ޕީއެސްއެމް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ހދ.ކުޅުދުއްފުށީ އޮޑިޝަން މިއޮކްޓޫބަރ 22 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ.
އޮޑިޝަން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 22 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އެވެ. އަދި އޮޑިޝަނުގެ ތައްޔާރީތައް އޮކްޓޯބަރ 19 ފެށިގެން ހދ.އަތޮޅު ތައުލީމީ މަރުކަޒްގެ ހޯލްގައި ކުރިއަށް ގެންދުމަށް ވަނީ ހަމަޖެހިފައި އެވެ.
ޕީއެސްއެމް އިން މައުލޫމާތު ދޭގޮތުގައި އެދުވަހުގެ 9:00 އާ ހިސާބަށް އޮޑިޝަންއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ރެޖިސްޓްރޭޝަން މޭޒްގައި އޮންނާނެއެވެ. އަދި ރަށްރަށުން އަންނަ ކުދިން ކުޑަތަންކޮޅެއް ލަސްވިނަމަވެސް ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ދެވޭތޯ މަސައްކަތްކުރާނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެފައި ވެއެވެ.
މޯލްޑިވިއަން އައިޑަލްގައި ބައިވެރިވެވޭނީ 16 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
އޮޑިޝަނަށް އަންނައިރު އެފަރާތްތަކުގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއްގެ އިތުރުން އައިޑީކާޑު ގެންނަންޖެހޭނެކަމަށް ޕީއެސްއެމްއިން ވަނީ މައުލޫމާތުދީފައި އެވެ.
އަދި 18 އަހަރުން ދަށުގެ ކުދިން އޮޑިޝަނަށް އަންނައިރު 25 އަހަރުން މަތީގެ ބެލެނިވެރިޔަކާއި ބެލެނިވެރިޔާގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް އަދި އައިޑީކާޑު ގެންދަން ޖެހެ އެވެ.
މިފަހަރުގެ ސީޒަންގެ ޖަޖުންނަކީ ކުރިން ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އަދި އިބްރާހީމް އަލީގެ އިތުރުން އަލަށް ޕެނަލްއާ ގުޅުނު އިސްމާޢީލް އައްފާނެވެ. މިފަހަރުގެ ޝޯ ހުށަހަޅައިދޭނީ މޫސާ ވަސީމް އަދި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފެވެ.
ކުޅުދުއްފުށީގެ އިތުރުން މި ސީޒަންގެ އޮޑިޝަންތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ލ.ގަން، މާލޭ ސިޓީ އަދި ބ.އޭދަފުށީގައެވެ.