެއް ފުމޭ ފަދަ އަޑެއް ގޮވާ ކެރެޓެކެވެ.

މާސްއިން ފެން ފެނުން

ނާސާގެ ރަސްމީ ވެބްސައިޓުގައި 2005 ވަނަ އަހަރު ރިޕޯޓެއް ލިޔެފައިވެ އެވެ. އެލިޔުމުގައި ވަނީ މާސް އިން ފެން ފެނިފައިވާ ކަމަށެވެ. މިލިޔުމުގެ ތިރީގައި މާސް ޗޮކުލެޓެއްގެ މަތީގައި ފެންތައްޓެއް ބަހައްޓާފައިވާ ފޮޓޯއެއްވެ އެވެ.

ވާތު ބާގަރ

މަޝްހޫރު ބާގަރ ކިންގްއިން 1998 ވަނަ އަހަރު އެތަނުގެ ކަސްޓަމަރުންނަށް އައު ވައްތަރެއްގެ ބާގަރ އެއް ތައާރަފް ކުރި ކަމަށް އިސްތިހާރު ކުރި އެވެ. އެއީ ވާތު ބާގަރ އެވެ. މި ބާގަރ އަކީ އެތެރޭގައިވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަރުކޮށް، ފަސޭހައިން ކެއުމަށް ހާއްސަކޮށް އުފައްދާފައިވާ ބާގަރ އެކެވެ. އެތައް ބަޔަކު ވާތު ބާގަރ އަށް އޯޑަރު ދިން އިރު ބައެއް މީހުން އާދައިގެ ކަނާތު ބާގަރ އޯޑަރު ކުރި އެވެ.

އިންޓަނެޓް ސަމާސާތައް

ގޫގުލް އިން އެއް އަހަރެއްގެ އޭޕްރިލް ފޫލް ދުވަހާ ދިމާކޮށް ‘ގޫގުލް ގަލްޕް’ ނަމަކަށް ކިޔާ އައު ބުއިމެއް ތައާރަފް ކުރި އެވެ. މިބުއިމުން އިންސާނާ ވިސްނުންތޫނުކޮށް ކަރުހިއްކުން ފިލުވައިދޭނެ ކަމަށް ގޫގުލްއިން އިސްތިހާރު ކުރި އެވެ. އަދި އާސްކްޖީވަސް އިން ‘ޖީވަސް9000’ ނަމަކަށް ކިޔާ ރޮބަޓެއް އާންމުންނަށް ގަނެވޭނެ ގޮތަށް ތައާރަފް ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355