ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މިދުވަސްވަރު މާލެ އާއި އަތޮޅުތެރޭގައި ބޭރަށް ހިންގުން އިތުރުވެފައިވާކަން އެފަރާތަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރިއްޔާއިން ފެރުތޭ ބައްޔަކަށްވުމުން ސާފުތާހިރު ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް އެފަރާތުން އިލްތިމާސް ކުރައްވާކަމަށެވެ.
ބޯން ބޭނުންކުރާ ފެން ކައްކާގެން ނޫނީ ކެލޮރިނޭޓްކޮށްގެން ބުއިން ނުވަތަ ވާރޭފެން ނަގާނަމަ ފެންނަގަންވާނީ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށްގެންނެވެ. ކާބޯތަކެތި ކާއިރު ރަނގަޅަށް ރޯފިލުވައިގެން ކެއުމަށާއި ރޯކޮށް ކެވޭ ތަކެތި ކެއުމުގެ ކުރިންވެސް ރަނގަޅަށް ދޮވެގެން ކެއުމަށް އެފަރާތުން އިލްތިމާސް ކުރައްވައެވެ. ކާބޯތަކެތީގައި މެހި ނުޖެހޭނެހެން މަތިޖަހާފައި ބެހެއްޓުމާއި ރަށުތެރޭ އަދި ގޭތެރޭގައި ކުނިވާޒާތުގެ އެއްޗެހި އިތުރުވިޔަނުދީ ރައްކާތެރި ގޮތުގައި ނައްތާލުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.
ކަރު ހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި މާ ބޮޑަށް ވަރުދެވަރުމުގެ އިތުރުން ހޮޑުލެވުމާއި ބޮޑުކަމު ދާއިރު ލޭގެ އަސަރު ހުރުމާއި ބަނޑުގައި އާދަޔާ ހިލާފަށް ރިއްސުން ފަދަ އަލާމާތްތައް ބޭރަށް ހިންގާއިރު ފާހަގަ ކުރެވޭ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ބާރުއަޅުއްވައެވެ.