ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާދެއްވާ ލަތީފު ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
ސިޓީގައ ލަތީފު ވިދާޅުވި ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ހޮވިވަޑައިގަތް ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތީ ސަރުކާރާ ގުޅިގެން ގައުމަށާއި ދިއްދޫ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރެއްވުމުގެ އަޒުމާއި އުއްމީދުގަ އެވެ.
އަދި ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭން މަޖިލިހުގެ ތެރެއިންނާއި ބޭރުން މަސައްކަތްކުރެއްވުމުގެ ނިޔަތް ވެސް އޮތް ކަމަށް ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ޕީޕީއެމް އިން އެންގި ގޮތަށް މަޖިލިހުގައި ވޯޓް ދެއްވައި، ޕީޕީއެމްގެ އެ ނިންމުންތައް ދިފާއުކުރައްވަން ޕޯޑިއަމްތަކާއި ޓީވީތަކުގައި ސާބިތުކަމާ އެކު ވާހަކަދައްކަވާފައިވާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެކަން ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އޭނާ ބޭނުންވަނީ ދިއްދޫ ޒުވާނުންނާއި ރައްޔިތުންގެ ހައްގުގައި ސާބިތުވެ ހުންނަވައިގެން މަސައްކަތް ކުރައްވާށެވެ. އެހެންކަމުން ޕީޕީއެމުން ވަކިވެވަޑައިގަތީ، ޕީޕީއެމުން ނެރޭ ކޮންމެ ވިޕްލައިނަކާ އެއްގޮތަށް ވޯޓު ނުދެއްވޭނެތީ ކަމަށް ސިޓީގައިވެ އެވެ.
ލަތީފަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ލިސްޓުގައި ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ.