އިންސާނާ ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ އެއްކަމަކީ ނޭވާލުމެވެ. އެގޮތުން ނޭވާލުމުގެ އަސްލަކީ ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ އޮކްސިޖަން އެތެރެކުރުމާއި ހަށިގަނޑަށް ބޭނުންނުވާ ކާބަންޑައިއޮކްސައިޑާއި އެހެނިހެން ގޭސްތައް ހަށިގަނޑުން ބޭރުކުރުމެވެ. އެގޮތުން މިނިޒާމްގައި ބައިވެރިވާ ގުނަވަންތަކަކީ ނޭފަތާއި އަގައިގެ އިތުރުން ފުއްޕާމެއެވެ. މީގެއިތުރުން މިކަމުގައި ޖުމްލަކޮން މުޅިހަށިގަނޑު ހިއްސާވެއެވެ.
ނޭވާލުމުގެ ނިޒާމް (ރެސްޕިރޭޓަރީ ސިސްޓަމް) އަކީ އިންސާނުންނުންގެ ހަށިގަނޑަށް ޖަރާސީމުވަނުމުގެ މައިދޮރާށިކަމަށްވެފައި ނޭވާލުމުގައި ސަމާލުކަން ދޭންވީ ކަންކަން އޮޅުންފިލާފައި އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. އެކަށީގެންވާވަރަށް މަޢުލޫމާތުހުރެ އެމަޢުލޫމާތާއި އެއްގޮތަށް އަމަލުކުރެވިއްޖެނަމަ އާންމުކޮށް ސީދާ އެކަކުގައިން އަނެކަކުގެ އަރާ ބަލިތަކުގެ ބޮޑު އިންސައްތައެއްގެ ބަލިތަކުން ރައްކާތެރިވެވިދާނެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެންބޭރުވާގޮތްތަކާއި މެދު އާންމުފަރާތަކާއި ސުވާލުކުރެވިއްޖެނަމަ އާންމުކޮށް ލިބޭޖަވާބުތަކަކީ ފެންބޭރުވާގޮތްތަކަކީ ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމާއި ދާހިއްލުމެވެ. ނަމަވެސް ނޭވާލާއިރު ބޭރުވާ ފެނުގެ ނިސްބަތުގެ ވާހަކަ ހަނދާންވަނީ މަދުފަރާތަކުންނެވެ. ނޭވާލާއިރު ބޭރުވާ ފެނުގެ މައިގަނޑު ބޭނުމަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމެވެ.
ނޭވާލުމަށް ހަށިގަނޑަށް ވައި ވަނުމަށް އަގަޔާއި ނޭފަތް ބޭނުންކުރެވެއެވެ. އެކި ހާލަތްތަކުގައި އެކިމީހުން ބޭނުންކުރުމުގައި މިދެގުނަވަނުގެ ތަރުތީބު ގެންގުޅެނީ އެކިގޮތަށެވެ. އެގޮތުން ނުބައިވަހެއް ދުވާނަމަ ނުވަތަ ހިރަފުސްކަހަލަ ކުޑިއެއް ހުރި މާހައުލުތަކުގައި ނޭފަތް ނިވާކޮށް އަގަ ނޭވާލުމައް ބޭނުންކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް މިއާދައަކީ ޞިއްހީގޮތުން ބަލާއިރު ރަނގަޅުގޮތެއްނޫނެވެ. ސަބަބަކީ ނޭފަތާއި ހިލާފަށް އަނގަޔަކީ އެތެރެވާ ވައިގެ ފިލްޓަރޭޝަން (ވައި ސާފުވުން) ނޭފަތާއި އެއްވަރަށް ވާތަނަކަށްނުވުމެވެ. ނޭފަތުގެ ނިޒާމް ހަމަޖެހިފައިވާގޮތުން ވައި ސާފުކުރުމުގެ ފުރުސަތު ބޮޑީ އަނގަޔަށްވުރެން ނޭފަތަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އެންމެ ރަގަޅު ޞިއްހީ އާދައަކީ ނޭފަތް ނިވާކުރުމަށް މާސްކު ބޭނުންކުރުން ނުވަތަ ރުމާ، ޓިޝޫ ފަދަ އާލާތެއް ބޭނުންކުރުމެވެ.
އަދި ވީވަރަކުން ނޭފަތުން ނޭވާލުމަށް އިސްކަންދިނުމެވެ. ހަމައެއާއެކު ކަސްރަތުކުރުމާއި ކުޅިވަރުތަކުގައި ހަރަކާތްތެރިވާއިރުވެސް ނޭފަތުން ނޭވާލުމާއި އަވަސް އަވަހަށް ނޭވާލުމުގެ ބަދަލުގައި ނޭފަތުން ތަންކޮޅެއް ފުންކޮށް އަދި ދިގުކޮށް ނޭވާލުމުން ވަރުބަލިވުމުގެ އުދަގޫތައް ކުޑަކޮށްދޭނެއެވެ. ހާއްސަކޮން ހިރަފުސް މާހައުލު ތަކުގައި ނޭފަތުން ނޭވާލުމާއެކު މާސްކު ބޭނުންކުރުން ނުވަތަ ނޭފަތް ނިވާކުރުމަށް ސަމާލުކަން ދޭށެވެ. އަދި ހާއްސަކޮން ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަމަތި ނިވާކުރުމަށް އާދަކުރާށެވެ.