އެސް ޕްރޮޑަކްޝަންސްގެ ފުރަތަމަ ފިލްމް “އަހްޝަމް” ގެ ޝޫޓިން ނިމިއްޖެ އެވެ.
އަހުޝަމް ފިލްމުގެ ޝޫޓިންގ ހދ.ކުޅުދުއްފުށީގައި ކުރިއަށްދިޔައިރު، މި ފިލްމްގެ ލީޑް ރޯލުންވެސް ފެނިގެންދާ ފިލްމްގެ ޑައިރެކްޓަރ އަލީ ސީޒަންއެވެ. ސީޒަން މި ފިލްމުން ފެންނިގެންދާނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިންޗާޖްގެ ރޯލުންނެވެ.
ކުޅުދުއްފުށި އޮންލައިނަށް ދިން އިންޓަވިއުއެއްގައި ފިލްމްގެ ޕްރޮޑަކްޝަން ޑިޒައިނަރ އަހުމަދު ވިކާޝް ބުނެފައި ވަނީ ފިލްމް އަހުޝަމް އަކީ ފުދޭވަރަކަށް ގިނަ މީހުންގެ އެއްބާރުލުން ބޭނުންވި ފިލްމެއް ކަމަށެވެ. އަދި އެ އެފަދަ އެއްބާރުލުމެއް ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަކަމަށެވެ.
މި ފިލްމް މާލެއާއި ކުޅުދުއްފުށީގެ އިތުރުން ރާއްޖެތެރޭ ވީހާވެސް ގިނަ ރަށްރަށުގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވެއެވެ.
ނޮވެންބަރު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސިޔާސީ ހަލަބޮލިކަމާއި، އާއިލީ ކޯޅުމުގެ އިތުރުން ލޯބީގެ މަންޒަރުތައް ފެނިގެންދާނެ ފިލްމެއްކަމަށް ވިކާޝް ބުންޏެވެ.
“ފިލްމް ފެނިގެން ދާނީ ބޮޑަށް މަސާލާ ސްޓައިލަކަށް އެގޮތުން އެކި ސްޓަންޓްތައް ހިމެނޭ ތަފާތު މަންޒަރުތަށް މި ފިލްމުން ފެނިގެން ދާނެ” ވިކާޝް ބުނިއެވެ. އަދި މިއީ 15 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ބެލޭނެ ކަހަަލަ ގޮތަކަށް ތައްޔާރު ކުރެވޭނެ ފިލްމެއް ކަމަށްވެސް އޭނާ ބުންޏެވެ.
އަހުޝަމްގައި ކުޅުދުއްފުށީ ބައެއް ޒުވާނުންގެ އެކްޓިން ފެނިގެން ދާއިރު އެކަމާ ބެހޭގޮތުން ވިކާޝްއާ ސުވާލުކޮށްލުމުން ބުނެފައި ވަނީ ފުރަތަމަ ފަހަރާ ބަލާފަ އެ ކުދިންގެ އެކްޓިން ރަނގަޅުކަމަށެވެ. އަދި ފިލްމް ގައި ކުޅުދުއްފުށި 8 އަހަރުގެ ކުއްޖެއް ވަރަށް މުހިންމު ރޯލެއްގައި ފެނިގެންދާނެކަމަށްވެސް ވިކާޝް ފާހަގަކޮށްލި އެވެ.
ފިލްމްގެ ޓީޒާއެއް މި މަހު 4 ވަނަ ދުވަހު ދައްކާފައިވާއިރު ފިލްމްގެ ޓްރެއިލާތަށް ވަރަށް އަވަހަށް ނުކުންނާނެ ކަމަށާއި ފިލްމްގެ މީޑިއާ ޕާރޓްނާ ރާއްޖެ ޓީވީ އިން މިހާރުވެސް ފިލްމް އިޝްތިހާރުކުރުމުން ދާނެކަމަށް ވިކާޝް ބުންޏެވެ.
1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ 2 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމްގައި ސީޒަންގެ ގިނަ ސްޓަންޓް ސީންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ސީންއަކަށް ވެގެންދާނީ ސީޒަންގެ ޖިޕް އެކްސިޑެންޓްވާ މަންޒަރެވެ.