ދިގު މުއްދަތަށް ބަލާއިރު ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ މުހިންމުކަމެއް ނޫން ކަމަށާއި ކުޅުދުއްފުއްޓަށް މުހިންމީ ހަނިމާދޫއާ ދޭތެރޭ ދަތުރުކުރާ ފެރީ، ސްޕީޑް ފެރީއަށް ބަދަލުކޮށް އަގުހެޔޮވުންކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓްގައި އާތިފް ވިދާޅުވެފައިވަނީ، ރައްޔިތުން ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ބޭނުންވަނީ ހަނިމާދޫއާ ދެމެދު ކުރަން ޖެހޭ ހަރަދު ބޮޑުވުމުން އެކަމަށް ނިނުމެއް ގެންނަން ބޭނުންވާތީ ކަމަށެވެ. އަބާދީ ކުޑާ ގައުމެއްގައި އެއާޕޯޓް ގިނަވުމަކީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް އިތުރަށް އަގު ބޮޑު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
އޭގެ ބަދަލުގައި އަތޮޅުގައި ފެރީ ސިސްޓަމެއް ތަރައްގީކޮށް ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ދާއިމީކޮށް ސްޕީޑް ފެރީ ސިސްޓަމެއް ގާއިމު ކުރުން މާ ރަނގަޅު ކަމަށާއި، ފެރީ ނިޒާމުން ފައިދާ ހޯދުމުގެ ބަދަލުގައި ރަށެއް ދީގެން ނަމަވެސް ފެރީ ހިދުމަތުގެ އަގު ލިމިޓް ކުރެވެން ޖެހޭ ކަމަށް ޕޯސްޓުގައި އާތިފް ވިދާޅުވެފައިވެ އެވެ. އަދި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާއިރު ކަނޑު ދަތުރުފަތުރަކީ އަސާސީ ހިދުމަތަކަށް ވާންޖެހޭ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
” ފެރީ އޮޕަރޭޓްކުރާ ފަރާތަކަށް ރަށެއް ދީފައި އަތޮޅު ފެރީ ސިސްޓަމް ތަރައްގީކޮށް ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ރެގިއުލާ ފެރީ ސިސްޓަމެއް ގާއިމްކޮށް 25 ރުފިޔާއަށް ހަދާލުން މާ ރަނގަޅުވާނެ. ” އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، ކަމެއް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް އެހެން ކަންކަން ކުރުމަކީ އެތަކެއް ހަރަދު އިތުރުވެ، ހިޔާލު ތަފާތުވުންތައް އުފެދި މައްސަލައަށް ހައްލެއް ގެނައުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ. އެހެންކަމުން ކަންކަމަށް ވައުދުވެވަޑައިގަންނަވާއިރު އެކަންކަމަށް ވިސްނަންޖެހޭނެ ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ރައީސް ވައުދުވެވައިގެންފައިވީނަމަވެސް އެމަޝްރޫއު އެހާ ބޮޑަށް ކޮންޕްލިކޭޓް ވެގެން ގޮސްފައިވަނީ ކުޅުދުއްޓަށް ދިގު މުއްދަތަކަށް ބަލާއިރު އެއާޕޯޓުން ފައިދާ ނެތީމަ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައޮ އެއާޕޯޓު އެޅުމަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށް އާތިފް ވިދާޅުވި އެވެ.