މީގެ ކުރިން އެތައް ވަރުގަދަ ފިލްމްތަކަކަށް ފަސް ފަހަރަށް ނޯމިނޭޓްވެ ނަމަވެސް އޮސްކާއެއް ލިބުމަށް ނާކާމިޔާބުވި ކުޅަދަނާ އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯއަށް ފުރަތަމަ ފަހަރަށްް އޮސްކާ އެވޯޑެއް ލިބިއްޖެއެވެ.
މިއަދު ބޭއްވި އޮސްކާ އެވޯޑްސްގައި ޑިކެޕްރިއޯއަށް ލިބުނީ “ދަ ރެވެނަންޓް” އިން އޭނާ ކުޅިފައިވާ އާދަޔާހިލާފު މޮޅު ރޯލަށް އެންމެ މޮޅު ބަތަލްގެ މަގާމުއެވެ. ޑިކެޕްރިއޯއަށް މި އެވޯޑް ލިބިފައިވާއިރު އެ މަގާމަށް އޭނާގެ އިތުރުން “ދަ މާޓިއަން”އަށް މެޓް ޑެމޮން އާއި “ޓްރަމްބޯއަށް” ބްރިޔަން ކްރެންސްޓޮން އާއި “ސްޓީވް ޖޮބްސް” އަށް މައިކަލް ފާސްބެންޑަރ އަދި “ދަ ޑެނިޝް ގާލް” އަށް އެޑީ ރެޑްމޭން ނޯމިނޭޓްވިއެވެ.
އެވޯޑު ލިބުމުން ޑިކެޕްރިއޯ ވަނީ އޭނާގެ ބޭބެ ޓޮމީ ހާޑީ އަށާއި ޑައިރެކްޓަރު އަލިހަންޑްރޯ އިނިއާރިޓޫ އަށް ޝުކުރު އަދާކޮށްފަ އެވެ.
އެވޯޑް ގަބޫލުކުރުމަށް ފަހު ދުނިޔެ ހޫނުވުމާ ގުޅޭ ގޮތުން ޑިކެޕްރިއޯ ވަނީ ވަރަށް ވަރުގަދަ މެސެޖެއް ދީފަ އެވެ. އޭނާ ބުނީ ދުނިޔެ ހޫނުވާ ވާހަކަ އަކީ ހަގީގަތެއް ކަމަށެވެ. އަދި މިހާރުވެސް އެކަން އެގޮތަށް ވަމުންދާ ކަމަށާއި ދުނިޔޭގެ ހުރިހާ ދިރުންތަކަށް ވެސް އޭގެ ގެއްލުން ވަރަށް ބޮޑު ކަމަށް، ތިމާވެށީގެ ހިމާޔަތައް މަސައްކަތްކުރާ ފިލްމީ ތަރި ބުންޏެވެ.
މީގެ އިތުރުން އޮސްކާގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިޔައީ “ދަ ރެވެނަންޓް” ގެ ޑައިރެކްޓަރު އަލިހަންޑްރޯ އިނިއާރިޓޫ އެވެ. މިއީ ޖައްސަޖައްސައިގެން އޭނާ މި އެވޯޑު ގެންދިޔަ ދެ ވަނަ ފަހަރެވެ.
“ދަ ރެވެނަންޓް” ގެ ޑައިރެކްޓަރު އަލިހަންޑްރޯ އިނިއާރިޓޫ އެވޯޑާއެކު
މިފަހަރުގެ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ މަގާމު “ސްޕޮޓްލައިޓް” ކާމިޔާބުކުރިއިރު އެންމެ މޮޅު ބަތަލާގެ އޮސްކާ ގެންދިޔައީ “ރޫމް” ކުޅެގެން ބްރީ ލާސަން އެވެ.
ސްޕޮޓްލައިޓްގެ ކާސްޓް
އެންމެ މޮޅު ބަތަލާ ބްރީ ލާސަން ލިބުނު އޮސްކާ އެވޯޑާއެކު
މި އެވޯޑް ހަފްލާގައި ޝައުގުވެރި އެތައްކަމެއް ހިނގައިގެން ގޮސްފައިވެއެވެ. އޭގެތެރޭގައި ލޭޑީގާގާ ހުށައަޅައިދިން ޕާފޯމަންސެއް ފާހަގަކޮށްލެވެއެވެ. އޭނާގެ ޕާފޯމަންސުން އޯޑިއަންސްގައި ތިބި ގިނަ ބައެއްގެ ލޮލުން ކަރުނަ ފާއްދާލައި އޭނާއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.