ބީއެމްއެލްް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއި ގުޅިގެން ޒުވާން ބާސްކެޓްބޯލް ކުޅުންތެރިން ތަމްރީންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހަވީރު ބޭންކުގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ ތަމްރީން ޕްރޮގްރާމްގައި ޒުވާން ޓީމުތައް ބޭނުންކުރާނެ ބީއެމްއެލް ބްރޭންޑެޑް ޖާޒީތައް ދައްކާލާފައެވެ.
އޭގެ އިތުރުން ނޭޕާލްގައި އޮންނަ ސައުތު އޭޝިޔަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި މި ޓީމު ވާދަކުރާއިރު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހާއްސަ ގިފްޓް ކާޑެއްވެސް ބޭންކުން ވަނީ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފައި އެވެ.
ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ތެރެއިން 1,000 ކުޅުންތެރިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ތަމްރީންތަކަށް އެހީތެރިވުމުގެ އިތުރުން އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްވެސް ބޭންކުން އެހީތެރިވެދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްއިން މިހާރުވެސް މިދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވަމުން ކަމަށާއި އޭގެ ތެރެއިން ކުޅިވަރު ކުޅޭ ޒުވާން އަންހެން އަދި ފިރިހެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ބޭނުންވާ ކަމަށެވެ. އަދި ބާސްކެޓްބޯޅައަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކުޅިވަރެއްކަމުގައިވާތީވެ މިކަމަށް އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމަށެވެ.