twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހދ އަތޮޅުން ހުސް ޝަކުވާ – މުއިއްޒު އިންނެވީ ހަނު

Jan 26, 2017

ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއްއިޒު ވަނީ ދާދި އިހަށްދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހދ.އަތޮޅުގެ ރަށްތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބަލައި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށްކަމަށް ވިދާޅުވެ ދަތުރުފުޅެއް ކުރައްވާފަ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރ މުއިއްޒުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ބައިވެރިވެވަޑައިގަތެވެ.

މިދަތުރުފުޅުގައި ހދ އަތޮޅުގެ ގިނަ ރަށްތަކަށް މިނިސްޓަރު ވަޑައިގެންނެވިއިރު ހުރިހާ ރަށަކުންވެސް މުއިއްޒުގެ ވަފުދަށް މަރުހަބާ ދެންނެވީ ޝަކުވާތަކާ އެކު އެވެ. ސަރުކާރުން ހދ އަތޮޅަށްވެފައިވާ ތަރައްގީގެ ވައުދުތައް ނުފުއްދިފައިވާކަމަށާއި ގިނަ ރަށްތަކުގައި ކުރިން ކުރަމުންދިޔަ މަޝްރޫއުތައްވެސް ހުއްޓިފައިވާކަމުގެ ޝަކުވާ އެވެ.

ނޭކުރަންދޫއަށް މިނިސްޓަރ މުއިއްޒު ވަޑައިގަތުމުންވެސް މިޝަކުވާތައް ކައުންސިލުން ބަންޑުންކޮށްލި އެވެ. އެރަށުގައި ސަރުކަރުން އަޅަން ހަމަޖެހިފައިވީ ޖަލުގެ މަސައްކަތް ބާރަށް ކުރިއަށްގޮސް މިހާރު މަޑުޖެހި މިހާރު މަސައްކަތް ވީހިސާބެއްވެސް ނޭނގެ އެެވެ. މިނިސްޓަރު ނޭކުރަންދޫ ކައުންސިލާ ބައްދަލުކުރިއިރު އިދިކޮޅު ކައުންސިލަރުން ވަނީ އެޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.

މަކުނުދޫއިންވެސް މިޝަކުވާ ބޮޑެވެ. ރައީސް ކޮށްދެއްވާނެކަމަށް ވިދާޅުވި ތަރައްގީގެ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުމެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އެއްކަމެއް ތަފާތެވެ. މިވަރަށް ޝަކުވާ ކުރުމުންވެސް ކޮށްދެއްވާނަމޭވެސް ނޫނީ ނުކޮށްދެއްވާނަމޭވެސް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި ވިދާޅުވަނީ ތިކަމެއް ގޮސްފައި އޮތް ހިސާބެއް ބަލާނެ ކަމަށެވެ. ނޫނީ ތިކަމެއް އެނގިވަޑައިގެންފަ ނުވާ ކަމަށެވެ.

ނޮޅިވަރަންފަރަށް ވަޑައިގަތުމުން ހިއްވަރު ގަދަ އަންހެންވެރިންތަކެއް ވަނީ މުއިއްޒުގެ ވަފުދާ ދެކޮޅަށް ހިމޭންކަމުގެ އިހުތިޖާޖެއްކޮށްފަ އެވެ. އެއީވެސް ހަމަ ސަރުކާރުންވެފައިވާ ވައުދުތައް ނުފުއްދާތީ އެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން މުއިއްޒު ވިދާޅުވެފައިވަނީ ބޯހިޔާވަހިކަން ލިބިފައިނުވާ ބަޔަކު އެރަށުގައި އުޅޭކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ.

މިނިސްޓަރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މިނޫހުން ވަނީ މިނިސްޓަރުގެ އިންޓަވިއުއަކަށް އެދިފަ އެވެ. އިންޓަވިއުގައި ސާފުކުރަން ބޭނުންވީ ހދ އަތޮޅުގައި ހުރި ތަރައްގީގެ މަޝްރޫއުތައް ނުފެށި ހުރި ސަބަބު ހޯދުމަށެވެ. ނަމަވެސް ސުވާލުކޮށްލުމަށް ފުރުސަތުތެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ވިދާޅުވީ އެރޭގެ ފަހުގެ ވަގުތެއްގައި “ކޭއޯ” އަށް އިންޓަވިއުއެއް ދެއްވާނެ ކަމަށެވެ. ނަމަވެސް ބަހަބަރެވެ. މިނިސްޓަރު ކުޅުދުއްފުށިން ފުރިއިރުވެސް އިންޓަވިއުއެއް ނުދެއްވަ އެވެ. އޭގެ ފަހުން ފޯނު އިންޓަވިއުއަކަށް ދެ ފަހަރަށް އެދުމުންވެސް އިންޓަވިއުދެއްވަން މިނިސްޓަރު ދެކޮޅު ހެދެއްވި އެވެ.

މިނިސްޓަރުގެ މިވަފުދު ދަތުރުފުޅެއް ސާފެއް ނުވި އެވެ. ހދ އަތޮޅުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިދަތުރުފުޅުގެ ބޭނުންމަކީ ރައްޔިތުން ގުނބޯހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355