މިދުވަސްވަރު ގިނަ ބަޔަކު ބަލާލަން އެންމެ ބޭނުންވެފައިވާ އެއް ފިލްމް ކަމަށް ވާ “ދިލްވާލޭ” ކުޅުމަށް ކާޖަލް އެއްބަސްވީ އޭނާގެ ދަރިންގެ އެދުމުންކަމަށް މި މަޝްހޫރު ބަތޮލާ ދާދި ފަހުން ބުނެފިއެވެ.
ކާޖަލް ދިލްވާލޭ ޕްރޮމޯޓްކުރުމުގައި ފިލްމާ ބެހޭ މައުލޫމާތު މީޑިއާޔާ ހިއްސާ ކުރަމުން ވަނީ އެކަން ވެސް ހާމަކޮށްފައެވެ. ކާޖަލް ބުނެފައި ދިލްވާލޭގައި މި ރޯލް އަދާ ކުރުމަށް އެދުނީ އަންހެން ދަރި ނިސާ ކަމަށެވެ.
“އަހަރެންގެ ދަރިފުޅު ނިސާ މި ރޯލް އަދާ ކުރުމަށް އެދުނީ، ނިސާ ބުނި އަހަރެމެން ދެކެ ލޯބިވިޔަސް އޭގެ މާނަޔަކީ އެހެން ކަމަކަށް އޮތް ލޮތްބެއް ދޫކޮށްލުމެއް ނޫން، ދެން އަހަރެންނަށް ފިލްމީ މަންމަ އެއްހެން ރޮވުނު އަދި ފިލްމު ކުޅެން ނިންމީ.” ކާޖަލް ބުންޏެވެ.
އެހެންކަމުން ދަރިންނާ އާއިލާއާ ދުރުގަ ގިނަ ދުވަހު ބޭރުގައި މަސައްކަތް ކުރުމަށް ބޭނުން ނުވާ ކާޖަލް އަށް މިކަން ކުރުމަށް ހިތްވަރު ލިބުނީ ނިސާގެ ސަބަބުންކަން ބުންޏަކަސް ހަމަގައިމުން ދޮގަކަށް ނުވާނެއެވެ.
ކާޖަލް ފިލްމީ ދާއިރާއައި ދުރުގަ އުޅޭތާ މިހާރު 5 އަހަރު ވެއްޖެއެވެ. ދިލްވާލޭގެ ކުރިން އެންމެ ފަހުން ކާޖަލް ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރު ފިރިމީހަ އަޖޭ ދޭވްގަން އެކީ “ޓޫންޕުރް ކާ ސުޕަރ ހީރޯ” އިންނެވެ.
އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިލްވާލޭއިން ކާޖަލްއާ އެކީ ފެނިގެން ދަނީ ޝާހްރުކް ހާން އެވެ. ކާޖަލް އާއި ޝާހް އަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފައިވާ ދެތަރިންނެވެ. މި ދެތަރިން އެކުގައި ކޮށްފައިވާ މަސައްކަތްތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަސައްކަތްތަކެކެވެ.
މި ފިލްމް ބަލާލުމުގެ އިންތިޒާރުގައި ފޭނުން ތިބި އިރު މި ފިލްމްގެ ލަވަތަކަށް މިހާރުވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި ރޯހިތު ޝެޓީ މި ފިލްމު ޑައިރެކްޓް ކޮށްފައިވާއިރު ކާޖަލް އަދި ޝާހްގެ އިތުރުން މި ފިލްމުގައި ވަރުން ދަވަން އަދި ކިރްތީ ސަނަނަން ފެނިގެން ދާނެއެވެ.