މި ލިޔުމަކީ އެއްވެސް ހާލެއްގައި އަންހެން ކުދިންނާ ޒާތީ ތައައްސުބެއް އޮވެގެން ލިޔާ ލިޔުމެއް ނޫނެވެ. އަދި ކިއެއްތަ! މީގައި މި ބަޔާންވާ ކަންކަމަކީ ހުރިހާ އަންހެން ކުދިންނަށް ނިސްބަތްވާނޭ ކަމެއް ކަމުގައިވެސް ނުދެކެމެވެ. އަދި މީގައި ހިމެނޭ ބައެއް ކަންކަމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ނޫކަށި ފުރައިގެ ފިރިހެންވެރިންނަށްވެސް ނުހަނު ބޮޑަށް ނިސްބަތްވާ ކަންކަންވެސްމެ އެވެ. އަދި މި ލިޔުމުގައި ބަޔާން ކޮށްލެވިފައިވާނީ ނިކަން ގިނަ ބަޔެއްގެ ހިޔާލުތަކެވެ. އެހެންވީމާ ލިޔުމައިގެން ކުރިއަށް ދާންވާނީ ނިކަން ރަނގަޅަށް ބަނޑު ހުސްކޮށްލައިގެން ހުރެއެވެ.
މިހާރު އަހަރެމެންގެ ތެރޭގައި އެކަކު އަނެކަކު މައިގަނޑު ގޮތެއްގައި ދިމާވެ މި އުޅެނީ ސޯޝަލް މީޑިއާގެ ތެރެއިންނެވެ. 2006-07 ހިސާބުގައި އެމްއެސްއެން އާއި މިގް33 ފަދަ ނެޓްވޯކްތަކުން ފެށިގެން އައި ކަންތައް މިހާރު މި ވަނީ ފޭސްބުކާއި، އިންސްޓެގްރާމާއި ވައިބަރާއި ވަޓްސްއެޕް އަދި ޓްވިޓަރ ފަދަ ތަކެއްޗާއެކު އާ އުސްމިންތަކަކަށް އަރާފަ އެވެ. މި ސޯޝަލް ނެޓްވޯކް ނުވަތަ އިޖްތިމާއީ ވިއުގައިގެ ތެރެއިން އެދެވޭ ކަންތައްތަކެއްވެސް ފާހަގަވެގެން ގޮސްފައިވާއިރު ނުލާހިކު ގިނަ ނޭދެވޭ ކަންތައްތަކެއްވެސް ފެންނަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނީ މި ނެޓްވޯކުތަކުގައި އެ ފަރާތެއްގެ އަސްލު ރަމްޒުކޮށްދިނުމަށް ބޭނުން ކުރެވޭ ޕްރޮފައިލް ޕިކްޗާއާ ބެހޭގޮތުންނެވެ. އަދި މި މައުޟޫއު އަންހެން ކުދިންނަށް ބޮޑަށް “ހާއްސަ” ކޮށްލާނަމެވެ.
އެޑިޓް ކޮށްފައިވާ ފޮޓޯއަކާއި އޭގެ އަސްލު ފޮޓޯ
އެއްވެސް ލަހެއް ކުރުމެއްނެތި ފޭސްބުކާ ދިމާލަށް މިސްރާބު ޖަހަން ހިނގާށެވެ. ޕްރޮފައިލް ޕިކްޗާގެ ހިސްޓްރީ އެންމެ ރަނގަޅަށް ފެންނާނީވެސް ފޭސްބުކުންނެވެ. ފޭސްބުކުގައި އަންހެން ކުދިން ޕްރޮފައިލް ޕިކްޗާ ފެށޭގޮތަށް ބަލާއިރު އެންމެ ފުރަތަމަ ފޭސްބުކަށް “ސައިންއަޕް” ވެފައި ޕްރޮފައިލް ޕިކްޗާއެއް ލާންވެގެން ލަނީ “ގޫގުލް” ކޮށްލައިގެން ހޯދާ މަލެއް ނުވަތަ ކޮކާލެއް ފަދަ އެއްޗެކެވެ. އެއަށްފަހު ކާޓޫނު އަންހެން ކެރެކްޓާއަކަށް ބަދަލުވެގެންދެ އެވެ. ބާބީ ނޫނީ އެލްސާ ފަދަ ކެރެކްޓާއަކަށެވެ. އޭގެ ފަހުން މަޝްހޫރު އަންހެން ސެލެބްރިޓީއެއްގެ ފޮޓޯއަކަށް ބަދަލުވެގެންދެ އެވެ. ފިރިހެންވެރިން ހިތް ކިޔާ ކަހަލަ ސެލެބްރިޓީއަކަށެވެ. ސެލީނާ ގޮމޭޒް ނޫނީ ޖެނިފާ ލޯރަންސް ފަދަ ވަރުގަދަ ސެލެބްރިޓީއަކަށެވެ. އެޔަށްފަހު ގޭގައި އުޅޭ ކުޑަ ކުއްޖެއްގެ ފޮޓޯއެއް ޕްރޮފައިލް ޕިކްޗާއަށް ލާނެ އެވެ.
އެ ކުއްޖެއްގެ އަސްލު ފޮޓޯއާ ހަމައަށް ދާން ކުރެވޭ ދަތުރުގެ ފުރަތަމަ ފިޔަވަޅަކީ އެ ކުއްޖެއްގެ ފަހަތުން މޫނު ނުފެންނަހެން ނަގާފައި ހުންނަ އަމިއްލަ ފޮޓޯއެއް އަޕްލޯޑް ކޮށްލާ ހިސާބެވެ. ދެން ޖެހިގެންނަ އަންނަ މަރުހަލާގައި ލޯ ނުވަތަ ތުންފަތް އެކަނި އިންނަ ފޮޓޯއަކުން މޫނާ ހިސާބަށް ދަތުރު ކުރެވެ އެވެ. މޫނާ ހިސާބަށް ދަތުރުކުރެވޭ މަރުހަލާއާއެކު އެ ހުރީ ފިޔަފަޅައި އުދުއްސައި ގަންނަން ތައްޔާރުވެފަ އެވެ. އަދި އެއާއެކު އިތުރު ގުނަވަންތަކާއެކު ދެ އިރު ކާ ބޭހެއްހެން އަޕްލޯޑް ކުރާ ކުދިންވެސް މަދެއް ނޫނެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މި ޕްރޮފައިލް ޕިކްޗާއަށް ފޮޓޯލާން ކުރާ ދިގު ދަތުރަށްފަހު ލާ ފޯޓޯވެސް އަސްލާ އެއްވެސް ގުޅުމެއް ނުހުންނަ ކަމެވެ. ކުޅުދުއްފުށީ ބަހުން ބުނަންޏާ ޕްރޮފައިލް ޕިކްޗާއަށް ބަލާފައި ގޮސް އަސްލަށް ފެންނައިރު “މީޓަރު ގަނޑު” ން އެއްޗެއް ވަކިވާ ވަރެއް ނުވާނެ އެވެ.
ޕްރޮފައިލް ޕިކްޗާއަށް ޖޯކް ޖަހާ ތައްޔާރުކޮށްފައިވާ ޕްރިންސަސް އެލްސާގެ މެމޭ އެއް
މީގެ އިތުރުން ދިވެހިންނަކީ ދުނިޔޭގެ ހުރިހާ “ޓްރެންޑެއް” ބަލައިގަންނަ ބައެކެވެ. މިސާލަކަށް ބުނަންޏާ އެއް ޖިންސުން ކައިވެނި ކުރުން ކުރިއަރުވަން ޣައިރު މުސްލިމުން މަސައްކަތްކުރިއިރު ޕްރޮފައިލް ޕިކްޗާއަށް ވިއްސާރަދުނި ނުވަތަ “ރެއިންބޯ” ލީ އެއީ ކޯޗެއް ކަމެއް ނުވެސް ދެނަހުރެ އެވެ. ވަރަށް ފޯރީގައި ބްރެޒިލް އަށް ސަޕޯޓް ކުރަމޭ ކިޔާފައި އަދި މިފަހަރު ޔޫރޯ ހޯދާނީ ބްރެޒިލްއޭ ކިޔާ ޕްރޮފައިލް ޕިކްޗާގައި ބްރެޒިލް ދިދައިގެ ކުލަ ޖައްސާލިއިރު ބުރެޒިލްއަކީ ޔޫރޯ ނުވެސް ކުޅޭ ޓީމެއް ކަމެއް ނޭނގެ އެވެ. މި ދުވަސް ވަރަށް ބަލަންޏާ ބޮލަށް ބޮޑު މާ ޓުކުރިއެއް ލައިގެން އަސްދޫންޏެއްހެން ތުންގަނޑު އަނބުރައިގެން ޕްރޮފައިލް ޕިކްޗާ އަޕްލޯޑް ކުރާ ކުދިންވެސް ހަމަ މަދެއް ނޫނެވެ. އަދި ޕްރިސްމާ ކޮށްލާ ކުދިންގެ އަދަދުވެސް ކަނޑަނީ ކުރިޔަށެވެ.
މިކަހަލަ “ޓްރެންޑް” ތަކުގެ އިތުރުން ބުރުގާ އަޅާ ކުދިން އިސްތަށިގަނޑުން ބައެއް ފެންނާނޭހެން ނުވަތަ ބުރުގާ ނަގާފައިވެސް ފޮޓޯ އަޕްލޯޑް ކޮށްލަފާނެ އެވެ. މުޅި އާއިލާ ހިމެނޭ ޕްރޮފައިލް ޕިކްޗާއެއް ލާފައި އިނީމާ ޕްރޮފައިލް ޕިކްޗާއިން އެއީ ކޮން ކުއްޖެއްކަން ވަކި ކޮށްލުމަކީ ޗައިނާގެ ބޮޑުފާރު އެއް ކޮޅުން އަނެއް ކޮޅަށް ޖެއްސުންފަދަ ކަމެކެވެ. ހަށިގަނޑުގެ ބައްޓަމާމެދު އެހާ ހިތްހަމަ ނުޖެހޭ ކުދިން އަޕްލޯޑް ކުރާ ފޮޓޯގައި އަބަދުވެސް އިންނާނީ މޮޅު އެޕްލިކޭޝަނަކަށް ކެތް ނުކުރެވޭވަރަށް ކުޅަދާނަކަން ދައްކާލާފައިހުރި މޫނުގެ ފޮޓޯއެކެވެ. ވިކްޓޯރިއާ ސީކްރެޓް ފެންވަރަށް މޮޑެލް ކޮށްލާފައި ހުންނަ ޕްރޮފައިލް ވީޑިއޯތައްވެސް އުފެދެމުންދާއިރު މުޅި ހަށިގަނޑު “ސްލިމް” ކޮށްލެވޭފަދަ އެޕްލިކޭޝަންތަކުން ޒީނަތް ކޮށްލާފައި ހުންނަ ޕްރޮފައިލް ޕިކްޗާތަކަކީވެސް ހަމަ ހުނަރުވެރިކަމުން ފުރިގެންވާ ލާމަސީލު ނަމޫނާތަކެވެ.
ޕްރިސްމާ ބޭނުންކޮށްފައިވާ ފޮޓޯއެއް
މި ހުރިހާ ކަމަކީ ގޯސް ކަންކަމަށް ނުވެދާނެ އެވެ. އަދި މިއީ ރަނގަޅު ކަންކަމޭ ވަކި ބުނެވޭނެ ޖާގައެއްވެސް ނެތެވެ. އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށޭ ބުނާނޭ މީހުންވެސް އުޅޭނެ އެވެ. ނަމަވެސް ދުވާލު ދެ ދަޅަޔަށް ޕްރޮފައިލް ޕިކްޗާ ބަދަލުކުރުމަކީވެސް ކަމުދާ ގޮތެއް ނޫނެވެ. ތިމާގެ އަސްލު ގެއްލޭވަރަށް ޕްރޮފައިލް ޕިކްޗާތައް ޕޮޓޯޝޮޕުންނާއި، އެހެނިހެންވެސް މޭކަޕް އެޕްތަކުން އެޑިޓް ކޮށްފައި އެޅުމަކީވެސް ތިމާގެ އަމިއްލަ ނަފްސަށް ތިމާ ގަޔާ ނުވާކަން އަންގައިދޭނެ ކަމެކެވެ. އަދި ތިމާގެ އަމިއްލަ އިއްޒަތާއި ކަރާމާތް ގެއްލޭފަދަ ގޮތަކަށް ފޮޓޯތައް އަޕްލޯޑް ކުރުމަކީވެސް ލަދުވެތިވާން ޖެހޭނެ ކަމެކެވެ. މީގެ އިތުރުން ޕްރޮފައިލް ޕިކްޗާއިން ކާކު ކަމެއް ނޭނގޭ ގޮތަށް ބަހައްޓައިގެން އެހެން މީހުނަށް ފްރެންޑް ރިކުއެސްޓް ފޮނުވުމަކީވެސް ރަނގަޅު ގޮތެއް ކަމަކަށް ނުފެނެ އެވެ. މިފަދަ ކަންތައްތަކާމެދު ވިސްނާ އަޅުގަނޑުމެންވެސް ތަންކޮޅެއް ތަހުޒީބު ވާން ވެއްޖެ އެވެ.