މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގެ މެޗު މާދަމާ ހޯރަފުށީގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗު ބެލުމަށްޓަކައި ކުޅުދުއްފުށިން އެކަނިވެސް ހާހެއްހާ ސަޕޯޓަރުން ދާނެކަމަށް އަންދާޒާކުރެވެ އެވެ.
ކުޅުދުއްފުށީ ކައުންސިލާއި ބައެއް ބޯޓް ފަހަރުތަކުގެ ވެރިން އަދި ސަޕޯޓަރުން ގުޅިގެން ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށްދިއުމަށް ހިލޭ 450 ޓިކެޓް ވަނީ ދޫކޮށްފަ އެވެ.
އަދި ހަމައެއާއެކު މާދަމާގެ މެޗަށް ސަޕޯޓުކުރުމަށް ދިއުމަށް ކުޅުދުއްފުށިގެ ހުރިހާ ލޯންޗުތަކެއްވެސް ވަނީ ފުލްވެފަ އެވެ. ބައެއް ލޯންޗުތައް ފުލުވެ ޑިމާންޑް ބޯޑުވެ ކުޅުދުއްފުއްޓާއި ހޯރަފުއްޓާ ދޭތެރޭގައި ސަޕޯޓަރުން ގޮވައިގެން 2،3 ބުރު ޖަހަން ވެސް ހަމަޖެހިފައިވާކަމަށް ލޯންޗުތަކުން ބުނެ އެވެ.
ކުޅުދުއްފުށީގެ ލޯންޗުތައް ފުލްވުމުން ހދ އަތޮޅުގެ އެހެން ރަށްރަށުގެ ލޯޗުތަކާއި ށ އަތޮޅުގެ ބައެއް ރަށްރަށުގެ ލޯޗުތައްވެސް ވަނީ ކުޅުދުއްފުށީ ސަޕޯޓަރުން ދިއުމަށް ހިފާފަ އެވެ.
ކުޅުދުއްފުށީ ސަޕޯޓަރުންގެ އިތުރުން މިމެޗު ބަލާލުމަށް ހދ އަތޮޅާއި ހއ އަތޮޅުގެ ރަށްރަށުންވެސް ގިނަ އަދަދެއްގެ ބަޔަކު ހޯރަފުއްޓަށް އަރާނެކަމަށްވަނީ އެރަށު ކައުންސިލުންވެސް ލަފާކޮށްފަ އެވެ.