ބޮޑެތި އިނާމުތަކާ އެކު ދިރާގުން ރާޅުބިސް (އާރުބީ) ކުއެސްޓްގެ ނަމުގައި ގޭމެއް ތައާރަފްކޮށްފި އެވެ.
ދިރާގުން މައުލޫތު ލިބޭ ގޮތުގައި މި ގޭމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ އާގިއުމެންޓެޑް ރިއަލިޓީ ގޭމް އެޕް ކަމަށެވެ.
އަދި މި ގޭމް ކުރިއަށް ގެންދާނީ އޮގަސްޓް 25 ން 29 ގެ ރޭނގަޑު ބާރައިގެ ނިޔަލަށް ކަމަށާއި އެ ފަސް ދުވަހުން އެންމެ ގިނަ ރާޅުބިސް ހޮވާ ތިން މީހަކަށް ބޮޑެތި އިނާމުތައް ލިބޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަރާތަކަށް ލިބިގެންދާނީ ދެ މީހަކު ޔޫރަޕްގެ ހަތަރު ގައުމަކަށް ދިޔުމަށް 8 ދުވަހުގެ ދަތުރެއް ކަމަށާއި ދެވަނަ ފަރާތަށް ފުލް މޫން ރިސޯޓުގައި ތިން ދުވަހުގެ ހުރުމުގެ އިތުރުން ތިންވަނަ ފަރާތަކަށް ޑިޖިޓަލް ޕެކެއް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ޑިޖިޓަލް ޕެކްގައި ހިމެނެނީ ޕީއެސް 4، މެކްބުކް ޕްރޯ އަދި ސެމްސަން ގެލެކްސީ 8 އެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ދިރާގުން މައުލޫމާތު ދޭގޮތުގައި އައިއޯއެސް އަދި އެޕްސްޓޯ އިން އާރުބީ ކުއެސްޓް ޑައުންލޯޑްކުރުމަށްފަހު ފޯނު ނަންބަރު ރެޖިސްޓްރީ ކުރުމުން ގޭމް ކުޅެވޭނެ ކަމަށެވެ. އަދި ގޭމުގައި އެހީތެރިއަކަށް އުޅޭ ކެރެކްޓާ އަކީ ދިވެހި ފޭއްޔެއްގައި ހުސް ގަޔާ ހުންނަ “ކަލޯ” ކިޔާ ކެރެކްޓާއެއް ކަމަށާއި އެ ވަގުތެއްގައި ރާޅުބިސް އެންމެ ގިނައިން ހުރީ ކޮން ތަނެއްގައިކަން ހޯދުމަށް ކަލޯގެ އެހީތެރިކަން ގޭމް ކުޅެން ފެށުމުން ލިބޭނެ ކަމަށެވެ.
އަދި ރާޅުބިސް ހުރި ތާކަށް ދިއުމުން ސްކްރީނަށް އަރާނެ ކަމަށާއި ރާޅުބިސްތައް ހޮވޭނީ ސްކްރީނަށް އަރާ އެއްޗެއްސަށް ފިއްތުމުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު އެންމެ ގިނައިން ރާޅުބިސް ހޮވާ 10 ފަރާތެއް ލީޑާ ބޯޑުން ފެންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން އެފަރާތުން މައުލޫމާތުދޭ ގޮތުގައި ގޭމް ކުރިއަށްދާ ކޮންމެ ދުވަހަކަށް އެ ދުވަހަކު އެންމެ ގިނަ ރާޅުބިސް ހޮވާ ފަރާތަކަށް އެޕަލް ގަޑިއެއް ލިބޭނެ ކަމަށާއި ބޮޑެތި ޑިސްކައުންޓްތަކާއިއެކު ހިލޭ ކޮފީ ލިބުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.