ޑިޕްރެޝަނަކީ މުޅިމީހާގެ ދުނިޔެ ބަދަލު ކޮށްލާ ކަމަކެވެ. އަވަހަށް ސަލާމަތް ނުވެވިއްޖެނަމަ މުޅި މީހާގެ ދިރިއުޅުން އަނދިރި ކަމެއްގެ ތެރެއަށް ވައްޓާލާ ދުނިޔެ މަތިން ފޫހިކޮށްލާ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެކި އުމުރުފުރާ ތަކުން ޑިޕްރެޝަންގެ ޝިކާރައަށްވެފައި ގާތްގަނޑަކަށް 350 މިލިއަން މީހުން އެބައުޅެއެވެ. މީހެ ތެރެއިން ގިނައީ އަންހެނުންނެވެ. ނުވަތަ އަންހެން ކުދިންނެވެ.
ޑިޕްރެޝަން ސަބަބުން ކަންކަމާއި ކުރިމަތިލައި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގެއްލި ކުދިކުދި ކަންކަމާއި ދެރަވެ މާޔޫސް ވާ ގޮތް ވެއެވެ. މީއީ އަދި މަދު ކަމެކެވެ. ޑިޕްރެޝަންގެ ސަބަބުން އެކަނިވެރިކަމަށް ލޯބި ކުރެވެއެވެ. އެކަހެރިކޮށް ގިނައިން ކަންކަމާއި ވިސްނޭގޮތް ވެއެވެ. ގިނަ ބަޔަކު މިކަމަށް ޑޮކްޓަރީ ބޭސްބޭނުންކޮށް ހައްލު ހޯދައެވެ. ނަމަވެސް މިއީ ވަގުތީ ހައްލެއް ނޫނެވެ. ތިމާ އަމިއްލައަށް މިކަމުން ސަލާމަތްވުމަށް މަސައްކަތް ނުކުރާހާ ހިނދަކު މިއީ ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫނެވެ.
ދެން އޮތް ސުވާލަކީ އަމިއްލައަށް ކުރެވޭނެ ކަމެއް އެބައޮތް ތޯ އެވެ. ޖަވާބަކީ އާނއެކެވެ. ތިރީގައި މިވަނީ އަމިއްލައަށް ޑިޕްރެޝަނާއި ދުރުވުމަށް ކުރެވޭނެ ބައެއް ކަންކަމެވެ.
އެހެން މީހުންނާއި ގުޅިގެން އުޅުން
ޑިޕްރެޝަންގެ ޝިކާރައަށް ވެފައިވާ މީހަކު ބޭނުންވާނީ އެހެން މީހުންނާއި އެކަހެރިވެގެން އުޅޭށެވެ. އެއީ އަދި އެންމެ ރަގަނޅު ގޮތެއްނޫނެވެ. އެކަހެރިވެ އެކަނި އުޅުމުގެ ސަބަބުން ގިނައިން ކަންކަމާއި ވިސްނި އިތުރަށް މާޔޫސްވާ ގޮތް ދިމާވެ އެވެ. މީގެ ބަދަލުގައި އެހެން މީހުންނާއި ގުޅިގެން އުޅޭށެވެ. ތިމާގެ މައްސަލަތަށް އެހެން މީހުންނާއި ހިއްސާކުރާށެވެ.
ގަވައިދުން ކަސްރަތުކުރާށެވެ
ކޮންމެ ދުވަހަކަވެސް ވަކި ވަގުތެއްގައި ކަސްރަތު ކުރަން އާދަ ކުރާށެވެ. ނުވަތަ ޔޯގާ ހަދާށެވެ. މިއީ ސިކުނޑިއަށް ލުއިކޮށްދޭ ކަމެކެވެ.
8 ގަޑިއިރުގެ ނިދި ހަމަކުރާށެވެ
ހަމައަށް ނިދި ނުލިބުމަކީ ޑިޕްރެޝަން އިތުރު ވުމަށް މަގުފައިވާ ކަމެކެވެ. އެހެންކަމުން ނިދުމަށް ވަކި ގަޑިއެއް ކަނޑައަޅައި ކޮންމެ ދުވަހަކުވެސް 8 ގަނޑިއިރުގެ ނިދި ހަމަކުރަން އާދަ ކުރާށެވެ.
ސިއްހަތާ މެދު ފަރުވާތެރި ވާށެވެ
ޑިޕްރެޝަންގެ ސަބަބުން ކާހިތް ކެނޑުން ވެސް މިއީ ދިމާވާކަމެކެވެ. އެހެން ކަމުން ކެއުމާ ދުރުވެވޭގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން އިތުރު ބަލިތަކަށް މަގުފައިވެ ސިއްހީ ދުޅަހެއޮކަން ދަށައްދާ ގޮތް ވެއެވެ. އެގޮތުން ކެއުމުގައި ގިނައިން ތަރުކާރީ، މެވާ ހިމަނާށެވެ. އަދި ޕްރޮޓިން، ކާބޯހައިޑްރޭޑް އަދި ވިޓަމިން ޑީ ހިމެނޭ ބާވަތްތައް ބޭނުން ކުރާށެވެ. މި މާއްދާތައް ތިމާގެ މޫޑް ރަނގަޅު ކޮށްދިނުމަށް އެހީވެދޭނެ އެވެ.